Sihru heki number 10 akaai Kushuge veshi
image
ގުފްތަގު އަޖީރު
0 ކޮމެންޓް
 

ސިއްރު ހެކި ނަންބަރު 10 އަކާއި ކުށުގެ ވެށި

ދިވެހިރާއްޖޭގައި މިހާރު ހިންގަމުން ގެންދާ ބޮޑެތި ޖަރީމާތަކުގައި ކުޑަކުދިން ބޭނުންކުރަމަކީ އާންމުކަމަކަށް ވަނީ ވެފަ އެވެ.
އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވީ ތިން މީހުންގެ ތެރޭގައި ހިމެނޭ އެކަކީވެސް ކުޑަކުއްޖެކެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި އެ ކުޑަ ކުއްޖާއަށް ދީފައިވާ ނަމަކީ 'ސިއްރު ހެކި ނަންބަރު 10" އެވެ.

2018 ވަނަ އަހަރު އެކަނިވެސް ޤާނޫނާ ޚިލާފުވެގެން ޖުމްލަ 349 ކުދިންގެ މައްސަލަ ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށަހަޅާފައިވެ އެވެ.މަރު ކޮމިޝަނުގެ ރިޕޯޓުގައި ބުނާގޮތުން ޑރ. އަފްރާޝީމް އަވަހާރަކޮށްލުމަށް ރޭވިއިރު އެ މައްސަލައިގައި ހިމެނޭ ކުޑަކުއްޖާ އެކަމުގައި ބައިވެރިވުމަށް ނިންމީ އެންމެ 10،000 ރުފިޔާ ލިބޭނެ ކަމުގެ އުއްމީދުގަ އެވެ. އެ ކުއްޖާއަށް ފައިސާ ހުށަހެޅީ ޑރ. އަފްރާޝީމް އަވަހާރަކޮށްލައިގެ ކުށް ސާބިތުވެފައިވާ ހުސައިން ހުމާމު އެވެ. ހުސެން ހުމާމުއަށް ފައިސާ ހުށަހެޅީ ހުމާމުގެ ގޭންގުގެ ލީޑަރު އަޒްލިފް ރައުފެވެ.

ހުމާމަކީ ވެސް އެ ގޭންގުގައި އެންމެ ފުރަތަމަ ބައިވެރިވިއިރު ކުޑަކުއްޖެއް ކަމަށް އޭނާގެ ރަހުމަތްތެރިން މައުލޫމާތުދެ އެވެ.

ގޭންގުތަކުގައި ހިމެނޭ ގިނަ ކުޑަކުދިން ނިދައި ކައިބޮއި ހަދަނީ ގޭންގުތަކުގެ އައްޑާތަކުގަ އެވެ. މިސާލަކަށް ހުމާމު ހިމެނޭ ގޭންގައި ހިމެނޭ ކުޑަކުދިންނާއި ހުމާމު ނިދައި ހަދާފައިވަނީ އާޓިފިޝަލް ބީޗު ޓާފު ބޯޅަދަނޑު ސަރަހައްދުގައި ހުރި ޖޯލި ފަތީގަ އެވެ.ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން ކެއުންބުއިމާއި އަންނައުނު ފަދަ ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ފައިސާކޮޅު ހޯދަނީ ތަފާތު ކުށްތައް ކޮށްގެންނެވެ. އެގޮތުން ގޭންގުތަކުގައި ފަރުދާގެ ފުރަގަހުގައި ތިބެގެން އެކުދިންނަށް ދޭ ފައިސާކޮޅަކީ އެ ކުދިން ކުރާ ބޮޑެތި ކުށްތަކާއި ނުބައްދަލު މަދު ފައިސާކޮޅެކެވެ.

މިސާލަކަށް މަރު ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން ހުސައިން ހުމާމު ލައްވައި އެއް ކިލޯގެ މަސްތުވާތަކެތި ޓްރެފިކް ކުރުމަށްފަހު އޭނާއަށް ދީފައިވަނީ އެންމެ 3،000 ރުފިޔާ އެވެ. ޑރ. އަފްރާޝީމް އަވަހާރަކޮށްލުމަށް ހުމާމު އެއްބަސްވީ އެއް މިލިއަން ރުފިޔާއަށް ކަމަށް ރިޕޯޓުގައި ބުނާއިރު ކުޑަކުއްޖާ އެއްބަސްވީ 10،000 ރުފިޔާ އަށެވެ. މިއީ ހުމާމަށް ލިބޭ ފައިސާގެ އެއް ޕަސަންޓެކެވެ. މިހެންކަމުން އެއް ކިލޯގެ މަސްތުވާތަކެތި ޓްރެފިކް ކުރިނަމަ ކުޑަކުއްޖާއަށް ލިބޭނެކަމަށް އަންދާޒާ ކުރެވޭ ރުފިޔާގެ އަދަދީ އެންމެ 300 ރުފިޔާ އެވެ.

ކުށުގެ ވެށީގައި ހަރަކާތްތެރިވާ ކުޑަކުދިންގެ އަދަދު އަންނަނީ އިތުރުވަމުން:

ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2010 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އައިއިރު ކުށުގެ ވެށީގައި ހަރަކާތްތެރިވާ ކުދިންގެ އަދަދު ވަނީ ގާތްގަނޑަކަށް 400 ޕަސަންޓު އިތުރުވެފަ އެވެ.2018 ވަނަ އަހަރު ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށަހެޅިފައިވާ މައްސަލަތަކުގައި ހިމެނޭ ދެ ޖިންސުގެ ކުދިންނަށް ބަލާއިރު
93 އިންސައްތަ އަކީ ފިރިހެން ކުދިނެވެ. ހަތެއް އިންސައްތަ އަކީ އަންހެން ކުދިންނެވެ.

ނިސްބަތުން އެންމެ ގިނައިން ހުށަހެޅިފައިވަނީ ޢުމުރުން 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ މައްސަލަތަކެވެ. މީގެތެރެއިން އެންމެ ގިނައީ 16 އަހަރުގެ އަންހެން އަދި ފިރިހެން ކުދިންގެ މައްސަލަތަކެވެ.

އަންހެން ކުދިންގެ މައްސަލަތަކަށް ބަލާއިރު ގިނަ ކުދިންނަކީ އެކުދިންނަށް ދޭންޖެހޭ ރައްކާތެރިކަން ނުދެވިގެން ކުށުގެ ވެއްޓަށް އަންނަ ކުދިންކަން ހުށަހެޅިފައިވާ މައްސަލަތަކުން ފާހަގަކުރެވޭ ކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން ބުނެ އެވެ.ކިޔެވުން ހުއްޓާލައި ކުށުގެ ވެށީގެ ތެރެއަށް:

2018 ވަނަ އަހަރު ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ 7.35 އިންސައްތަ ކުދިންނަކީ ސްކޫލުގައި އުޅޭކުދިންނެވެ.

އަދި 2.35 އިންސައްތަ ކުދިންނަކީ ވަކި ހިސާބަކުން ސްކޫލަށް ދިއުން ހުއްޓާލާފައިވާ ކުދިންނެވެ. 6.23 އިންސައްތަ ކުދިންނަކީ ސާނަވީ ފުރަތަމަ މަރުހަލާ ނިންމާފައިވާ ކުދިންކަން ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ސްކޫލަށް ދިއުން ހުއްޓާލާ ގްރޭޑްތަކުގެ ތެރޭގައި ގްރޭޑު 5 އިން ފަށައިގެން 10 ގައި ކިޔަވަމުން އަންނަ ކުދިން ހިމެނެ އެވެ.

އެންމެ ގިނައިން ސްކޫލުން ވަކިވެފައި ނުވަތަ ސްކޫލަށް ދިއުން ހުއްޓާލާފައިވަނީ ގުރޭޑް 8 އަދި 9 ގައި ކިޔަވަމުން ދިޔަ ކުދިންނެވެ.

ސްކޫލަށް ދިއުން ހުއްޓާލާ ސަބަބުތައް:

1. ކުށުގެ ވެށީގައި އުޅޭ ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކުރަން ބޭނުންވުން
2. އަނިޔާ ލިބިގެން ނުވަތަ ގެވެށި މައްސަލަތަކުގެ ސަބަބުންނާއި އިހުމާލު
3. އަޚްލާޤީ މައްސަލަތަކާ ގުޅިގެން ސްކޫލުން އަޅާ ފިޔަވަޅުގެ ސަބަބުން
4. ކުއްޖާގެ އަޚްލާޤީ މައްސަލަ ހައްލުކުރުމުގެ ނިޔަތުގައި މާލެއަށް ނުވަތަ އެހެން ރަށަކަށް ކިޔެވުން ބަދަލުވުމުން
5. ސްކޫލުގައި ތަފާތުކުރުން ގެންގުޅުންޖުވެނައިލް ޖަސްޓިސް ޔުނިޓުން ބުނާގޮތުން 2011 އިން 2018 އަށް ބަލާއިރު ގަސްތުގައި މީހުން މެރުމުގެ މައްސަލަތަކުގައި ބައިވެރިވެގެން 2012 ވަނަ އަހަރު 6 ކުދިންގެ މައްސަލަ ހުށަހެޅިފައިވާއިރު، 2016 އަހަރުގައިވެސް 6 ކުއްޖެއްގެ މައްސަލަ ހުށަހެޅިފައިވެ އެވެ.

2018 އަހަރު ތޫނު ހަތިޔާރު ގެންގުޅުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ 25 މައްސަލަ ހުށަހެޅިފައިވެ އެވެ. ވޭތުވެ ދިޔަ 8 އަހަރަށް ބަލާއިރު އެންމެ ގިނައިން ކުޑަކުދިން ކުރާ ކުށަކީ މާރާމާރީ ހިންގުމެވެ.

މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުން އަދި އެތަކެތީގެ ވިޔަފާރިކުރުމާއި އަތުގައި ބެހެއްޓުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެވެ އެވެ. އަދި ވޭތުވެދިޔަ 8 އަހަރު ތެރޭގައި ވައްކަންވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.ކުށްކުރަން މެދުވެރިވާ ސަބަބުތައް:

ޖުވެނައިލް ޖަސްޓިސް ޔުނިޓުން ބުނާގޮތުން ކުދިން ކުށްތަކަށް އަރައިގަތުމަށް މެދުވެރިވާ މައިގަނޑު 16 ސަބަބެއް އެބައޮތެވެ.

1. ކުދިންނަށް އެކަށީގެންވާ ތަރުބިއްޔަތު ނުލިބުމާއި، މައިންބަފައިން ރިވެތި ނަމޫނާ ނުދެއްކުމާއި، ފުރާވަރުއުމުރުގެ ކުދިންނަށް ދިމާވާ މައްސަލަތައް ދެނެގަތުމާއި ހައްލުކުރުމުގެ މައުލޫމާތާއި ހުނަރު މައިންބަފައިންނަށް ލިބިފައި ނެތުން.

2. ފުރާވަރުގެ ކުދިން ހެދުބޮޑުވުމުގައި ދިމާވާ ގޮންޖެހުންތަކާއި ނުފޫޒުތަކާއި ބޭނުންތައް ދެނެގަންނަން ނޭނގުން.

3. ކުދިންގެ ފަރާތުން ފެންނަ އަހްލާގީ މައްސަލަތައް ނުވަތަ ކުށްގެ އަމަލުތަކަކީ މާބޮޑު ކަމެއްކަމަށް ނުދެކި އެކަންތައްތައް ފޮރުވުން.

4. މައިންބަފައިން ނުވަތަ އިތުބާރު ހިފޭ މީހެއްގެ ފަރާތުން ޖިންސީ އަނިޔާ ލިބުމާއި އެފަދަ ކުދިން މުޖުތަމައުގައި
އެކަހެރިވުން.

5. ކުށުގެ ވެށީގައި ހަރަކާތްތެރިވާ ބޮޑެތި މީހުން، ކުޑަކުދިން ކުށުގެ ތެރެއަށް ވެއްދުމަށް މަސައްކަތްކުރުން.

6. ދަރިން ތަރުބިޔަތު ކުރުމުގެ ނިޔަތުގައި ކުދިންނަށް ބޮޑެތި ޖިސްމާނީ އަދި ނަފްސާނީ އަދަބުތައް ދިނުން.

7. މައިންބަފައިންގެ ފަރާތުން ކުދިންނަށް ދޭންވާ ވަރަށް ސަމާލުކަން ނުދެވުމާއި، ކުދިން އުޅޭ ނޫޅޭ ގޮތް ނުބެލުމާއި، ކުދިންނާމެދު އިހުމާލުވުމާއި، އަޅާލުންކުޑަވުމާއި، ކުދިން ކުށަށް އަރައިގަތުމުން އިސްލާހުކުރުމުގެ ބަދަލުގައި ކުށުގެ އަމަލުތައް ފޮރުވުމަށް މަސައްކަތް ކުރުން

8. އެކުގައި އުޅޭ އެކުވެރިންނާއި ގޭންގުތަކުގެ ނޭދެވޭ ނުފޫޒުގައި ކުދިންޖެހުން.

9. ކުށްކުރާ ގޭންގުތަކާއި ގުޅުމާއި ގޭންގުތަކާއި ގުޅުމަށް އެކުވެރިންގެ ނުފޫޒު ފޯރުން.

10. ފުރާވަރުގެ ކުދިން ހެދުބޮޑުވުމުގައި ދިމާވާ ގޮންޖެހުންތަކާއި ބޭނުންތައް ދެނެގަންނަން ނޭނގުން.

11. ކިޔެވުން ގެއްލޭ ކުދިންނަށް ތައުލީމާއި ތަމްރީނު ލިބޭނެ ފުރުސަތު އެންމެ އެކަށީގެން މިންވަރަށް ނެތުން.

12. އެއްގޮތަކަށްވެސް ސްކޫލަށް ނުދާ ކުދިން މަދުން ނަމަވެސް ފާހަގަ ކުރެވޭއިރު، މިފަދަ ކުދިންގެ މައިންބަފައިންނަށް ކުދިންގެ އަސާސީ ހައްގުތައް ފޯރުކޮށްދިނުމުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުން.

13. ސުލޫކީ މައްސަލަތައް ހުންނަ ކުދިންނަށް ބޭނުންވާ އެހީތެރިކަމާއި އަޅާލުން ދިނުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން ކުދިން ކުށްތަކަށް އަރައިގަތުން.

14. ބިނާކުރަނިވި ގޮތުގައި ހުސްވަގުތު ހޭދަކުރެވޭނެ ޕްރޮގްރާމްތައް ނެތުން.

15. ފުރާވަރުގެ ކުދިންނާއެކު ބެލެނިވެރިން ވަގުތު ހޭދަކުރުން މަދުވުން.

16. ގެވެށިއަނިޔާއާއި އާއިލާ ތެރޭގައި އަނިޔާވެރި މީހަކު އުޅުން ނުވަތަ އައިލާގައި ކުށްކުރާ މީހުން އުޅުން.
ހިޔާލު