Viyafaari thakaai gulhey dhaftharu ekulavaalan jehey bill Committee in faaskoffi
image
މަޖިލީހުގެ އިގްތިސޯދީ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން --
0 ކޮމެންޓް
 

ވިޔަފާރިތަކާއި ގުޅޭ ދަފްތަރު އެކުލަވާލަންޖެހޭ ބިލު ކޮމެޓީން ފާސްކޮށްފި

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ފާސްވުމުން ވިޔަފާރިތަކުގެ ދަފްތަރެއް އެކުލަވާލަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ބިލު އިގްތިސޯދީ ކޮމެޓީން ފާސްކޮށްފިއެވެ.
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ ބިލު ފާސްކުރީ ބައެއް ބަދަލުތައް ކޮމެޓީން ގެނައުމަށްފަހުއެވެ. މި ބިލު ފާސްވީ އަށް މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލުގައި ބުނެފައިވަނީ އިސްލާހު ފާސްވާތާ މަދުވެގެން ދެ މަސް ދުވަހުގެ ތެރޭގައި ވިޔަފާރިތަކުގެ ދަފްތަރެއް ރަޖިސްޓްރާ އެކުލަވާލަން ޖެހޭނެ ކަމަށެވެ. އިސްލާހުގައި ބުނެފައިވަނީ ވިޔަފާރީގެ އެއްވެސް ހަރަކާތެއް ފަށާތާ ހަތް ދުވަހުގެ ތެރޭގައި، ވިޔަފާރިތަކުގެ ދަފްތަރުގައި އެކުލަވާލުމަށްޓަކައި ރަޖިސްޓްރާއަށް ހުށަހަޅަންވާނެ ކަމަށެވެ.

އިސްލާހުގައި ބުނެފައިވަނީ ވަކި ބާވަތްތަކުގެ ވިޔަފާރި ހަރަކާތްތައް ހިންގުމާއި ގުޅޭ އުސޫލުތައް ބަޔާންކުރާ ގަވާއިދު ހެދުމުގެ އިހްތިޔާރު ރަޖިސްޓްރާއަށް ލިބިގެންވާ ކަމަށެވެ. އެގޮތުން ހަދާ ގަވާއިދުގައި ވަކި ބާވަތެއްގެ ވިޔަފާރި ހިންގިދާނެ ސަރަހައްދުތަކާއި ވަގުތުތަކާއި ވަކި ބާވަތެއްގެ ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގައި ހޯދަންޖެހޭ ހުއްދަތަކާއި ގުޅޭ އުސޫލުތައް ރަޖިސްޓްރާ ބަޔާން ކުރަންވާނެ ކަމަށެވެ.

މީގެއިތުރުން މި އިސްލާހުގައި ފޮރިން އިންވެސްޓުމަންޓާއި ގުޅޭ ގާނޫނުގެ ދަށުން ހުއްދަ ނުހޯދާ އެއްވެސް ބިދޭސީ ފަރާތަކަށް ރާއްޖޭގައި ވިޔަފާރި ނުކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ހިޔާލު