Valhin hamalaa dhee kandah ehllaali zuvaanaa ah bodethi kuhthakuge thuhumathu thakeh!
image
އަނިޔާވި މީހާ--
0 ކޮމެންޓް
 

ވަޅިން ހަމަލާދީ ކަނޑަށް އެއްލާލި ޒުވާނާއަށް ބޮޑެތި ކުށްތަކުގެ ތުހުމަތުތަކެއް!

ލަނޑާ ނެގުމުގެ މަސައްކަތް ކުރާ ދޯންޏެއްގައި ހިނގި މާރާމާރީއެެއްގައި ވަޅިން ހަމަލާދިނުމަށް ފަހު އެއްލާލާފައި އޮތް ޒުވާނާއަކީ ތަފާތު އެކި ކުށްތަކަށް އަރައިގަންނަމުން އަންނަ ޒުވާނެއްކަން ހާމަވެއްޖެއެވެ.
އުމުރުން 26 އަހަރުގެ އެ ޒުވާނައަކީ ރ. މަޑުއްވަރީއަށް ނިސްބަތްވާ ޒުވާނެކެވެ.

ތޫނު އެއްޗަކުން ހަމަލާދީ އެ ޒުވާނާ ކަނޑަށް އެއްލާލުމުން އޭނާ ވަނީ ފަތާފައި ގޮސް އއ. މާޅޮހަށް އަރާފައެވެ. އެރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު މިހާރު އޭނާއަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގައެވެ. ބޮލުގެ ފުއްކިބަޔާއި އަނގަމައްޗަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު މައުލޫމާތު ލިބޭ ގޮތުގައި އޭނާ ހާލު ވަރަށް ސީރިއަސް އެވެ.

މި މީހާއަކީ މާޅޮހަށް ނިސްބަތްވާ މީހެއްތޯ ބެލުމަށް މާޅޮހު ކައުންސިލްގެ ބޭފުޅުންނާއި ވާހަކަދައްކާލުމުން އެނގިގެން ދިޔައީ މި މީހާއަކީ ރ. އަތޮޅު މަޑުއްވަރީއަށް ނިސަބަތްވާ މީހެއް ކަމެވެ. އެހެންކަމުން މަޑުއްވަރީ ކައުންސިލްގެ ބޭފުޅުންނާއި ގުޅާލެވޭތޯ ބެލީމެވެ. ނަމަވެސް ކައުންސިލްގެ ބޭފުޅުންނަށް ސީދާ އެއީ ކާކުކަމެއް ނޭނގޭ ކަމަށް ބުންޏެވެ. އެހެންކަމުން ރަށުގެ ބައެއް މީހުންނާއި "ސީއެންއެމް" އިން ވާހަކަދައްކާލުމުން އެނގިގެން ދިޔައީ އެ ޒުވާނާއާއެކު ފަސް މީހަކު ލަނޑާ ނެގުމުގެ މަސައްކަތް ކުރަމުން އައި އެ ދޯންޏަކީ އެމީހުން ކުއްޔަށް ނަގައިގެން އުޅޭ ދޯންޏެއް ކަމެވެ. އެގޮތުން ދޯނި ކުއްޔަށް ނަގައިގެން އުޅެނީ މަހުން މަހަށް ފައިސާ ދައްކާ ގޮތަށް ކަމަށާއި ނަމަވެސް އެ ދޯންޏަށް ފައިސާ ނުދައްކާތާވެސް އެތައް މަހެއް ވެފައިވާ ކަމަށް ރަށުގެ ބައެއް މީހުން ބުންޏެވެ.

އަނިޔާކޮށް އެއްލާލާފައި ވަނީ ދޯނީގެ ކައްޕިއަށް ކަމަށް ވެސް މައުލޫމާތު ލިބޭއިރު އޭނާ، ހިމެނޭހެން ދޯނީގައި އުޅޭ މީހުންނަކީ ވައްކަމުގެ ކުށުގެ ރެކޯޑުވެސް އޮތް ބައެއް ކަމަށް މައުލޫމާތު ލިބެއެވެ. އެ ކައްޕިއަކީ އެކަންކަމުގެ "މާސްޓާމައިންޑް" ގޮތުގައި ވެސް އެ ޒުވާނާއާ ގުޅޭ ވާހަކަތައް ހިއްސާ ކުރި މީހަކު ކިޔައިދިނެވެ.

އެގޮތުން އެ ދޯނީގައި ލަނޑާ ނަގާ މީހުން މި މަހުގެ ތެރޭގައި ކ. އަތޮޅުގެ ރިސޯޓަކަށް އަރައި އެތަނުން ޑިންގީއެއް ވަގަށް ނަގަން އުޅެނިކޮށް ވެސް އަތުލައިގަތްކަން "ސީއެންއެމް"އިން ބެލި ބެލުމުން ވަނީ އެނގިފައެވެ.

އޭގެ އިތުރުން އެމީހުންނަކީ ދީނީ ހަރުކަށި ފިކުރުތަކަށް ބާރުއަޅާ ބައެކެވެ. އަދި އެމީހުންނާއެކު އުޅޭ ބައެއް މީހުން ސީރިޔާއަށް ދާން އުޅެނިކޮށް އެއާޕޯޓުން އެތައް ފަހަރަކު އަތުލައިގެންފައިވާ ކަމަށްވެސް މަޑުއްވަރިން ވާހަކަ ދެއްކި ބައެއް މީހުން ކިޔައިދިނެވެ.

މާޅޮހު ސިއްހީ މަރުކަޒަށް އަނިޔާވި ޒުވާނާ ގެންގޮސްފައި ވަނީ އެރަށުގެ ތުނޑީކޮޅުން އެހީއަށް އެދި ގޮވަމުން އައިސް، އެ ރަށު އެންމެ އަތިރީގައި ހުންނަ ގޭގެ ފާރު ބުޑަށް ވެއްޓިފައި ވަނިކޮށް ރޭ ދަންވަރު 03:06 ގައެވެ.

އޭނާ ހޯދުމަށް އެވަގުތު ބަޔަކު ރަށަށް އެރި ކަމަށް ވެސް އެރަށުން މީޑިއާތަކަށް ވާހަކަ ދެއްކި ބައެއް މީހުން ބުނެ އެވެ. އެކަމަކު އެވަގުތު ސިއްހީ މަރުކަޒު ބަންދުކޮށްގެން ދިޔައީ އޭނާއަށް ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅުންހުރި ފަރާތްތަކާއި ސުވާލުކޮށް ތަހުގީގު ކުރަމުންދާ ކަމަށެވެ. އެކަމަކު އެ ދޯނީގެ އެހެން މީހުން މިހާރު ހޯދިފައިވާކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެއެވެ.

މި މައްސަލާގައި އަނިޔާވި ޒުވާނާގެ މިހާރުގެ ހާލަތާއި ގުޅޭ މައުލޫމާތު ހޯދާލުމަށް އައިޖީއެމްއެޗަށް ވެސް ގުޅާލީމެވެ. ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ މިހާރުގެ ހާލަތާއި ގުޅޭގޮތުން އެއްޗެއް ބުނާކަށް ނޭނގެއެވެ.
މާރާމާރީ ފުލުހުން
ހިޔާލު