Kandah ehlaali zuvaanaa ulhenee umurun 13 aharuge kuhjakaa kaivenikohgen
image
3 ކޮމެންޓް
 

ކަނޑަށް އެއްލާލި ޒުވާނާ އުޅެނީ އުމުރުން 13 އަހަރުގެ ކުއްޖަކާ ކައިވެނިކޮށްގެން

ހަމަލާދީ ކަނޑަށް އެއްލާލި ޒުވާނާ އުޅެނީ އުމުރުން 13 އަހަރުގެ ކުއްޖަކާ ކައިވެނިކޮށްގެންކަމަށް މުއުތަބަރުކޮށް މައުލޫމާތު ލިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ އަންހެން ކުއްޖާ ބަނޑުވެސް ބޮޑެވެ. އަދި އެ މައްސަލަ ބެލުމަށް މީގެ ދުވަސްކޮޅެއް ކުރިން ފުލުހުން ވެސް މަސައްކަތް ވެސް ކުރިކަމަށް އެރަށު މީހުން ބުނެއެވެ. ނަމަވެސް ފުލުހުން އަދި އެކަން ކަށަވަރުކޮށެއް ނުދެއެވެ.

ޒަހަމްވި ޒުވާނާގެ ގުރޫޕުގައި އުޅޭ މީހަކު އުމުރުން 9 އަހަރުގެ ކުއްޖަކާއިވެސް ކައިވެނި ކޮށްގެން އުޅޭ ކަމަށް މައުލޫމާތު ލިބެއެވެ.

އެ މީހުން ކައިވެނިކޮށްފައިވަނީ ކޯޓުން ބޭރުގައެވެ. އަދި ކުޑަކުދިންނާއި ކައިވެނިކުރުމަކީ ރާއްޖޭގައި ގާނޫނީގޮތުން ކުށެކެވެ.

އުމުރުން 26 އަހަރުގެ އެ ޒުވާނައަކީ ރ. މަޑުއްވަރީއަށް ނިސްބަތްވާ ޒުވާނެކެވެ.

ތޫނު އެއްޗަކުން ހަމަލާދީ އެ ޒުވާނާ ކަނޑަށް އެއްލާލުމުން އޭނާ ވަނީ ފަތާފައި ގޮސް އއ. މާޅޮހަށް އަރާފައެވެ. އެރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު މިހާރު އޭނާއަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގައެވެ. ބޮލުގެ ފުއްކިބަޔާއި އަނގަމައްޗަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު މައުލޫމާތު ލިބޭ ގޮތުގައި އޭނާ ހާލު ވަރަށް ސީރިއަސް އެވެ.

މި މީހާއަކީ މާޅޮހަށް ނިސްބަތްވާ މީހެއްތޯ ބެލުމަށް މާޅޮހު ކައުންސިލްގެ ބޭފުޅުންނާއި ވާހަކަދައްކާލުމުން އެނގިގެން ދިޔައީ މި މީހާއަކީ ރ. އަތޮޅު މަޑުއްވަރީއަށް ނިސަބަތްވާ މީހެއް ކަމެވެ. އެހެންކަމުން މަޑުއްވަރީ ކައުންސިލްގެ ބޭފުޅުންނާއި ގުޅާލެވޭތޯ ބެލީމެވެ. ނަމަވެސް ކައުންސިލްގެ ބޭފުޅުންނަށް ސީދާ އެއީ ކާކުކަމެއް ނޭނގޭ ކަމަށް ބުންޏެވެ. އެހެންކަމުން ރަށުގެ ބައެއް މީހުންނާއި "ސީއެންއެމް" އިން ވާހަކަދައްކާލުމުން އެނގިގެން ދިޔައީ އެ ޒުވާނާއާއެކު ފަސް މީހަކު ލަނޑާ ނެގުމުގެ މަސައްކަތް ކުރަމުން އައި އެ ދޯންޏަކީ އެމީހުން ކުއްޔަށް ނަގައިގެން އުޅޭ ދޯންޏެއް ކަމެވެ. އެގޮތުން ދޯނި ކުއްޔަށް ނަގައިގެން އުޅެނީ މަހުން މަހަށް ފައިސާ ދައްކާ ގޮތަށް ކަމަށާއި ނަމަވެސް އެ ދޯންޏަށް ފައިސާ ނުދައްކާތާވެސް އެތައް މަހެއް ވެފައިވާ ކަމަށް ރަށުގެ ބައެއް މީހުން ބުންޏެވެ.

އަނިޔާކޮށް އެއްލާލާފައި ވަނީ ދޯނީގެ ކައްޕިއަށް ކަމަށް ވެސް މައުލޫމާތު ލިބޭއިރު އޭނާ، ހިމެނޭހެން ދޯނީގައި އުޅޭ މީހުންނަކީ ވައްކަމުގެ ކުށުގެ ރެކޯޑުވެސް އޮތް ބައެއް ކަމަށް މައުލޫމާތު ލިބެއެވެ. އެ ކައްޕިއަކީ އެކަންކަމުގެ "މާސްޓާމައިންޑް" ގޮތުގައި ވެސް އެ ޒުވާނާއާ ގުޅޭ ވާހަކަތައް ހިއްސާ ކުރި މީހަކު ކިޔައިދިނެވެ.

އެގޮތުން އެ ދޯނީގައި ލަނޑާ ނަގާ މީހުން މި މަހުގެ ތެރޭގައި ކ. އަތޮޅުގެ ރިސޯޓަކަށް އަރައި އެތަނުން ޑިންގީއެއް ވަގަށް ނަގަން އުޅެނިކޮށް ވެސް އަތުލައިގަތްކަން "ސީއެންއެމް"އިން ބެލި ބެލުމުން ވަނީ އެނގިފައެވެ.

އޭގެ އިތުރުން އެމީހުންނަކީ ދީނީ ހަރުކަށި ފިކުރުތަކަށް ބާރުއަޅާ ބައެކެވެ. އަދި އެމީހުންނާއެކު އުޅޭ ބައެއް މީހުން ސީރިޔާއަށް ދާން އުޅެނިކޮށް އެއާޕޯޓުން އެތައް ފަހަރަކު އަތުލައިގެންފައިވާ ކަމަށްވެސް މަޑުއްވަރިން ވާހަކަ ދެއްކި ބައެއް މީހުން ކިޔައިދިނެވެ.

މާޅޮހު ސިއްހީ މަރުކަޒަށް އަނިޔާވި ޒުވާނާ ގެންގޮސްފައި ވަނީ އެރަށުގެ ތުނޑީކޮޅުން އެހީއަށް އެދި ގޮވަމުން އައިސް، އެ ރަށު އެންމެ އަތިރީގައި ހުންނަ ގޭގެ ފާރު ބުޑަށް ވެއްޓިފައި ވަނިކޮށް ރޭ ދަންވަރު 03:06 ގައެވެ.

އޭނާ ހޯދުމަށް އެވަގުތު ބަޔަކު ރަށަށް އެރި ކަމަށް ވެސް އެރަށުން މީޑިއާތަކަށް ވާހަކަ ދެއްކި ބައެއް މީހުން ބުނެ އެވެ. އެކަމަކު އެވަގުތު ސިއްހީ މަރުކަޒު ބަންދުކޮށްގެން ދިޔައީ އޭނާއަށް ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅުންހުރި ފަރާތްތަކާއި ސުވާލުކޮށް ތަހުގީގު ކުރަމުންދާ ކަމަށެވެ. އެކަމަކު އެ ދޯނީގެ އެހެން މީހުން މިހާރު ހޯދިފައިވާކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެއެވެ.

މި މައްސަލާގައި އަނިޔާވި ޒުވާނާގެ މިހާރުގެ ހާލަތާއި ގުޅޭ މައުލޫމާތު ހޯދާލުމަށް އައިޖީއެމްއެޗަށް ވެސް ގުޅާލީމެވެ. ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ މިހާރުގެ ހާލަތާއި ގުޅޭގޮތުން އެއްޗެއް ބުނާކަށް ނޭނގެއެވެ.
މާރާމާރީ ކުޑަކުދިން
ހިޔާލު

ކިޔުންތެރިޔާ

މީ އަނެއްކާ އިސްލާމް ދީނާ ދެކޮޅަށް ހިންގާ ޕުރޮޕެގެންޑާއެއް ނޫންބާ؟؟؟ މި ރާއްޖޭގެ މީހުން އިސްލާމްދީނާ ދުރުކުރަން ކުޅޭ ކުޅިގަނޑަކާ ވަރަށް ވައްތަރު...

ސަލަފް

18 އަހަރު ނުވިއަސް ކައިވެނި ކުރެވޭ މިރާއްޖޭގަ. ޤާނޫނު ވެސް ހުއްދަ ކުރޭ، ހަމަ އެކަނި ޖެހެނީ ޕޮލިސް ރިޕޯޓަކާއި އެ އަންހެން ކުއްޖާގެ މައިންބަފައިންގެ ސިޓީއެއްލާން

މެން

އަވަސް ޝިފާއެއް ދެއްވާށި