REPORT: Magu thakun kuni madhu kurumuga farudhee zinmaage dhauru bodu!
image
މަގުމައްޗަށް ކުނި އަޅާފައި-- ފޮޓޯ: ޖަޒީރާ ނިއުސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މަގުތަކުން ކުނި މަދު ކުރުމުގައި ފަރުދީ ޒިންމާގެ ދައުރު ބޮޑު!

މަގުމަތީގައި އުޅޭއިރު ވިސްނާ ނުލާ ކުރެވޭ ބައެއް ކަންކަން ހުރެ އެވެ. ސުޕާތީ ޕެކެޓެއް ހުސްވުމުން ބިން މައްޗަށް އެއްލާލުމެވެ. ފެންފުޅި ހުސްވުމުން ފާރު ބުރިއެއް ނުވަތަ ސައިކަލެއްގެ ވަށިގަނޑެއްގެ ތެރެއަށް ވައްޓާލުމެވެ. މަގުމަތީގައި ކުނި ގިނަވުމުގެ އުނދަގޫ އެންމެންނަށް ވެސް ދިމާވެ އެކަމުގެ ވާހަކަ ދައްކާއިރު، ކުރެވޭ ކުދިކުދި ކަންކަމުގެ ސަބަބުން ވެސް ނޭނގި އޭގެ ނޭދެވޭ އަސަރު ކުރަނީ ހަމަ އެންމެންނަށެވެ.
އެއް ލައްކަ ފަސްދޮޅަސް ހާހަށް ވުރެ ގިނަ މީހުން ދިރިއުޅޭ މާލޭގައި މިއީ އާންމުންގެ އެންމެ ބޮޑު އެއް ޝަކުވާ އެވެ. ގިނަ ފަހަރު މަގުމައްޗަށް ކުނި އަޅާ މީހުން ބުނަނީ އެކަން އެގޮތަށް ކުރަން މަޖުބޫރު ވަނީ ކައިރި ހިސާބެއްގައި ޑަސްބިން ނުހުންނާތީ ކަމަށެވެ. އެހެންވެ އެހެން މީހުން މަދުހެން ހީވާ ހިސާބުތަކަށް ދެވުމުން އަތުގައި އޮންނަ ކުނިކޮޅު މަގު މައްޗަށް ދޫކޮށްލަނީ އެވެ.

ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި މަގު މައްޗަށް ކުނި އަޅަނީ ޒުވާނުންނެވެ. އެގޮތުން މަގުމަތީގައި ޕާކު ކޮށްފައި ހުންނަ ސައިކަލް މަތީގައި ތިބެގެން ތަފާތު އެއްޗެހި ބޮއެ، ކައި އެ ކުނިތައް މަގު މައްޗަށް އުކާލާ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އެކަމާ ގުޅޭ ގޮތުން ޒުވާނުން ބުނަނީ އެކަމުގައި ޒިންމާ ނަގަން ޖެހޭނީ ސަރުކާރުން ކަމަށެވެ.

އެގޮތުން ދެތިން މަގެއްގައި ޑަސްބިން ހުރުމުން ނުފުދޭނެ ކަމަށް ގިނަ ޒުވާނުން ބުނެ އެވެ. މިއީ ވެސް ތެދެކެވެ. މާލޭގައި މަދު މަގުތަކެއްގައި ޑަސްބިން ބެހެއްޓުމަކުން ނުފުދޭނެ އެވެ. މަގު މަތީގައި އުޅޭ މީހުން ކޮންމެ ފަހަރަކު ޑަސްބިނާ ހަމައަށް ދެވެންދެން އަތުގައި ކުނި ބަހައްޓައިގެން އުޅޭކަން ބޭނުމެއް ނުވާނެ އެވެ.

ކުނީގެ މައްސަލައާ މެދު މިހާރު ގެންގުޅޭ ސިޔާސަތަކީ ކޮބާ؟

ކުނީގެ މައްސަލަ ހައްލު ކުރަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ނަމުގައި ވަނީ ކުންފުންޏެއް އުފައްދާފަ އެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ މާލޭގެ ކުނީގެ ހުރިހާ ޒިންމާއެއް އޮތީ އެ ކުންފުންޏަށް ކަމަށެވެ. ނަމަވެސް ކައުންސިލުން ދަނީ އެ މަސައްކަތް ދާ ގޮތް ބަރާބަރަށް ބަލަމުން ކަމަށް ވަނީ ބުނެފަ އެވެ.

މާލޭގެ މަގުތައް ސާފު ކުރުމަށް ވެމްކޯގެ މުވައްޒަފުން ރޭގަނޑު މަސައްކަތަށް ނިކުންނައިރު އެމީހުން ބުނާ ގޮތުގައި އެންމެ ގިނައިން މަގުތަކުން ނަގަން ޖެހެނީ ހުސް ދަޅާއި ޕެކެޓާއި ފެންފުޅި އާއި ސުޕާރީ ހުސްކުރި ޕެކެޓު ފަދަ ތަކެތި ކަމަށެވެ.

މާލޭގެ މަގުތަކަށް ކުނި އެޅުމުގެ މައްސަލަ

ކުނި ޖަމާވެ، ގިނަވުމުގެ މައްސަލައަށް ވެމްކޯއިން ދަނީ އަދިވެސް ހައްލެއް ލިބޭތޯ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ހައްލެއް ލިބިފައި ނުވަނީ ގޮންޖެހުންތައް ގިނަ ކަމުން ކަމަށް ވެމްކޯއިން ބުނެ އެވެ. އޭގެ ތެރޭގައި، އާންމުން ފަރުދީ ޒިންމާ އަދާ ނުކުރުމާއި، ވެމްކޯގެ ހިދުމަތަށް ރެޖިސްޓާ ނުވުމުގެ މައްސަލަ ހިމެނެ އެވެ.

ޖެނެރަލް މެނޭޖަރު އުބެއިދު ވިދާޅުވީ ވެމްކޯއިން ހިންގާ 24 ގަޑިއިރުގެ އޮޕަރޭޝަންގެ ތެރެއިން، މާލެ ތެރެ ކުނި ކަހާ، ސާފު ކުރުމުގެ ބުރަ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

މާލޭގެ މަގުތަކަށް ކުނި އެޅުމުގެ މައްސަލަ ބޮޑުވުމުގެ ސަބަބުން އަދި ސަރުކާރުން ކުރިއަށް ގެންދާ ރާއްޖެ ސާފުތާހިރުކޮށް ބޭއްވުމުގެ މަޝްރޫއުގެ ދަށުން މިހާރު އެންވާރަމަންޓް ޕްރޮޓެކްޝަން އޮތޯރިޓީ (އީޕީއޭ) އިން ދަނީ މަގު މައްޗަށް ކުނި އަޅާ މީހުން ޖޫރިމަނާ ކުރަމުންނެވެ.

ގާނޫނު ބުނާ ގޮތުން މަގުމައްޗަށް ކުނިއަޅާ ފުރަތަމަ ފަހަރު 300 ރުފިޔާއިން ޖޫރިމަނާ ކުރެވިދާނެ އެވެ. ދެވަނަ ފަހަރަށް 500 ރުފިޔާއިން ޖޫރިމަނާ ކުރެވިދާނެ އެވެ.

އަމިއްލަ ޒިންމާ ބޮޑު:

މަގަށް ކުނި އަޅާ ނަމަ އަދަބު ދޭނެ ކަމަށް ސަރުކާރުން އިންޒާރު ދިން ނަމަވެސް މިކަމުގައި ފަރުދީ ޒިންމާ ބޮޑެވެ. މާލެ ސާފުތަނެއްގެ ގޮތުގައި ބޭއްވުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫނެވެ. އެއީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެކެވެ. ގޭތެރެ ހަޑިވުމުން ސާފުކުރުމަށް ފަހު ކުނިތައް މަގު މައްޗަށް ނެރުމުގެ ކުރިން ކޮންމެ މީހަކު ވެސް ވިސްނާލާށެވެ. ގޭތެރޭގައި ހުރެގެން ތިމާއަށް އުނދަގޫވި ކުނިތައް ބޭރަށް ނެރުމުން އެހެން މީހުންނަށް ވެސް އޭގެ އުނދަގޫވާނެ އެވެ.

މާލެ ސާފުތަނެއްގެ ގޮތުގައި ބޭއްވޭނީ އެންމެންގެ އެއްބާރުލުން ވެސް އެކަމަށް ލިބިގެންނެވެ. ކުނީގެ މައްސަލަ ހައްލު ކުރުމަށް ވެމްކޯއިން މިއަދު ނިކުންނަ އިރު މާލެ ސާފުތަނެއްގެ ގޮތުގައި ބޭއްވުމަށް ކޮންމެ ފަރުދެއްގެ ވެސް އެހީތެރިކަން ވެމްކޯގެ މުވައްޒަފުންނަށް ބޭނުންވާނެ އެވެ.

ކުނީގެ މައްސަލަ ދިމާވެފައި ވަނީ ހަމައެކަނި މާލެއަކަށް ނޫނެވެ. މިއީ މުޅި ދިވެހި ރާއްޖެއަށް ދިމާވެފައިވާ މައްސަލަ އެކެވެ. ކުނީގެ މައްސަލަ ހައްލު ކުރުމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ފަރުދީ ޒިންމާ ނެގުމެވެ. ފަރުދީ ޒިންމާ ނުނެގޭ ނަމަ ދައުލަތުން އެމީހަކަށް އެކަށީގެންވާ ފަދަ އަދަބެއް ދީގެން ނަމަވެސް ކުނި މެނޭޖު ކުރުމުގެ ކަންކަން ހަރުދަނާ ކުރުން ވަރަށް މުހިންމެވެ.

ކުނީގެ ސަބަބުން ދިވެހިރާއްޖޭގެ ރަށްރަށުގެ އަތިރިމަތި ގޮނޑުވެ، ފަރުތައް މަރުވެ، ފަތުރުވެރިކަން ވެސް ހަލާކުވެދާނެކަމުގެ ބިރު އަންނަނީ ހީވަމުންނެވެ. ކުނި މެނޭޖު ނުކުރެވިއްޖެ ނަމަ ފަތުރުވެރިކަމާއެކު މަސްވެރިކަން ވެސް ހަލާކުވާނެ އެވެ.
ހިޔާލު