REPORT: Aa usoolu thah amaazu vaan vaanee dhunfathun libey gellun kuda kurumah!
image
1 ކޮމެންޓް
 

ދުންފަތާއި ގުޅޭ އާ އުސޫލުތައް އެކުލަވާލާއިރު، ދުންފަތުން ލިބޭ ގެއްލުން ކުޑަކުރަން އަމާޒު ހިފަން ޖެހޭ!

ޓެކްނޮލޮޖީ އާއެކު ދުންފަތުގެ އިސްތިއުމާލު ކުރުމަށް ވެސް މި ވަނީ ބޮޑެތި ބަދަލުތައް އައިސްފަ އެވެ. ޒަމާނީ، މުޅިން އާ ބަދަލުތަކެކެވެ. އެއާއެކު ގައުމުތަކުން ދަނީ އެ ބަދަލުތަކާއި އެކު، ދުންފަތާއި ގުޅޭ ގާނޫނުތަކާއި ގަވާއިދުތައް މުރާޖައާކޮށް ބަދަލު ކުރަމުންނެވެ. ރާއްޖޭން ވެސް މި ވަނީ އެކަން ކުރުމަށް ތައްޔާރުވެފަ އެވެ.
އެގޮތުން އީ-ސިނގިރޭޓް މަނާ ކުރަން ވިސްނަވާ ކަމަށް ހެލްތު މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އެފަދަ ބޮޑު ބަދަލެއް ގެނައުމުގެ ކުރިން އެ ކަންކަމާ މެދު އިންތިހާ އަށް ވިސްނައި، މިހާތަނަށް ފެންނަން ހުރި ސައިންޓިފިކް ހޯދުންތަކާއި، ކަމާ ގުޅޭ ތަޖުރިބާކާރުންގެ ލަފާ ހޯދުން މުހިންމު ވާނެ އެވެ؛ އިންސާނާގެ ސިއްހަތާ ސީދާ ގުޅިފައިވާ ކަމަކަށް ވާތީ އެވެ. ނުބައި ފިޔަވަޅެއް އަޅައިފި ނަމަ ލިބޭ ގެއްލުން އިންތިހާ އަށް ބޮޑުވާނެ އެވެ.

އީ-ސިނގިރޭޓް މަނާ ކުރަން ބަލާއިރު، އެއީ އާންމުކޮށް ބޭނުންކުރާ ސިނގިރޭޓާއި އަޅާ ބަލާއިރު ސިއްހަތަށް ގެއްލުން ބޮޑު އެއްޗެއް ހެއްޔެވެ؟ މިއީ އެތައް ބައެއްގެ މެދުގައި ސުވާލު އުފެދިފައިވާ އަދި މިހާރު ވެސް އެތައް ދިރާސާ ތަކާއި ބަހުސްތައް ކުރެވެމުން އަންނަ މައުޟޫއެކެވެ. އެކަމަކު މިހާތަނަށް ހޯދިފައިވާ ހޯދުންތަކަށް ކުރު ގޮތަކަށް ބަލައިލުން މުހިންމު ކަމަށް ދެކެމެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއު އެޗްއޯ އިން އީ-ސިނގިރޭޓަށް މާ ބޮޑު ތާއީދެއް މިހާތަނަށް ނުކުރެ އެވެ. އެކަމަކު އެ ޖަމިއްޔާ އިން ވެސް އަދި މިހާތަނަށް ހެދި އެއްވެސް ސައިންޓިފިކް ރިސާޗަކުން ވެސް އީ-ސިނގިރޭޓަކީ އާންމުކޮށް ބޭނުންކުރާ ސިނގިރޭޓަށް ވުރެ ސިއްހަތަށް ލިބޭ ގެއްލުން ބޮޑު އެއްޗެއް ކަމަކަށް ބުނެފައެއް ނުވެ އެވެ. އެހެންކަމުން އާންމުކޮށް ބޭނުންކުރާ ސިނގިރޭޓް ހުއްދަ ކޮށްފައި، އެއަށް ވުރެ ސިއްހަތަށް ގެއްލުން ކުޑަ އެއްޗެއް މަނާ ކުރުމަކީ ބުއްދިވެރި ކަމެއް ހެއްޔެވެ؟

އިނގިރޭސި ވިލާތާއި ޖަޕާން ފަދަ ގައުމުތަކުގެ ސަރުކާރުން އަންނަނީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން އީ-ސިނގިރޭޓް ފަދަ ސިއްހަތަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ގޮތްތައް އިހްތިޔާރު ކުރުމަށް ބާރު އަޅަމުންނެވެ. އެ ގައުމުތަކުން އެކަން ކުރަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ލިބޭ ގެއްލުން ކުޑަ ކުރުމުގެ ސިޔާސަތުތައް ނުވަތަ "ހާމް ރިޑަކްޝަން" ޕޮލިސީތަކުގެ ދަށުންނެވެ.

ނަމަވެސް އީ-ސިނގިރޭޓް ފަދަ އާ ޕްރޮޑަކްޓްތައް މާކެޓަށް ނިކުންނަ އިރު، އެ އެއްޗެހި ރެގިއުލޭޓް ކުރުމަކީ އިންތިހާ އަށް މުހިންމު ކަމެކެވެ. އެގޮތުން ވޭޕަށް އަޅާ ފްލޭވާތައް ވަކި މިންގަނޑުތަކެއްގައި ބެހެއްޓުން ފަދަ ކަންކަމަކީ ކޮންމެހެން ކުރަން ޖެހޭ ކަންކަމެވެ. އަދި އެފަދަ އުސޫލުތައް ވީހާވެސް އަވަހަކަށް ރާއްޖޭގައި ވެސް ހަދަން ޖެހެ އެވެ.

ވިސްނާލަން މުހިންމު އިތުރު ނުކުތާއެއް:

ދުންފަތުގެ އިސްތިއުމާލު ކުރުމުން އަހަރަކު ދުނިޔޭގެ އެތައް މިލިޔަން ބަޔަކު މަރުވެގެން ދާއިރު، ސިނގިރޭޓް ބޯއިރު އަރާ ދުމުން ކުރާ އަސަރުން ވެސް އެތައް ބަޔަކަށް އަންނަނީ ނޭދެވޭ އަސަރުތައް ކުރަމުންނެވެ. އެކަމަކު އަލަށް މާކެޓަށް ނެރެމުން އަންނަ އީ-ސިނގިރޭޓް ޕްރޮޑަކްޓްތަކުން އެފަދަ ކަންކަމަށް ސަމާލުކަން ދީފައި ވެއެވެ. އެގޮތުން ސިނގިރޭޓް ކުންފުނިތަކުން މިހާރު އަމާޒު ހިފާފައި ހުރީ "ސްމޯކް ފްރީ" ޕްރޮޑަކްޓް ތަކާއި ދިމާލަށެވެ.

އޭގެ އިތުރުން އީ-ސިނގިރޭޓް ބޭނުންކޮށްގެން ދިމާވި ސިއްހީ މައްސަލަތަކުން މަރުވި މީހުންގެ އަދަދު މިހާތަނަށް ވަރަށް މަދު ކަން ފާހަގަ ވެއެވެ. އެކަމަކު އެއްވެސް ގޮތަކަށް އެ ޕްރޮޑަކްޓްތަކަކީ ސިއްހަތަށް ރައްކާތެރި އެއްޗެއް ކަމަށް ނުބުނަމެވެ؛ ސައިންޓިފިކް ރިސާޗްތަކުން ދައްކަނީ އާންމުކޮށް ބޭނުންކުރާ ސިނގިރޭޓަށް ވުރެ އޭގެން ލިބޭ ގެއްލުން ކުޑަ ކަމަށެވެ.

އީ-ސިނގިރޭޓް ޕްރޮޑަކްޓްތަކުން އަރާ ދުމުން އެހެން މީހުންނަށް ލިބޭ ގެއްލުން ކުޑަ ނަމަވެސް، ވޭޕް ކަހަލަ ޕްރޮޑަކްޓްތަކުން ގިނަ އަދަދަކަށް ދުން އެރުމަކީ އެތައް ބަޔަކަށް އުނދަގޫވާ ކަމެއް ކަމުން، އެފަދަ ޕްރޮޑަކްޓްތައް ބޭނުން ކުރާއިރު އާންމުންނަށް އުނދަގޫ ނުވާނެހެން ބޭނުން ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.
ސިނގިރޭޓް ސިއްހަތު
ހިޔާލު

ނޮޅި

މަމީ ކުރިން ދުވާލަކު ކަންމަތީ ފިހާރައިން އެވަރެޖްކޮށް 7 ސިނގިރޭޓް ގަނެގެން ބޯމީހެއް! މިހާރު ދުވާލަކު 1 ފޮށި. ވަކިން ސިނގިރޭޓް ގަނެގެން ކުރީގައި ބުއިވެސް ފޮށި ނުގަނެވިގެނެއް ނޫން! ފޮށި ގަތީމަ ބޮވޭލެއް ގިނަވީމަ.