Sih'hee nizaamu furihama kurumah dhivehi naruhun beynun vey: Raees
image
ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ "ނާސިން ނައު މޯލްޑިވްސް" އިފްތިތާހް ކޮށްދެއްވަނީ -- ފޮޓޯ / ރައީސް އޮފީސް
0 ކޮމެންޓް
 

ސިއްހީ ނިޒާމު ފުރިހަމަ ކުރުމަށް ދިވެހި ނަރުހުން ބޭނުންވޭ: ރައީސް

ސިއްހީ ހިދުމަތުގެ ނިޒާމު ފުރިހަމަކުރުމަށްޓަކައި، އަދި ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި، ގިނަ ޢަދަދެއްގެ ދިވެހިން މި ދާއިރާއިން ތަމްރީނު ކުރުމަކީ، ވަރަށް ބޮޑަށް އިސްކަންދޭން ޖެހިފައިވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
"ނާސިން ނައު މޯލްޑިވްސް" އިފްތިތާހު ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މުޅި ދުނިޔެއަށް ބަލާއިރުވެސް، ސިއްހީ ހިދުމަތްތެރިންގެ 50 އިންސައްތައަކީ ނަރުހުން ކަމަށެވެ. ރާއްޖޭގައި މިވަގުތުވެސް، 3300 އަށްވުރެ ގިނަ ނަރުހުން ހިދުމަތުގައި އެބަ ތިބިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެއީ ރާއްޖޭގެ ސިއްހީ ހިދުމަތްތެރިންގެ ގާތްގަނޑަކަށް 56 އިންސައްތައިގެ ނިސްބަތެއް ކަމަށެވެ. ނަމަވެސް މީގެ ތެރެއިން ގިނަ މީހުންނަކީ ބިދޭސީ ނަރުހުންކަން ރައީސް ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ އާބާދީ ބެހިފައިވާ ގޮތަށް ބަލާއިރު، މިހާރު ހިދުމަތުގައި ތިއްބެވި ނަރުހުންގެ އަދަދުވެސް އެކަށީގެންވާ ވަރަށްވުރެ މާ މަދު. މިކަމާމެދު ގައުމީ ފެންވަރުގައި އަޅުނގަނޑުމެން އިތުރަށް ސަމާލުވާން އެބަޖެހޭ. އަޅުގަނޑުމެންގެ ސިއްހީ ހިދުމަތުގެ ނިޒާމު ފުރިހަމަކުރުމަށްޓަކައި، އަދި ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި، ގިނަ އަދަދެއްގެ ދިވެހިން މި ދާއިރާއިން ތަމްރީނު ކުރުމަކީ، ވަރަށް ބޮޑަށް އިސްކަންދޭން ޖެހިފައިވާ ކަމެއް،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ސިއްހީ ހިދުމަތުގެ ސިޔާސަތު އަމާޒުކުރެވިފައިވާ މިސްރާބަށް ބަލާއިރު، ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި، ވަރަށް ގިނަ އަދަދެއްގެ ނަރުހުން ބޭނުންވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ 5 ސަރަހައްދެއްގައި 5 ޓާޝަރީ ހޮސްޕިޓަލް ތަރައްގީވާއިރު، އެ ސަރަޙައްދުތަކުގެ ކުދިން ނަރުހުންގެ ގޮތުގައި ތަމްރީނުވުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ސޯލިހުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"ސިއްހީ ހިދުމަތް ދިނުމުގައި، އެ ދާއިރާގެ ފަންނީ ބޭފުޅުންނަށާއި، ފަރުވާ ހޯދަން ބޭނުންވާ މީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކެއް އެބަހުރިކަން އަޅުގަނޑު ގަބޫލުކުރަން. އެއީ ގިނަ އަދި ބޮޑެތި ގޮންޖެހުންތަކެއް. މި ހުރިހާ ކަމެއްގެ ހަގީގީ ސަބަބަކީ، ސިއްހީ މުހިންމު ހިދުމަތްތައް، އެއް ތަނަކަށް ޖަމާވެފައި އޮތް އޮތުން. އެއީ ބޮޑު ކަމެއް ދިމާވެއްޖިއްޔާ، ދަތުރު ހަދާފައި މާލެ އަންނަންޖެހޭ ޖެހުން،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ސިއްހީ ހިދުމަތްތައްވެސް، ލާމަރުކަޒީ ނިޒާމަކުން ތަރައްގީކުރުން ކަމަށާއި އެމީހާ ހުރި ތަނަކުން އެމީހާއަށް ބޭނުންވާ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ އެކްޝަން ޕްލޭންގައިވާ ގޮތަށް، ކޮންމެ ރަށެއްގައިވެސް، ގޭގެއަށް ޒިޔާރަތްކޮށް، ހެލްތު ޗެކަޕް ހަދައިދީ، ހޭލުންތެރިކުރުމުގެ މަސައްކަތް ކުރާނެ، ވިލި ސިއްހީ ހިދުމަތްތެރިން ތަމްރީނުވުމުން، ސިއްހީ މުހިންމު ހިދުމަތްތައް، އެއް ތަނަކަށް ޖަމާވެފައި އޮތް އޮތުން ވަރަށް ބޮޑަށް ހައްލު ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ނަރުހުންނަށްވެސް އަމިއްލަ ބޯހިޔާވަހިކަމެއް ލިބުމާއި، މަސައްކަތު ގަޑީގައި ދަރިން ބެލޭނެ ނިޒާމެއް ހަމަޖެހިފައި އޮތުމަކީ، ހިދުމަތުގައި ދެމިތިބުމަށްޓަކައި ވަރަށް މުހިންމު ކަމެއް. މިފަދަ ކަންކަމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ބަލާނެ ކަންކަން ކަމުގައި ދަންނަވަން. ތަފާތު ސަބަބުތަކާހުރެ، ހިދުމަތުގައި ދެމިތިބުމަށް ދަތިވެފައިވާ ނަރުހުންނަށްވެސް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަކީވެސް ބޭނުންތެރި ކަމެއް. އެކަން ހައްލުކުރުމަށްޓަކައި، ޕާޓްޓައިމްކޮށް ހިދުމަތް ކުރެވޭނެ މޮޑެލްތަކެއް ބަލައި، އަމަލީ ސިފަ ގެނައުމަށް ސަރުކާރުން މި އަންނަނީ މަސައްކަތްތަކެއް ކުރަމުން،" ރައީސް ވިދާޅުވިއެވެ.

"ނާސިން ނައު މޯލްޑިވްސް" ކެމްޕޭނަކީ، ރާއްޖޭގެ މިހާރުގެ ސިއްހީ ހާލަތަށް ބަލާއިރު، ވަރަށް މުހިންމު ކެމްޕޭނެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް އަހަރަކީ، ސަރުކާރުގެ އާންމު ސިއްހަތަށް ވަރަށްބޮޑު އިސްކަމެއް ދޭން ނިންމާފައިވާ އަހަރަކަށްވާތީ، އެ ކެމްޕޭންގެ މުހިންމުކަން ވަކިން ބޮޑު ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމު ފުރިހަމަކޮށް ހަރުދަނާ ކުރުމަށް، ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށްވެސް މިއީ ވަރަށް މުހިންމު ކެމްޕޭނެއް ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ހިޔާލު