PPM atheh nuveleveyne, 2023 gai ves riyaasee candidate akee Yamin: Adhurey
image
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ: މިހާރު
2 ކޮމެންޓް
 

ޕީޕީއެމް އަތެއް ނުލެވޭނެ، 2023ގައިވެސް ރިޔާސީ ކެންޑިޑޭޓަކީ ޔާމީން: އަދުރޭ

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލައިގެން ޕީޕީއެމް އަތުލެވޭނެ ކަމަށް އެއްވެސް ބޭފުޅަކު ހީނުކުރުމަށާއި 2023 ވަނަ އަހަރުވެސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ރައީސް ޔާމީން ކަމަށް ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ މިރޭ ބައްދަލުކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް މިއަދު ކުރި ހުކުމަކީ ފަސް ފަނޑިޔާރުންގެ ބަދަލުގައި 10 ފަނޑިޔާރުން ތިއްބަވައިގެން ކުރެއްވި ހުކުމަކަށް ވިޔަސް ބަލައިނުގަންނާނެ ހުކުމެއް ކަމަށެވެ. ރައީސް ޔާމީނަށް ކޮށްފައިވަނީ ސިޔާސީ ދައުވާއެއް ކަމަށްވާތީ އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ.

"އެއީ ސިޔާސީ ވަސް ދުވާ ދައުވާއެއް،" ދައުވާއަށް ފާޑުވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީނަށް ހުކުމް ކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ތިއްބަވައިގެން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވަރަށް ބޮޑު އަތެއް އޮވެގެން ކަމަށެވެ. ގާސިމަށް އަމާޒުކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލުމަށްފަހު އެމަނިކުފާނުގެ ސަޕޯޓަރުންގެ ތާއީދު ލިބިދާނެ ކަމަށް ގާސިމަށް ހީފުޅުވާނަމަ އެއީ ކުށްހީއެއް ކަމަށެވެ.

ރައީސް ޔާމީން ޖަލަށްލައިގެން ޕީޕީއެމް އަތުލުމުގެ ވިސްނުމެއް ބަޔަކު ގެންގުޅުނު ނަމަވެސް އެކަން ނުވާނެ ކަމުގައިވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. ރައީސް ޔާމީނަކީ އަބަދުވެސް އެބޭފުޅުންގެ ލީޑަރުކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ވެސް ރައީސް ޔާމީން ކަމަށެވެ.

"ޕީޕީއެމް އަތުލަން އުޅެނީ މިވެނި ބައެކޭ ބުނެ އަޅުގަނޑު ނެތި ވަކި ބައެއްގެ ނަން ކިޔާކަށް. މިޕްރެސް ބައްލަވަން ތިއްބެވި ބޭފުޅުންނަށް އެނގޭނެ އަޅުގަނޑު މިދަންނަވަނީ އެބޭފުޅުންގެ ވާހަކަކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް ރައީސް ޔާމީން މިނިވަންކުރަން މަސައްކަތް ފަށާނެ ކަމަށެވެ. އެގޮތުން މާދަމާ ޕީއެންސީއާއި ޕީޕީއެމްގެ ކައުންސިލްގެ މެންބަރުން ބައްދަލުވާނެ ކަމަށާއި އަދި މިބައްދަލުވުން ޓީވީތަކުން ލައިވްކުރާނެ ކަމަށްވެސް ވިދާޅުވި އެވެ. އިދިކޮޅު ހަރަކާތްތައް ހުއްޓާލާނީ ރައީސް ޔާމީން މިނިވަންކޮށްފައި ކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވަނީ މާދަމާއިން ފެށިގެން ހުރިހާ ރަށެެއްގައި އިހްތިޖާޖުކުރުމަށް ގޮވާލާފަ އެވެ. އަދި މިއީ މާޔޫސްވާންވީ ވަގުތު ނޫން ކަމަށާއި މިއީ ހިތްވަރު އާލާކުރަންވީ ވަގުތު ކަމުގައިވެސް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ޖަލަށްލީ ލާދީނީ ފިކުރުތަކާ ދެކޮޅަށް އެމަނިކުފާނު ސާބިތުވެ ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކާ ގުޅިގެން ކަމަށެވެ. ރައީސް ޔާމީން ޖަލަށްލުމަށް ހުކުމް ކުރި އިރު އުއްތަމަ ފަނޑިޔާރެއް، ޕީޖީއެއް ނެތް ކަމަށާއި އެހެންކަމުން ދައުލަތެއް ނެތް ކަން އެނގިގެންދާ ކަމަށްވެސް ވިދާޅުވި އެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ މިއަދު މިގައުމުގައި އަދުލު އިންސާފެއް ނެތް ކަމަށާއި ޝަރުއީ ނިޒާމު ފުނޑާލައި، ދައުލަތުގެ ހަޒާނާ ހުސްކޮށްލާފައިވާ ކަމަށެވެ. އެހެންކަމުން އަބްދުއްރަހީމް ވަނީ ގައުމު އަލުން ހަމަމަގަށް އެޅުވުމަށްޓަކައި ހުރިހާ ބޭފުޅުން ޕީއެންސީ އަދި ޕީޕީއެމްއާ ގުޅުމަށްވެސް ދައުވަތު ދެއްވާފަ އެވެ.
ޕީއެންސީ ޕީޕީއެމް
ހިޔާލު

ޢަބްދުލްރަހްމާނު ބިން އައުފް

ޢުމުރަށްވެސް ޔާމީނުދެއްތޯ؟ އަދުރޭބަރާބަރު. އދުރޭގެހިސާބުން ނަތީޖާފެންނަނީ އެގޮތަށްކަމަށް ވަންޏާ ބުނާނެއެއްޗެއް ނެތް. ކުރިންއަޅުގަނޑުމެން އަހަނީ ރާއްޖޭގަ ހިސާބުއިލްމަށް އިފެދުނު އެންމެމޮޅުމީހަކީ އިސްމާއީލްކަލޭފާނު ތުއްތު ކަމަށް. މިހާރު މ އެގެނީ ތުއްތުއެއީ އަދުރޭއާބަލާއިރު އެއްވެސްބޭފުޅެއްނޫންކަން.

އަބްދޫ

ޕީޕީއެމްގަ އަތްލާ އަތްނުލާން ގޮވާ އެކިފަރާތްތަކަށް ގޮވުމުގެ ބަދަލުގާ އެމްޑީޕީ ފިޔަވާ ހުރިހާޕާޓީ އެއް އެއްގަލަކަށް އެރުވޭތޯ މަސައްކަތްކޮށް އެއްގަލަކަށް އަރުވާ އެމްޑީޕީ ގެ ބާރު ކަނޑުވާލަން އެބަޖެހޭ ގައުމަށް ފައިދާބޮޑީ މިގޮތް މިވަގުތު މުހިންމީ މިގޮތް.