Fuvahmulaku Ring Road gai thaaru alhaa nimijje
image
ފުވައްމުލަކު ރިންގު ރޯޑުގައި ތާރު އަޅާ ނިމިއްޖެ--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ފުވައްމުލަކު ރިންގު ރޯޑުގައި ތާރު އަޅާ ނިމިއްޖެ

ޏ. ފުވައްމުލަކުގެ ރިންގު ރޯޑު (ރިންގް ރޯޑު)ގައި ތާރުއަޅައި ނިމިއްޖެ އެވެ.
އެރަށު ރިންގު ރޯޑުގައި ތާރު އެޅުމުގެ މަސައްކަތް މިދިޔަ އޮކްޓޫބަރު މަހުގެ 25 ގައި ފަށާފައިވާއިރު އެމަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިގް ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ.

32 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެރަށު މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެރަށުގެ މަގުތަކުގައި އަޑިގުޑުންތައް ގިނަވެ އާންމުން ޝަކުވާ ކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެ އެވެ.

ފުވައްމުލަކުގެ ރިންގް ރޯޑުގައި ތާރު އަޅާ ނިމިފައިވާއިރު މިހާރު ކުރަމުން އަންނަނީ ރޯޑް މާކިންތަކާއި ސްޕީޑް ބްރޭކުތަކުގެ އިތުރުން މަގުގެ ދެ ފަޅީގައި ފަސް ފޫޓުގެ ވޯކްވޭ ހެދުމުގެ މަސައްކަތެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ ނައިބުތުއްތު މަގުގެ މަސައްކަތް އެއްކޮށް ނިމުމަށްފަހު ދެން، ސިޓީ ކައުންސިލުން އެންމެ ބޮޑު އިސްކަމެއްދީގެން ކުރިއަށްގެން ދިއުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކުގެ އެތެރޭގެ މަގުތަކުގެ ތާރުއެޅުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން މަގުތަކުގެ ޑިޒައިންކުރުން ނިމި މިހާރު ކުރިއަށްދަނީ، މަގުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމް ޑިޒައިންކުރުމުގެ މަސައްކަތް ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން އެމަސައްކަތް އެކުންފުންޏާ ހަވާލުކުރީ މިދިޔަ މާޗު މަހުގެ 27 ގަ އެވެ. އެގޮތުން މަޝްރޫއުގެ ދަށުން 24300 ސްކެއާ މީޓަރުގެ ރިންގު ރޯޑެއް ހެދުމާއެކު ލެޑް ބައްތި ޖެހުމާއި ފެން ހިންދާ ނިޒާމު ވެސް ގާއިމު ކުރާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

ޑިޒައިނިންއަށް ބަދަލު ގެނެސްގެން އެމްޓީސީސީން އެމަސައްކަތް ފަށައި ވެއްޔާއި ސިމެންތި ބޭނުންކޮށްގެން އެޅޭ ބޭސްކޯސް ފަށަލައިގެ ބަދަލުގައި ހިލަ ބޭނުންކޮށްގެން ބޭސްކޯސް ހަދަން ނިންމި އެވެ.

އެގޮތަށް އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމީ އެފަދަ މަޝްރޫއުތައް މީގެ ކުރިން ހިންގމުގައި ލިބުނު ތަޖުރިބާއަށް ބަލައި މަޝްރޫއުގެ ފެންވަރު ރަނގަޅު ކުރުމުގެ މަގުސަދުގައި ކަމަށްވެސް އެކުންފުނިން ބުނެ އެވެ.
ހިޔާލު