Midhiya 2 aharaai alhaa balaa iru mi dhuvas varu dengue ithuru: HPA
image
ޑެންގީ ފަތުރާ އީޑީސް މަދިރިއެއް--
1 ކޮމެންޓް
 

މިދިޔަ ދެ އަހަރާ އަޅާ ބަލާއިރު، މި ދުވަސްވަރު ޑެންގޫ އިތުރު: އެޗްޕީއޭ

ފާއިތުވި ދިޔަ ދެ އަހަރުގެ މި ދުވަސްވަރާ އަޅާ ބަލާއިރު، މިއަހަރު ޑެންގޫ ފެތުރެމުންދާ މިންވަރު އިތުރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް 4817 ޑެންގޫ ކޭސް ރިޕޯޓުކޮށްފައި ވެއެވެ.

ވޭތުވެ ދިޔަ ދެ އަހަރުގެ މި ދުވަސްވަރާ އަޅާ ބަލާއިރު، މި އަހަރު ޑެންގޫ އިތުރުވި ނަމަވެސް، އޮކްޓޯބަރު މަހަށް ވުރެ ނޮވެމްބަރު މަހު ވަނީ ޑެންގޫ މަދުވެފަ އެވެ.

އެގޮތުން އޮކްޓޯބަރުގައި ޑެންގޫގެ 369 ކޭސް ރިޕޯޓު ކުރިއިރު، ނޮވެމްބަރު ގައި ރިޕޯޓުކޮށްފައި 152 ކޭސް އެވެ. އަދި މިމަހުގެ މިހާތަނަށް 24 މީހަކަށް ވަނީ ޑެންގޫ ޖެހިފަ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ދުވަސްވަރު ޑެންގޫ އެންމެ ހަލުވި ކަމާއެކު ފެތުރެމުން ދަނީ ހުޅުމާލެ، ނ، ބ، ކ، އަދި ދ އަތޮޅުގަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު އެޗްޕީއޭ އިން ބުނެފައި ވަނީ ވިއްސާރަ ކުރަމުން ދާތީ، ޑެންގޫ ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ސީއެންއެމް އަށް މައުލޫމާތު ދެމުން އެޗްޕީއޭ އިން ބުނީ ވިއްސާރަ މޫސުމާ ގުޅިގެން ޑެންގޫ ހުން ޖެހޭ މިންވަރު އިތުރު ވެދާނެތީ ސަމާލުވުން ވަރަށް މުހިންމު ކަމަށެވެ.

އެގޮތުން ޑެންގީ ފަދަ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުން ރައްކާތެރި ވުމަށް ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި މަދިރި އުފެދި އާލާވާ ތަންތަން ނައްތާލަން މުހިންމެވެ. އެގޮތުން އުކާލެވިފައި ހުންނަ ދަޅު، ފުޅި ފަދަ ތަކެތި އެކަށީގެންވާ ގޮތުގައި ނައްތާލުމާއި ބާލިދީ ފަދަ ތަކެތިން ފެން ހުސްކުރުމަށް ފަހު ރަނގަޅަށް އުނގުޅާ ސާފުކުރުމުގެ އިތުރުން ޓަޔަރު އަދި ގަސްމުށި ފަދަ ތަކެތީގައި ލޯވަޅު އަޅާ ފެން ހަރުނުލާ ގޮތަށް ހެދުން މުހިންމެވެ.

އޭގެ އިތުރުން ބާލިދީ އަދި ތާންގީ ފަދަ ތަކެތި ރަނގަޅަށް މަތިޖަހާ ބަންދު ކުރުމާއި ދިޔަދޮވި ފަދަ ތަންތަން ސާފުކޮށް ފެންހަރުނުލާ ގޮތަށް ހެދުން އަދި ފެންވަޅު އަދި ފެންގަނޑު ފަދަ ތަންތަނަށް މަދިރި ފަނި ކާ ވައްތަރުގެ މަސް އެޅުން ވަރަށް މުހިންމެވެ.
ޑެންގޫ އެޗްޕީއޭ
ހިޔާލު

މުރާދު

ސިޓީކައުންސިލް އޮތީ ފެއިލް ވެފައެވެ. ކުރިން ހީވީ ޔާމީންގެ ދުއްތުރާ ތަކާ ހެދި ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަމުގައިވެސް ހަމަ އެވަރަކަށް އެތަން އެ އޮތީ ޕެރަލައިޒް ވެފައެވެ. ޝިފާއަކީ ނާގާބިލް މީހެއްކަން ވަރަށް ރަނގަޅަށް މި އޮތީ ސާބިތުވެފައެވެ. މާލެއަށް ސްޕްރޭ ކނުކުރެވެން ވީ ސަބަބަެއް ނޭނގެއެވެ. ހާދަހާ މަދިރިއެެވެ.