dhivehinnah dhimaavaa dhathithah hallukurumugai thafaathu kurumeh nugengulheynan: Naibu Raees
image
ފޮޓޯ: ރައީސް އޮފީސް
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

"ދިވެހިންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގައި ތަފާތު ކުރުމެއް ނުގެންގުޅޭނަން"

ކޮންމެ ޤައުމެއްގައި ދިރިއުޅުނު ނަމަވެސް ދިވެހިންނަށް ކުރިމަތިވާ ދަތިތައް ޙައްލުކޮށްދިނުމުގައި ސަރުކާރުން ތަފާތެއް ނުގެންގުޅޭނެ ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވެފައިވަނީ، އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ތިރުވަނަންތަޕޫރަމްގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވިދާޅުވީ، ކޮންމެ ޤައުމެއްގައި ދިރިއުޅުނު ނަމަވެސް އެޤައުމެއްގެ ޤާނޫނުތަކާ ޤަވާޢިދުތަކަށް ދިވެހިން ހުރުމަތްތެރިކޮށް ހިތަންޖެހޭނެ ކަމަށެވެ. އަދި ދިވެހިންނަކީ ބޭރު ޤައުމެއްގައި ދިރިއުޅުނު ނަމަވެސް އެ ޤައުމެއްގެ ބަޔަކާއި ގުޅިގެން އުޅޭ ބައެއްކަން ނައިބު ރައީސް ފައިސަލް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ނައިބު ރައީސް ދެއްކެވި ވާހަކަ ފުޅުގައި، އިންޑިޔާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށާއި ބޭސްފަރުވާއަށް އަންނަ ދިވެހިންނަށް ދިމާވާ ދަތި އުނދަގޫ މައްސަލަތައް ޙައްލުކުރުމަށް ރައީސް ސޯލިހްގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރެއްވި އެވެ. އަދި މިސަރުކާރުން އަބަދުވެސް ރައްޔިތުންނަށް ދަތިވާކަންކަން ޙައްލުކޮށްދިނުމުގައި ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހިން އިސްތިސްނާ ކުރުމެއްނެތި މަސައްކަތް ކުރައްވާނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް އިންޑިޔާއަށް ވަޑައިގެންފައިވަނީ، ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގަ އެވެ. ނައިބު ރައީސްގެ މިދަތުރުފުޅުގައި އެޤައުމުގެ ކެރަލާ އަދި ކަރުނާޓަކާ ސްޓޭޓަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ހިޔާލު