Suood akee thajuribaa huri molhu meeheh, ekamaku fandiyaaru kamakah ekasheegen nuvey
image
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް--
0 ކޮމެންޓް
 

ސުއޫދަކީ ތަޖުރިބާ ހުރި މޮޅު މީހެއް، އެކަމަކު ފަނޑިޔާރު ކަމަކަށް ކަމަކު ނުދޭ: އާދަމް ޝަރީފް

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަައް ބަލާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނު ސުއޫދަކީ ތަޖުރިބާ ހުރި މޮޅު މީހެއް ކަމަށާއި އެހެން ނަމަވެސް އޭނާއަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އެންމެ އެކަށީގެންވާ މީހެއް ނޫން ކަމަށް މަޑުއްވަރީ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
ހުސްނުއް ސުއޫދަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވި ނަންތަކުގެ ތެރެއިން ހިމެނޭ ނަމެކެވެ. އަދި ރައްޔިތުންގެ މަޖިލީހަށް އެ ނަންތައް ފޮނުވުމުން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ވަނީ ސުއޫދުގެ ނަން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ނިންމާފަ އެވެ.

ޖުޑީޝަރީ ކޮމެޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނެންގެވުމަށް ފަހު ސުއޫދަކީ ސިޔާސީ ގޮތުން ރާއްޖޭގައި ދެން ހުންނެވި އެންމެ ވަރުގަދަ ބޭފުޅާ ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އެންމެ ގާބިލު ބޭފުޅާ ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ސުއޫދާ އެއްވަރަށް ގާބިލް ތަޖުރިބާ ހުންނެވި ފަރާތްތައް ރާއްޖޭގެ ފަނޑިޔާރުކަމުގައި ވެސް ހުންނެވި ކަމަށެވެ. އެހެން ނަމަވެސް އޭނާ ވަނީ ސުއޫދުގެ ނަން ރައީސް ސޯލިހު ފޮނުއްވުމުން އެކަމާ ސުވާލު ކުރައްވާފަ އެވެ.

"އަޅުގަނޑުގެ ސުވާލަކީ، ރާއްޖޭގައި ހަމަ މި ފެންވަރުގެ އެތައް ބައިވަރު ބޭފުޅުން ތިއްބެވި އިރު، ކީއްވެގެންތޯ ސުއޫދު އިހްތިޔާރު ކުރެވުނީ. ރާއްޖޭގައި އެބަ ތިއްބެވި މި ފެންވަރުގެ ރަނގަޅު ބޭފުޅުން. އަޅުގަނޑު ދަންނަވާނީ، ރައީސް ނަޝީދު ފިޔަވާ ދެން ރާއްޖޭގައި ސިޔާސީ ވަރުގަދަ އެއް ބޭފުޅެކޭ ސުއޫދަކީ،" ޝަރީފް ވިދާޅުވި އެވެ.

ސުއޫދު ރައީސްކަން ކުރައްވާ މަރު ކޮމިޝަނުން އަންނަނީ، ރ. މީދޫ، ފެންފިޔާޒުގޭ އަހްމަދު އަނަސްގެ މަރުގެ މައްސަލަ ބަލަމުން ކަމަށާއި އެހެން ނަމަވެސް މިހާތަނަށް އަނަސްގެ ތަހުގީގަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބިވުމަކީ ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށާއި އުއްތަމަ ފަނޑިޔާރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އަހާނެ އެވެ.
މަޖިލިސް ޕީއެންސީ
ހިޔާލު