Majileehuge vafudhu rajghat ah ziyaarai koffi
image
މަޖިލީހުގެ ރައީސާއި ނައިބް ރައީސް މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ-- ފޮޓޯ: ޓުވިޓާ
ހައްވާ މުހައްމަދު
1 ކޮމެންޓް
 

މަޖިލީހުގެ ވަފްދު ރާޖްގަޓަށް ޒިޔާރަތްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ވަފުދު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުގައި މަހަތްމާ ގާންދީގެ ހަނދާނީ ބިނާ، ރާޖްގަޓް އަށް ޒިޔާރަތްކުރައްވައިފި އެވެ.
މި ޒިޔާރަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އާއި، މެމްބަރުން ހިމެނޭ ގޮތަށް މަޖިލީހުގެ 15 ބޭފުޅުންގެ ވަފްދެއް އިންޑިޔާއަށް ފުރާވަޑައިގެންފައި ވަނީ އިއްޔެގަ އެވެ. އަދި މި ދަތުރުގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ އިންޑިއާއިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ.

މި ދަތުރުގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ލޮކް ސަބާ އާއި ރައްޔިތުންގެ މަޖިލިހާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ.

އެ އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން ބަދަހި ކުރުމެވެ. އެގޮތުން ދެ ފަރާތުން ވެސް ބަރުލަމާނީ ގުޅުން ބަދަހިކޮށް ރަނގަޅު ކުރުމަށް ބާރުއަޅާ، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރުން މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފަ އެވެ.

ދާދި ފަހުން ވެސް ރައްޔިތުން މަޖިލީހުގެ މެންބަރުންތަކެއް ވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް ވަޑައިގެން އެ މަޖިލީހުގައި މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފަ އެވެ.
ހިޔާލު

އިހުސާނާ

ވަރަށް ފޯރި ހިއްޕާނެ ކަންނޭނގެ ދެން މާލެ އައިސް! އެއީ ރާޖް ސަބާ އާ ލޮކް ސަބާ ގަ ވަރަށް ފޯރިއާ އެއްކޮށް ކަންކަމާ މެދު ބަހުސް ކޮށް، ކޮންމެވެސްވަރަކަށް ފަރުނީޗަރުވެސް ޖައްވަށް ހަވަޔަށް އަރައިގެންދާތަން ވެސް ފެނެއޭ މީސްމީހުން ބުނެ އުޅޭ އެހެންވީމަ!