Memberunge India dhathurufulhugai idhikolhu memberunge baiverivumeh neiy!
image
އިންޑިއާ އަށް ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން -- ފޮޓޯ: މަޖިލިސް
އަހްމަދު ރިފާއު
1 ކޮމެންޓް
 

މަޖިލިސް މެންބަރުންގެ އިންޑިއާ ދަތުރުފުޅުގައި އިދިކޮޅު މެންބަރުންގެ ބައިވެރިވުމެއް ނެތް!

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދައުވަތަކަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ އެއްވެސް މަޖިލިސް މެންބަރަކު ބައިވެރިވެވަޑައިނުގަންނަވާ ކަން ހާމަވެއްޖެ އެވެ.
މިކަމާ ގުޅިގެން މަޖިލީހުގެ މީޑިއާ އޮފިޝަލާ ސުވާލުކުރުމުން އޭނާ ވިދާޅުވީ އިންޑިއާ އަށް ވަޑައިގަތުމަށް މަޖިލީހުގައި ހިމެނޭ ހުރިހާ ޕާޓީތަކެއްގެ މެންބަރުންނަށް ވެސް ދައުވަތު ދީފައިވާނެ ކަމަށެވެ. ނަމަވެސް އިންޑިއާ ދަތުރުފުޅުގައި އިދިކޮޅު ކޯލިޝަންގެ މެންބަރުން ބައިވެރިވެވަޑައިނުގެންނެވި ވަކި ސަބަބެއް އޭނާ އަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ އެއްވެސް މެންބަރަކު އިންޑިއާ އަށް ވަޑައިނުގެންނެވި ސަބަބާ ގުޅޭގޮތުން ސުވާލުކުރުމުން ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ އެއްވެސް މެންބަރަކު އިންޑިއާ އަށް ވަޑައިނުގެންނެވި ސަބަބު މަޖިލީހުގެ އިދާރާއަށް އަންގާފައިވާނެ ކަމަށެވެ. އިދިކޮޅު ކޯލިޝަންގެ އެއްވެސް މަޖިލިސް މެންބަރަކު އިންޑިއާ އަށް ވަޑައިނުގެންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިވަގުތު ޖަލުގައި ހުންނެވުމާ ގުޅިގެން ރައީސް ޔާމީން މިނިވަންކުރުމަށް އިދިކޮޅު މެންބަރުންގެ ހުރިހާ ވަގުތެއް ހުސްކުރެއްވުމަށް ބޭނުންވެވަޑައިގަންނަވާތީ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހުރިހާ މެންބަރުންނަށްވެސް މިވަގުތު އެންމެ މުހިއްމީ ރައީސް ޔާމީން މިނިވަންކުރުމަށް ހުރިހާ ވަގުތެއް ދިނުން. އެހެންވެ އަޅުގަނޑުމެންގެ އެއްވެސް މެންބަރަކު އިންޑިއާ އަށް ވަޑައިނުގަންނަވާނެ ކަމަށް މަޖިލީހުގެ އިދާރާއަށް އަންގާފައިވާނެ،" ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަން ކުރެއްވި އާދަމް ޝަރީފް އުމަރު ވިދާޅުވި އެވެ.

މި ދަތުރުފުޅުގައި އިންޑިއާ އަށް ވަޑައިގެންނެވި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲއާއި، އެމްޑީޕީގެ މެންބަރުން ކަމަށްވާ އެޕާޓީގެ ޕީޖީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމާއި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމުގެ އިތުރުން ޖޭޕީގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާއާއި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

މަޖިލީހުގައި ތިއްބަވަނީ އެމްޑީޕީގެ 65 މެންބަރުންނާއި، ޕީޕީއެމްގެ 6 މެންބަރުންނާއި، ޕީއެންސީގެ 3 މެންބަރުންނާއި، ޖޭޕީގެ 5 މެންބަރުންނާއި، ޖޭޕީގެ 2 މެންބަރުންގެ އިތުރުން އަމިއްލަ 6 މެންބަރުންނެވެ.

މަޖިލިސް މެންބަރުން އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ރާޖްޔާ ސަބާގެ ޗެއާމަން ޝްރީ އެމް ވެންކައިއަ ނައިދު އާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޮކް ސަބާގެ ރައީސް، ޝްރީ އޯމްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ ލޮކް ސަބާއާއި ރައްޔިތުންގެ މަޖިލީހާ ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)ގައި ސޮއިކުރުން ކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ މައުލޫމާތު ދީފަ އެވެ. މިއަދު ވަނީ މިއެމްއޯޔޫގައި ސޮއި ކޮށްފަ އެވެ.
ހިޔާލު

އަހުމަދު

އިދިކޮޅު މެމްމބަރުން ރެއާއި ދުވާލު ނުނިދާ ޔާމީން އަރިހުގައި .... މުނިފޫހިފިލުވާންދެއްވަން .