REPORT: Vaudhuvi gothah sticker jehumah hahleh nai ahareh!
image
ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކެއްގައި ސްޓިކާ ޖަހަނީ--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ވައުދުވި ގޮތަށް ސްޓިކާ ޖެހުމަށް ހައްލެއް ނައި އަހަރެއް!

މާލެއަށް ނުކަތާ ވަރަށް މިތަނުގައި އުޅަނދު ފަހަރު ހުރި ކަމީ އެންމެ ވެސް ގަބޫލުކުރާ ހަގީގަތެކެވެ. އެކަމަކު ދެބަސްވެވެނީ މުޅި މާލޭގައި ބޭނުންކުރަމުން އަންނަ އުޅަނދުތައް ޕާކު ކުރާނެ ޖާގަ މިތަނުގައި އޮތް ކަމާ މެދު އެވެ. ނޫންނަމަ ސަރުކާރުން ޕާކުކުރަން ޖާގަ ދައްކާފައިވާކަމާ މެދު އެވެ. މި ދެބަސްވުމާއެކު އާންމުންގެ ޝަކުވާވެސް އިންތިހާއަށް އޮތް ކަމަކީ މާގިނައިން ފުލުހުން ސްޓިކާ ޖަހާތީ އެވެ. އާންމުން ކުރާ ޝަކުވާއަކީ އެތައް ބުރެއް ޖަހައި ޕާކު ކުރާނެ ޖާގައެއް ހޯދަން މަސައްކަތް ކުރި ނަމަވެސް ޖާގައެއް ނުފެންނަ ކަމަށެވެ. އެހެންވެ މަގުގެ އެއް ފަޅިއެއްގައި ސައިކަލު ބަހައްޓާއި ޖެހިގެން ހުންނަ ފިހާރައަށް ވަދެ ނިކުންނައިރު ބޭރުގައި ބައިންދާފައި ދިޔަ ސައިކަލުގައި ސްޓިކާ ޖަހާފައި ހުރުމުން ފާޅުކުރާ ކަންބޮޑުވުންތަކެވެ.
މި ހާލަތުގައި މާލޭގެ ޕާކިން މައްސަލަ އޮއްވާ މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މި ޝަކުވާތައް އަޑު އަހައި ޕާކުކުރާނެ ޖާގަ ނުދައްކާ އެގޮތަށް އުޅަނދު ފަހަރުގައި ސްޓިކާ ނުޖަހާނެ ކަމަށް ވިދާޅުވެފަ އެވެ. އަހަރުގެ ކުރީކޮޅު ފެނިގެން ދިޔައީ ވެސް އެފަދަ މަންޒަރެކެވެ. ސަރުކާރުން އަންގައިގެން ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުފަހަރުގައި ސްޓިކާ ޖެހުން ފުލުހުން ހުއްޓާލި އެވެ. އެ މަސައްކަތް ފުލުހުން މަޑު ޖައްސާލުމާއެކު ސަރުކާރަށް ތައުރީފު ވެސް އޮހެން ފެށި އެވެ. އެއާއެކު އާންމުންގެ ފަރާތުން ފެނިގެން ދިޔައީ ހިނގާބިނގާވެ އުޅޭ މީހުންގެ ޝަކުވާތައް އިންތިހާއަށް އިތުރުވި މަންޒަރެވެ. ކަފިހި ހުރަހެއް ބެލުމެއް ނެތި ހިތުހުރި ގޮތަކަށް ޕާކުކުރަން ފެށުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އަނެއްކާ ވެސް އެއްގަމު އުޅަނދުގައި ސްޓިކާ ޖަހަން ފެށުމެވެ.


-ކަފިހި ހުރަސް މަތީގައި ޕާކުކޮށްފައި-- ފޮޓޯ: ސަން

އެކަމަކު އެއީ ރައީސްގެ ވައުދުފުޅާ ހިލާފަށް ފުލުހުން ކުރަމުން އައި ކަމެއް ކަމަށް ބުނެ ފާޑުކިޔުންތައް މިދިޔަ އެއް އަހަރެއްހާ ދުވަހުގެ ތެރޭގައި އެންމެ ބޮޑަށް އަމާޒުވި އެއް ފަރާތަކީ ޓްރާންސްޕޯޓް މިނިސްޓަރު، އައިޝަތު ނަހުލާ އެވެ. އެއީ ޓްރާންސްޕޯޓުން ވެސް އެކަމަށް ފިޔަވަޅުތަކެއް ނާޅާ ކަމަށް ބުނެ އެވެ. ނަމަވެސް އެފަރާތްތަކަށް މިދިޔަ އަހަރުގެ ކުރީކޮޅު، މިނިސްޓަރު ނަހުލާ ދެއްވީ ފިނި ރައްދެކެވެ. ވިދާޅުވީ ސްޓިކާ ޖަހަމުން ދަނީ ޕާކުކުރާނެ ޖާގަ ދެއްކުމަށް ފަހު ކަމަށެވެ.

"ސްޓިކާ ޖަހައިގެން މައްސަލައެއް އަޅުގަނޑުމެންނަކަށް ހުށަހެޅިފައެއް ނެތް. ސަބަބަކީ މިގޮތަށް ޕޮލިހުން ވަރަށް ރަނގަޅަށް ބައްލަވާފައި ސްޓިކާ ޖަހަން ޖެހޭ ވެހިކަލްތަކުގައި ސްޓިކާ ޖަހަމުން އެ ގެންދަނީ. އެކަމަށްޓަކައި އަޅުގަނޑު ޕޮލިހުންނަށް ޝުކުރު ދަންނަވަން،" މިދިޔަ އަހަރުގެ ޖުލައި 15 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވުމުން ރައްޔިތުންގެ ހިތުގައި ސުވާލެއް ތަކުރާރު ކުރަން ޖެހުނެވެ. އެއީ އުޅަނދުފަހަރުގައި ސްޓިކާ ޖަހަނީ ހަމަ ޕާކުކުރާނެ ޖާގަ ދެއްކުމަށް ފަހުތޯ އެވެ. މި ސުވާލު ތަކުރާރުކުރަން ޖެހުނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވި ވާހަކައަކާ ގުޅިގެންނެވެ. މެޔަރު ވިދާޅުވީ ވެރިރަށް މާލޭ ގައި އެއްގަމު އުޅަނދު ފަހަރު އިތުރަށް ޕާކު ކުރާނެ ޖާގައެއް ނެތް ކަމަށެވެ. ހުރިހާ މުއައްސަސާތައް ގުޅިގެން މާލޭ ސިޓީއަށް އެތެރެވާ ވެހިކަލްތަކަށް ހައްލެއް ހޯދަން ޖެހިއްޖެ ކަމަށެވެ.

މާލޭގެ ޕާކިން މައްސަލަ ހައްލުކުރަން ކުރި މަސައްކަތް:

ކޮންމެއަކަސް ޕާކު ކުރާނެ ޖާގަ ނުދައްކާ ޕާކު ކުރާތީ އާންމުންގެ ކަންބޮޑުވުންތައް ހުރިިއިރު ތޮއްޖެހިފައިވާ މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލެއް ގެނައުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ހުސް ބިންތަކުގައި ޕާކިން ޒޯނުތައް ތަރައްގީކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ. މި ސަރުކާރު އައި ފަހުން ވެސް ވަނީ މާލޭގެ ނުވަ ސަރަހައްދެއްގައި ޕާކިން ޒޯނުތައް ތަރައްގީކޮށްފަ އެވެ.

އެގޮތުން އެމްޓީސީސީ ސަރަހައްދާއި މާފަންނު ސަހަރާއާއި ފިނޭންސް މިނިސްޓްރީ ސަރަހައްދުގައި ޕާކިން ޒޯނުތައް ތަރައްގީކޮށް މިހާރު ދަނީ ބޭނުން ކުރަމުންނެވެ. އޭގެ އިތުރުން ހީނާމާގޭ ސަރަހައްދާއި ދިވެހި ބަހަށް ހިދުމަތް ކުރާ މަރުކަޒު ހިންގި ބިމުގައި ވެސް ޕާކިން ޒޯނު ހެދިފައިވާއިރު ސޯސަންމަގުގައި ކުރީގެ ނާސަރީ ހިންގި ބިމުގައި ވެސް ވަނީ ޕާކިން ޒޯނެއް ތަރައްގީކޮށް ބޭނުން ކުރަން ފަށާފަ އެވެ.


- ފިނޭންސް މިނިސްޓްރީ ކައިރީ ހުޅުވި ޕާކިން ޒޯން--

މި ސަރުކާރުގެ ފުރަތަމަ އަހަރު ފެނިގެން ދިޔައީ ކުރީގެ ސަރުކާރުން މާލޭގެ ޕާކިން މައްސަލަ ހައްލުކުރަން އެކި ސަރަހައްދުތަކުގައި ބެހެއްޓި، މެކޭނިކަލް ޕާކިން ޒޯނުތައް ވެސް ނެގި މަންޒަރެވެ. ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި، ކުރީ ސަރުކާރުން މާލޭގައި ބެހެއްޓި ޕާކިން ސިސްޓަމްތަކަކީ ރާއްޖެއަށް އެންމެ އެކަށީގެންވާ ސިސްޓަމްތަކެއް ނޫނެވެ. އެއީ އެއްވެސް ޕްލޭނެއް ނެތި މިދިޔަ ސަރުކާރުން ހިންގި މަޝްރޫއެއް ކަމަށް މި ސަރުކާރުން ބުނެ އެވެ.

މެކޭނިކަލް ޕާކިން ސިސްޓަމް ގާއިމުކުރުމަށް ދައުލަތުގެ ބަޖެޓުން ޖުމްލަ، 59،493،520 (ފަންސާސް ނުވަ މިލިއަން ހަތަރު ސަތޭކަ ނުވަދިހަ ތިން ހާސް ފަސް ސަތޭކަ ވިހި) ރުފިޔާ ހަރަދުކުރި އެވެ.

މާލޭ ސިޓީ ކައުންސިލުގެ ޓްރެފިކް ކޮމެޓީގެ މުގައްރިރު އަހުމަދު ޒަމީރު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި މާލޭގެ މަގުތަކަށް ލުއެއް ހޯދައިދިނުމުގެ ބޭނުމުގައި ސިޓީ ކައުންސިލުގެ ވިސްނުން ހުރީ ޕާކިން ޒޯނުތައް ހުސްބިން ތަކުގައި ތަރައްގީކޮށް މަގުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް އެތެރެއަށް ޖައްސާލުމަށެވެ. އެކަމަކު މޭޔަރު ވިދާޅުވެފައި މިވަނީ ހުރިހާ ގޮޅިތަކެއް ފުރިފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވަނީ ޕާކިން މައްސަލަ ހައްލު ކުރާނެ ޖާގަ މާލޭގައި ނެތް ކަމަށް ވިދާޅުވެފަ އެވެ. ސަބަބަކީ މާލޭގެ 42 އިންސައްތައަކީ އުޅަނދު ފަހަރު ކަމަށްވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލޭގެ ޕާކިން މައްސަލަ ހައްލުކުރަން މާލެއަކު ޖާގައެއް ނެތް، މި މައްސަލައަށް ލުޔެއް ލިބޭނީ ވެހިކަލް އެތެރެ ކުރެވޭ ވަރު ކޮންޓްރޯލު ކުރެވިގެން، އަޅުގަނޑުމެން މިހާރު ވާނީ އެކަމާއި ގުޅިގެން ކެބިނެޓާ ވެސް މަޝަވަރާ ކުރެވިފަ،" އެކަމާއި މެދު އަދި ގޮތެއް ނިންމާފައި ނުވާކަން ފާހަގަކުރައްވާ ޝަމާއު ވިދާޅުވި އެވެ.

ޝަމާއު ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލުގެ ވިސްނުން ހުރީ، ވެހިކަލް ކޮންޓްރޯލު ކުރުމަށް ފަހު ޕަބްލިކް ޓްރާންސްޕޯޓް ތައާރަފު ކުރުމަށެވެ.

މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މާލޭގެ ޕާކިން މައްސަލައަށް ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރެވުން ނަމަވެސް މިކަމަށް ހައްލެއް ލިބުމުގެ ކޮޅުމަތި އަދި ނުފެނެ އެވެ. ޕާކިން މައްސަލައިގައި ސްޓިކާ ޖަހަނީ ޕާކު ކުރާނެ ޖާގަ ދެއްކުމަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް، ފެންނަން އޮތް ހަގީގަތަކީ އެޔެއް ނޫނެވެ. ކޮންމެއަކަސް ރައްޔިތުންގެ އުއްމީދަކަށް ވާނީ މި ފެށުނު އާ އަހަރުގައި މި މައްސަލައަށް އެދެވޭ ހައްލެއް ލިބިގެން ދިޔުމެވެ.
ހިޔާލު