Raees Yamin minivan kurumah govaalaa UN office kurimatheegai muzaaharaa kohfi
image
މާލޭގައި މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން
2 ކޮމެންޓް
 

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އދ އޮފީސް ކުރިމަތީގައި މުޒާހަރާކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލާ މާލޭގައި ހުންނަ އދގެ މައި އޮފީސް ކުރިމަތީ މުޒާހަރާ ކޮށްފި އެވެ.
އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން މި މުޒާހަރާ ކުރިއަށް ގެންދިޔައީ ލޯ މަތީގައި ކަޅު ފޮތިކޮޅެއް ބަނދެގެން ތިބެ އެވެ. އަދި އެ މީހުން ތިބީ ދިވެހި ބަހާއި އިނގިރޭސި ބަހުން މެސެޖުތަކެއް ލިޔެފައިވާ ބޯޑުތަކެއް ވެސް ހިފައިގެންނެވެ.

އެގޮތުން ބޯޑުތަކުގައި ވަނީ ކުށްވެރިން ނޫން މީހުން ހައްޔަރުނުކުރުމަށާއި، އެއްވެއުޅުމުގެ ހައްގު ހަނިނުކުރުމަށާއި، ރައީސް ޔާމީން މިނިވަންކުރުމަށާއި، ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވުމަށް ގޮވާލައި މެސެޖުތައް ލިޔެފަ އެވެ.

މިމުޒާހަރާގެ ބައިވެރިން ވަނީ އެތަނުގައި އިރުކޮޅަކު އެމީހުންގެ ޝުއޫރު ފާޅުކުރުމަށްފަހު އެތަނުން ގޮސްފަ އެވެ.

އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ އިސް ބައެއް ބޭފުޅުން ވިދާޅުވީ ރައީސް ޔާމީން ޖަލަށްލާފައި ހުރީ ނުހައްގުން ކަމަށްވާތީ އދ އަށް އެކަން އަންގަން ބޭނުންވާތީ އެ އޮފީސް ކުރިމަތީގައި މުޒާހަރާ ކުރީ ކަމަށެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ގެންދަނީ މާލެއާއި އަތޮޅުތަކުގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.

ރައީސް ޔާމީން ޖަލަށްލުމަށް ކުރި ހުކުމް އެމަނިކުފާނުގެ ގާނޫނީ ޓީމުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ނަމަވެސް އިސްތިއުނާފް އަޑުއެހުންތައް އަދި ފަށާފައެއް ނުވެ އެވެ.
ހިޔާލު

Falaah

ތިތަނުގައި އެއްވެފައިތިބި މީހުންނަށް ޔާމީން ބުނެފަހުރި ވާހަކަތައް އިއްވާލަދީބަލަ. މިކަމަކީ ރާއްޖޭގެ ދާހިލީ ކަމެކޭ ބޭރުގެ ފަރަންޖީނަކަށް ނުބެހެވޭނޭ، އަހަރެމެންކަންތައްތައް ނިންމާނީއަހަރެމެން އަމިއްލައަށޭ މީ ޔާމީނު އާރާއި ބާރުގައިހުރިއިރު ދައްކަމުންދިޔަ ވާހަކަތައް، ތިބޭފުޅުންވެސް އޭނަގެ ވާހަކަތައް ޤަބޫލްކޮށް އަވަހައް ގެޔައްދޭ، ތިކަމުންވާނެ އެއްވެސް ކަމެއްނޯންނާނެ، ޔާމީނަކީ ބައިނަލް އަޤްވާމީ މުޖުތަމަޢު ބަލައިގަންނަ މީހެއްނޫން

ހަހްމިނި

ލަދެއްވެސް ނުގަނޭދޯ ޔާމީނު ވެރިކަމުގަ އެތައްބަޔަކު ޖަލުން ދޫކޮށްލުމަށް އދ އިންގޮވާލީމަ އެވަރުގެ ނުބައި ބަޔަކު ނެތިގެން އެއްޗެހިގޮވާ އދ އިން ވަކިވާން ގޮވިމީހުންނޭތިއީ