Nasheed Mahatma Gandhi ah heyo dua kohdhinumun faadukiyaifi!
image
ނަސްރުﷲ މުހައްމަދު
1 ކޮމެންޓް
 

ނަޝީދު މަހާތުމާ ގާންދީއަށް ހެޔޮ ދުއާކޮށްދިމުން ފާޑުކިޔައިފި!

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީއަށް ހެޔޮ ދުއާކޮށްދިނުމުން އެކަން ބަހުސަކަށްވެ އެއްބަޔަކު ފާޑުކިޔަން ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 15 މީހުންގެ ވަފުދެއް އަންނަނީ އިންޑިއާއަށް ރަސްމީ ދަތުރެއް ކުރަމުންނެވެ. މި ދަތުރަކީ އިންޑިއާގެ ތިރިގެ ލޮކުސަބާ އާއި ދިވެހިރައްޔިތުންގެ މަޖިލީހާއި ދެމެދު ފަހުދުނާމާއެއްގައި ސޮއިކުރުމަށް ކުރާ ދަތުރެކެވެ.

މި ދަތުރުރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާއި ރައްޔިތުންގެ މަޖިލީހުގެ ވަފުދު ވަނީ މަހަތްމާ ގާންދީގެ ހަނދާނީ ބިނާ، ރާޖްގަޓަށް ޒިޔާރަތްކޮށްފައެވެ.އެތަނުން އެއް ފޮޓޯގައި ރައީސް ނަޝީދާއި ހެންވޭރު ދެކުނު ދާއިރާ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ދުއާކުރާ މަންޒަރު ފެނެއެވެ.

އިދިކޮޅު ޕާޓީތަކާއި ބައެއް މީހުން ގެންދަނީ މި ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުކުރަމުންނެވެ.

އެމީހުން ބުނަމުން ގެންދަނީ މުސްލިމު ނޫން މީހެއްގެ މައްޗަށް ދުއާ ނުކުރެވޭނެކަމަށެވެ.ނަމަވެސް އެކަމަށް ރައްދު ދެމުން އެލެކް އަހުމަދު ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކުން ބުނެފައިވަނީ، ހެޔޮކަންކަން ކޮށްފައިވާ މީހުންނަށް ރަނގަޅަށް އެދި ކިޔަވާނީ އިބްރާހިމްގެފާނުގެ ސަލަވާތް ކަމަށެވެ.

މަހާތުމާ ގާންދީގެ ހަނދާނީ ބިނާއަށް ކުރި ޒިޔާރަތުގައި ރައީސް ނަޝީދު ވަނީ މެހެމާނުންގެ ފޮތުގައި މެސެޖެއްެވެސް ލިޔުއްވާފައެވެ."ގާންދީޖީ އަކީ އަޅުގަނޑުމެން މި ދިރިއުޅޭ ޒަމާނުގައި ހިނގާކަންކަމުގައި އެންމެބަށް އުންމީދު އާކޮށްދެއްވި ބޭފުޅާ. ގާންދީޖީގެ ފަލްސަފާއި ނިންމެވުންތަކަކީ މުޅި ދުނިޔޭގައި ވެސް މިނިވަންކަމަށް ލޯބިކުރާމީހުންނަށް ހިއްވަރު ލިއްބައިދޭކަންކަން. އަދި އެ ހިއްވަރު އަޅުގަނޑުމެންގެ ދިވެހިރާއްޖޭއިންނާއި އަވަށްޓެރި ގައުމުތަކުން ހޯދާ،" ގާންދީގެ ހަނދާނީ ބިނާއަށް ވަޑައިގެން ރައީސް ނަޝީދު މެހެމާނުންގެ ފޮތުގައި ލިއުއްވާފައިވެއެވެ.

މި ފޮޓޯ އާންމުވެފައިވަނިކޮށް ޝެއިހް އިލިޔާސް ހުސެއިން ވަނީ ނުސީދާކޮށް ރައީސް ނަޝީދަށް ފާޑުވިދާޅުވެފައެވެ.

އިލިޔާސް ދީނީގޮތުން ދެއްކެވި ހެކިތަކާއި ދެކޮޅަށް ބައެއް މީހުން ވަނީ ދީނީ ހެކިތައް ވެސް ހުށަހަޅާފައެވެ.ބައެއް މީހުން ވަނީ މަހާތުމާ ގާންދީއަކީ މުސްލިމެއް ނޫންކަން އެނގެނީ ކިހިނެއްތޯ ވެސް ސުވާލުކޮށްފައެވެ.
ހިޔާލު

އެޑްމުންޑޯ

ކިތަންމެ ލޯބިވިއަސް ނަޝީދުކުރާ ކޮންމެ ކަމަކީ ރަގަޅުކަމެއްގެ ގޮތުގައި ނުދެކޭށެވެ. އަދި އެކަންތައްތަކުގެ ދިފާއުގައި ވާހަކަ ދައްކާ އަމިއްލައަށް ހަލާކުވެ ނުގަންނާށެވެ.