REPORT: E cigarette, hageegathuga ves manaa kuran jehey tha?
image
4 ކޮމެންޓް
 

އީ-ސިނގިރޭޓް: ހަގީގަތުގައި ވެސް މަނާ ކުރަން ޖެހޭތަ؟

ޝައްކެއް ވެސް ނެތެވެ؛ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްހަތަށް އެތައް ގެއްލުމެއް ލިބޭ ކަމެކެވެ. ތަޖުރިބާކާރުން ދެކޭ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ބަލިތަކުގެ ސަބަބުން އެތައް މިލިޔަން ބަޔަކު މަރުވެގެން ދާއިރު، އެއީ ހައްލެއް ހޯދޭނެ ކަމެކެވެ. އެކަމަކު މިހާރު ވެސް ބިލިޔަނެއްހާ މީހުން ސިނގިރޭޓް ބުއިމަށް ދެވި ހިފާފައި ތިބި ކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ތެރެއިން ދެ ބައިކުޅަ އެއް ބައި މީހުން މަރުވަނީ ސީދާ އެ ނުބައި އާދައިގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކުގަ އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ސަބަބުން، އެކަން ނުކުރާ އެތައް މިލިޔަން ބަޔަކަށް ވެސް ނޭދެވޭ އަސަރުތައް ކުރާ ވާހަކަ އަކީ އާ ވާހަކައެއް ނޫނެވެ. އެކަމަކު މި ހުރިހާ ސަބަބުތަކާއި އެކު ވެސް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު މަދުވާތަނެއް ނުފެނެ އެވެ.
އެކަމަކު ދުންފަތުގެ އިސްތިއުމާލު ކުރުމަށް ޒަމާނީ ބަދަލުތަކެއް އެބަ އާދެ އެވެ. އެގޮތުން މީގެ ހައެއްކަ އަހަރު ކުރިން އީ-ސިނގިރޭޓް ތައާރަފްވެ، ވައިގައި ހިފަން ފަށައިފި އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ތައާރަފްވި އާ ޓެކްނޮލޮޖީއާ އެކު ސިއްހީ ތަޖުރިބާކާރުންގެ ހިޔާލުތައް ވަނީ ދެކަފިވެފަ އެވެ. ނަމަވެސް މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ލަންޑަންގެ މަޝްހޫރު ރޯޔަލް ސޮސައިޓީގައި ބޭއްވި ހަތް ވަނަ އީ-ސިނގިރޭޓް ސަމިޓުގައި ވަނީ ގިނަ ދާއިރާތަކެއްގެ މަޝްހޫރު ތަޖުރިބާކާރުން، އީ-ސިނގިރޭޓާއި ގުޅޭ އެންމެ ފަހުގެ ހޯދުންތަކުގެ މައުލޫމާތުތައް ހިއްސާ ކޮށްފަ އެވެ.

އީ-ސިނގިރޭޓަކީ ކޮބާ؟

އީ-ސިނގިރޭޓަކީ ރީޗާޖަބަލް ބެޓަރިއެއްގެ ހަކަތައިން އޮޕަރޭޓް ކުރާ އެއްޗެކެވެ. ބައެއް އީ-ސިނގިރޭޓް އަސްލު ސިނގިރޭޓެއްގެ ސިފާގައި ހުންނަ އިރު، އަނެއްބައި އެއްޗެހި ޕެން ޑްރައިވް ފަދަ އެއްޗަކާ ވައްތަރެވެ. އެފަދަ ބައެއް ޑިވައިސްތަކަކީ ދިޔާކޮށް ހުންނަ ފްލޭވާ ވަކިން ގަނެގެން އަޅަން ޖެހޭ އެއްޗެއްސެވެ. މިހާރު އެތައް ސަތޭކަ ބްރޭންޑްތަކުގެ އީ-ސިނގިރޭޓް މާކެޓަށް ނެރެގެން ވިއްކަމުން ދެއެވެ. 

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އަމާޒުކޮށްގެން ހަދާފައިވާ އާ ޑިވައިސްތައް މަސައްކަތް ކުރަނީ، އެ އެއްޗެހި ދަމާލުމާއި އެކު އެއަށް އަޅާފައި ހުންނަ ފްލޭވާ ހޫނުވުމުން އެ އެއްޗެހި އާތްވަށް ބަދަލުކޮށްލައިގެންނެވެ. އީ-ސިނގިރޭޓުން އަރާ ދުމަކީ ވެސް އާވިން އުފެދޭ ދުމެވެ. ތަޖުރިބާކާރުން ދެކޭގޮތުގައި އީ-ސިނގިރޭޓުން ލިބޭ ގެއްލުން އާންމުކޮށް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ބޭނުންކުރާ ސިނގިރޭޓުން ލިބޭ ގެއްލުމާ އަޅާ ބަލާއިރު ދަށެވެ.

އީ-ސިނގިރޭޓުން ގެއްލުން ލިބޭ، އެކަމަކު ސިނގިރޭޓަށް ވުރެ އެތައް ގުނައެއް ގެއްލުން ކުޑަ!

އީ-ސިނގިރޭޓް އުފައްދާ ގިނަ ކުންފުނިތަކުން އެ އެއްޗެހި އިސްތިހާރު ކުރަނީ އެއީ ސިނގިރޭޓު ބުއިމަށް ވުރެ އެ އެއްޗެހިން ލިބޭ ގެއްލުން ކުޑަ ކަމަށް ބުނެ އެވެ. ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވެސް އެކަމަކަށް ދެބަހެއް ނުވެ އެވެ. އީ-ސިނގިރޭޓުން ގެއްލުން ލިބުނު ނަމަވެސް، އާންމުކޮށް ބޭނުން ކުރާ ސިނގިރޭޓުން ލިބޭ ގެއްލުމާ އަޅާ ބަލާއިރު އެތައް ގުނައެއް ގެއްލުން ކުޑަ ކަމަށް އެންމެ ފަހުގެ ދިރާސާތަކުން ދައްކާ ކަމަށް ސެން ފްރެންސިސްކޯގެ ޔުނިވާސިޓީ އޮފް ކެލެފޯނިއާގެ މަޝްހޫރު ރިސާޗަރެއް ކަމަށްވާ ނީލް ބެނޮވިޓްސް ވިދާޅުވެ އެވެ.

"ސިނގިރޭޓް ބުއިމުގެ ސަބަބުން އަހަރަކަށް ގާތްގަނޑަކަށް ބައި މިލިޔަނަށް ވުރެ ގިނަ މީހުން މަރުވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ. އޭގެ މައިގަނޑު ސަބަބަކީ ސިނގިރޭތް ރޯކޮށްފައި ދަމާލުމުން ހަށިގަނޑަށް ވަދެގެންދާ އެތައް ހާސް ނުރައްކާތެރި ކެމިކަލްތައް،" ބެނޮވިޓްސް ވިދާޅުވި އެވެ.

އީ-ސިނގިރޭޓަކީ އަލިފާން ރޯކޮށް ދަމާލަން ޖެހޭ އެއްޗަކަށް ނުވުމުން، ސިނގިރޭޓް ބުއިމުން ހަށިގަނޑުގެ ތެރެއަށް ދާ ނުރައްކާތެރި ކެމިކަލްތަކަށް ވުރެ އީ-ސިނގިރޭޓުން ހަށިގަނޑުގެ ތެރެއަށްދާ ކެމިކަލްތައް މަދުކޮށް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އެގޮތުން ޕަބްލިކް ހެލްތު އިންގްލޭންޑުން ހަދާފައިވާ ދިރާސާތަކަށް ފަހު ނިންމާފައިވަނީ އީ-ސިނގިރޭޓަކީ އާންމުކޮށް ބޭނުންކުރާ ސިނގިރޭޓަށް ވުރެ ގާތްގަނޑަކަށް 95 ޕަސެންޓް ގެއްލުން ކުޑަ އެއްޗެއްގެ ގޮތުގަ އެވެ.

އީ-ސިނގިރޭޓް ސަމިޓަކީ އެތައް ގައުމަކުން ގިނަ ދާއިރާތަކެއްގެ ތަޖުރިބާކާރުންނާއި، ސަރުކާރުތަކުގެ ކަމާބެހޭ ވެރިންގެ އިތުރުން ގާނޫނު ހަދާ މަޖިލީސްތަކުގެ މެމްބަރުން ވެސް ބައިވެރިވެގެން ކުރިއަށް ގެންދާ ބައްދަލުވުމެކެވެ. އެގޮތުން އެ ސަމިޓުގައި މައުލޫމާތު ދެއްވަމުން، ޔުނިވާސިޓީ ކޮލެޖް ލަންޑަންގެ ޑިޕާޓްމަންޓް އޮފް ބިހޭވިއަރަލް ސައިންސް އެންޑް ހެލްތުގެ ސީނިއާ ރިސާޗް ފެލޯ ޑރ. ސާރާ ޖެކްސަން ވިދާޅުވީ، ތަފާސްހިސާބުތަކަށް ބަލާއިރު އީ-ސިނގިރޭޓުގެ ސަބަބުން އިނގިރޭސި ވިލާތުގައި ކޮންމެ އަހަރަކު 70،000 މީހުން ސިނގިރޭޓް ބުއިން ހުއްޓާލާ ކަމަށެވެ. އެކަމަކު އީ-ސިނގިރޭޓުގެ ސަބަބުން ވެސް ސިއްހަތަށް ގެއްލުން ލިބޭ ކަމަށާއި، ނަމަވެސް އެ ލިބޭ ގެއްލުން ކުޑަ ކުރެވުމަކީ ކާމިޔާބީއެއް ކަމަށް ޑރ. ސާރާ ވިދާޅުވި އެވެ.

އެޕިޑޮމޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ ޖޯން ބްރިޓަން ވިދާޅުވީ، އީ-ސިނގިރޭޓްގެ ފްލޭވާގައި ނޮކޮޓިން އާއި ބައެއް އެހެން މާއްދާތައް ހިމެނޭކަން ފާހަގަ ކޮށްފަ އެވެ. އަދި އޭގެ ސަބަބުން ބައެއް ސިއްހީ މައްސަލަތައް ދިމާވެދާނެކަން ފާހަގަ ކުރެއްވި އެވެ. އެކަމަކު، އާންމުކޮށް ބޭނުންކުރާ ސިނގިރޭޓުގައި އެ މާއްދާތައް އީ-ސިގިރޭޓުގައި ބޭނުންކުރާ ވަރަށް ވުރެ އެތައް ގުނައެއް އިތުރުވުމާއި އެހެނިހެން ކެމިކަލްތައް ވެސް ސިނގިރޭޓުގައި ހުރުމުން، ސިނގިރޭޓް ބޯ މީހުންގެ ސިއްހަތަށް ލިބޭ ގެއްލުންތަކާ އަޅާ ބަލާއިރު އީ-ސިނގިރޭޓް ބޭނުންކުރާ މީހުންގެ ސިއްހަތަށް ލިބޭ ގެއްލުންތައް އެތައް ގުނައެއް ދަށް ކަން ޕްރޮފެސަރު ފާހަގަ ކުރެއްވި އެވެ. 

ޕްރޮފެސަރު ބްރިޓަން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އީ-ސިނގިރޭޓް ޓެކްނޮލޮޖީ އަށް އަންނަ ރަނގަޅު ބަދަލުތަކާއި، އެއަށް އަޅާ ފްލޭވާތައް ރެގިއުލޭޓް ކުރުން ވަރުގަދަ ކުރުމުން، އީ-ސިނގިރޭޓުން ސިއްހަތަށް ލިބޭ ގެއްލުންތައް މިހާރަށް ވުރެ ވެސް އެތައް ގުނައެއް ދަށް ކުރެވޭނެ ކަމަށެވެ.

ކްއީން މެރީ ޔުނިވާސިޓީ އޮފް ލަންޑަންގެ ޕްރޮފެސާ އޮފް ކްލިނިކަލް ސައިކޮލޮޖީ ޕީޓާ ހާޖެކް 12 މަސް ދުވަހުގެ ދިރާސާއެއް ހެދުމަށް ފަހު އޭގެ ނަތީޖާ އީ-ސިނގިރޭޓް ސަމިޓުގައި ހިއްސާ ކޮށްފަ އެވެ. އެގޮތުން އީ-ސިނގިރޭޓް އާ ދެކޮޅަށް ކުރާ މަސައްކަތުގެ ސަބަބުން، ސިނގިރޭޓު ބޯ މީހުން އިތުރުވާކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ޕްރޮފެސަރު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ޓްރެންޑް ކުރިއަށް ދާނަމަ އެއީ ވަރަށް ބޮޑު ނުރައްކަލެއްގެ ކަމަށާއި، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ނުހުއްޓައި އެކަން ކުރާނަމަ، ސިއްހަތަށް ލިބޭ ގެއްލުންތައް ކުޑަ ކޮށްދޭނެ އާ ޓެކްނޮލޮޖީތަކުގެ ބޭނުން ހިފުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް އެތައް ގިނަ ތަޖުރިބާކާރުންނެއް ވަނީ އެ ސަމިޓުގައި އީ-ސިނގިރޭޓާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކޮށްފަ އެވެ. އެ ހުރިހާ ބޭފުޅުންވެސް ދެކޭ ގޮތުގައި އީ-ސިނގިރޭޓަކީ އާންމުކޮށް ބޭނުންކުރާ ސިނގިރޭޓަށް ވުރެ ސިއްހަތަށް ލިބޭ ގެއްލުންތައް ކުޑަ އެއްޗެކެވެ. އެހެންކަމަށް ވާނަމަ ސިނގިރޭޓް މަނާ ނުކޮށް، އީ-ސިނގިރޭޓް މަނާ ކުރުމަކީ ބުއްދިވެރި ކަމަކަށް ވާނެ ހެއްޔެވެ؟
ސިނގިރޭޓް ސިއްހަތު
ހިޔާލު

ދިވެއްސެއް2

މި އާޓިކަލްގައި ވަރަށް ބެލެންސްކޮށް އެބައޮތް ބުނެދީފައި ސިނގިރޭޓުން ގެއްލުން ވާލެއް ބޮޑޭ އެކަމަކު އީ ސިނގިރޭޓުން ލިބޭ ގެއްލުން އެއަށް ވުރެ ކުޑައޭ. ސިނގިރޭޓު ބޮއިގެން އަހަރަކު ބައި މިލިޔަން މީހުން މަރުވޭ. ވޭޕް ކޮށްގެން މިހާތަނަށް މަރުވި މީހުންގެ އަދަދު އެއް އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދު. އެހެންވީމާ ކަލޭމެން ތިޔަ އުޅެނީ ވަކި ކަމެއް ހާސިލް ކުރަން އީސިނގިރޭޓް މަނާ ކުރަން. އިހުލާސްތެރި ކަމެއް ހުރި ނަމަ ސިނގިރޭޓް މަނާ ކުރަން ތިޔަ ހެން މަސައްކަތް ކުރުން މާ ބުއްދިވެރި!

ހަގީގަތް

ހަގީގަތަކީ އީ-ސިނގިރޭޓުން ވެސް ގެއްލުން ލިބޭ ކަން އަދި ސިނގިރޭޓުން އެއަށް ވުރެ ބޮޑު ގެއްލުމެއް މީހުންނަށް ލިބޭކަން. މި ލިޔުމުގައި ވަރަށް ސާފުކޮށް އެބައޮތް ބުނެފަ އީސިނގިރޭޓުން ގެއްލުން ލިބެޔޭ، އެކަމަކު އެ ގެއްލުން ކުޑައީ. އެހެންވީމާ ގެއްލުން ކުޑަ އެއްޗެއް މަނާ ކޮށްފައި ގެއްލުން ބޮޑު އެއްޗެއް ހުއްދަ ކުރުމަކީ ތާކުންތާކު ޖެހޭ ކަމަކަށް ނުވާނެ!

މާއިން ޝަރީފް

އަސްލުގަވެސް ސިނގަރެޓަށްވުރެން އީސިގަރެޓް ބުއީމާ ބޮޑު ތަފާތެއް ހުންނަކަން ތަޖުރިބާއިން އެނގިފައިވޭ. އީސިގަރެޓް މަނާކުރަނީ ސިގަރެޓް އުފައްދާ ކުންފުނިތަކުގެ ނުފޫޒު ސަރުކާރުތަކާއި ހަމަޔަށް ވަދެ، އަޑިންލިބޭ ފައިދާއަކަށް.

ދިވެއްސެއް....

މީ ކޮންކަހަލަ އާޓިކަލް އެށް؟ ސައިންޓިސްޓުންނޭ ކިޔާފަ މުޅިންވެސް ކޯޓް ކޮށްފަ ތިހިރީ އީސިގަރެޓް އިންޑަސްޓްރީން ސްޕޮންސަރ ކުރާ ސަމިޓްއެއްގެ ބައިވެރިން ދައްކާފަހުރި ވާހަކަތައް. ހަގީގަތަކީ އީސިގަރެޓްއިންވެސް މީހުން އެޑިކްޓް ކުރަން ނިކޮޓިން ޕްރޮޑަކްޓްސް ބޭނުން ކުރާކަން. އަދި އެހެނިހެން ގެއްލުންހުރި ކެމިކަލްތައް ބޭނުން ކުރާކަން. މިއޮތީ އެމެރިކާގަ މިއަހަރުވެސް އީސިގިރެޓާ ގުޅުންހުރި ފުއްޕާމެއަށް ގެއްލުން ލިބުނު މީހުންގެ ވާހަކަ: https://arstechnica.com/science/2019/10/vaping-linked-lung-illness-looks-like-exposure-to-mustard-gas-doctors-say/

މިލިޔުން ހީވަނީ އީސިގަރެޓް އިންޕޯޓްކުރާ ފަރާތަކުން ލާރިދީގެން ލިޔެފައޮތް އާޓިކަލްއެއްހެން. ހަގީގަތް ވަރަށް ތަފާތު،