Primary thakakee party thakuge membership ithuru kurumah jahssaa dhanthura eh?!
image
ސިޔާސީ ޕާޓީއަކުން ބޭއްވި ޕްރައިމަރީއެއްގެ ތެރެއިން: ފޮޓޯ / ޕީއެސްއެމްނިއުސް
އާދަމް ނަޒީރު
0 ކޮމެންޓް
 

ޕްރައިމަރީތަކަކީ ޕާޓީތަކުގެ މެމްބާޝިޕް އިތުރުކުރުމަށް ޖައްސާ ދަންތުރައެއް؟!

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގާތްވެފައި ވަނިކޮށް މިހާރު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި އެވެ. އެޕާޓީން މި ފުރުސަތު ހުޅުވާލުމުން ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީގެ ޓިކެޓު ހޯދުމަށް ދުއްވައިގަތެވެ. އެ މަސައްކަތަށް ނިކުތް ބައެއް މީހުންނަކީ ސީދާ ގޮތުން އެމްޑީޕީގެ ހަރަކާތްތަކުގައި އެއްވެސް ވަރަކަށް އުޅުނު ބައެއް ވެސް ނޫނެވެ. މައްސަލަ ނިކުތީ އެހިސާބުންނެވެ. ޕާޓީގެ ޓިކެޓު ހޯދުމަށް މާދުރުގައި ކުޅި ބަލަން މިވީހާ ދުވަހު ތިބި ބަޔަކު އައިސް ޕާޓީގެ އެތެރެއަށް އަތްބާނަން ފެށުމެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ބައިވެރިވި މީހުން އެޕާޓީގެ ޕްރައިމަރީގައި ވާދަކުރުމަށް ޕާޓީގެ ސެކްރެޓޭރިއަޓަށް ހާހުން ދިޔައީ މެންބާޝިޕް ފޯމު ހަވާލު ކުރަމުންނެވެ. ހަމައެކަނި މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައި އެކަނިވެސް އެމްޑީޕީން އެޕާޓީގެ މެމްބާޝިޕް އެތައް ގުނައަކަށް އިތުރުކުރި އެވެ. މިކަން މިގޮތަށް ވީނަމަވެސް ޕާޓީގެ ލީޑާޝިޕަށް ޕާޓީގެ އާއްމު މެންބަރުންގެ ނުރުހުން އޭރު ދިޔައީ ވަރަށް ބޮޑަށް އަމާޒުވަމުންނެވެ.

އެމްޑީޕީ އެކަންޏެއް ނޫނެވެ. އެއިރެއްގައި ވެރިކަމުގައި އޮންނަ ޕާޓީތަކުން މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ބާއްވާ ޕްރައިމަރީތަކުން މާޒީންވެސް ފެނިގެން ދިޔައީ މިފަދަ މަންޒަރުތަކެކެވެ. ސުވާލަކީ ޕާޓީތަކުގެ ޕްރައިމަރީ ތަކަކީ މެމްބާޝިޕް އިތުރުކުރުމަށް ބާއްވާ އެއްޗެއް ހެއްޔެވެ. ނޫނީ އެއީ ޕާޓީގެ އަސާސްތައް ހިފަހައްޓާ ރައްޔިތުންނަށް ހިދުމަތްކުރުމަށް ހޮވާ މަގާމަށް ބޭފުޅަކު ކަނޑައެޅުމަށް ބާއްވާ އެއްޗެއް ހެއްޔެވެ.

ފަހުގެ ތާރީހުތަކުގައި ފެނިގެން ގޮސްފައިވަނީ ޕްރައިމަރީތަކަކީ ޕާޓީތަކުގެ މެމްބާޝިޕް އިތުރުކުރުމަށް ބާއްވާ އެއްޗެއްގެ ގޮތުގަ އެވެ. ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީ ޕްރައިމަރީގައި ވާދަކުރި މެންބަރުން އެޕާޓީއަށް ދިން މެމްބާޝިޕް ފޯމުތައް އަދިވެސް އިލެކްޝަންސް ކޮމިޝަނަށް ޕްރޮސެސްކޮށް ނުނިމެ އެވެ.

ބޭނުމަކީ ކޮބާ؟

ޕްރައިމަރީ ބާއްވާއިރު އެއިރެއްގައި އެޕާޓީގެ ދަފްތަރުގައި ތިބޭ އާއްމު މެމްބަރުންނާއި އެކުގައި ޕްރައިމަރީ ނުބާއްވަނީ ކީއްވެގެން ހެއްޔެވެ. ޕްރައިމަރީއަށް އިއުލާނު ކުރުމުގެ ކުރިން ވަކި މުއްދަތެއް ވަންދެން ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ފަރާތްތަކަށް ޕްރައިމަރީގައި ވާދަކުރެވޭނެ ކަމަށް ބުނަނީ ކީއްވެގެން ހެއްޔެވެ.

އަބަދުވެސް ސިޔާސީ ޕާޓީތަކުން އެންމެ ބޮޑަށް ވަކާލާތު ކުރާ އެއް ކަމަކީ އެއް ޕާޓީއަށް ވުރެ އަނެއް ޕާޓީގެ މެންބަރުންގެ އަދަދާއި ގުޅޭ ގޮތުންނެވެ. ސިޔާސީ ޕާޓީއަކަށް އާއްމު މެންބަރުންގެ އަދަދަކީ ވަރަށް މުހިއްމު އެއްޗަކަށް ވެގެންދެ އެވެ. މެންބަރުންގެ އަދަދު އިތުރުކުރުމުގެ ބޭނުންތައް ކިތަންމެހާ ވެސް ގިނަ އެވެ. އެއް ބޭނުމަކީ ބޭރު ދުނިޔެއަށް ތިމަންނާމެންގެ ޕާޓީގެ ދަފްތަރުގައި މިހާރުވެސް ރާއްޖޭގެ ނިސްބަތުން ގިނަ މީހުން ތިބިކަން އެންގުމެވެ. އަދި ބޭރު ދުނިޔެއަށް އެޕާޓީއަކީ ގައުމުގެ ރައްޔިތުންގެ މެޖޯރިޓީ ގަބޫލުކުރާ ތާއީދުކުރާ ޕާޓީގެ ގޮތުގައި ދެއްކުމެވެ.

އެންމެ މުހިއްމު ބޭނުމަކީ އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް، އެޕާޓީތައް ހިންގުމަށް ދޭ ފައިސާގެ އަދަދު އިތުރު ކުރުމެވެ. ފައިސާ ދޭ ގޮތަށް ބަދަލު ގެނައުމަށް އިލެކްޝަންސް ކޮމިޝަނުން ވިސްނަމުން ދިޔަ ނަމަވެސް އަދި އެކަމުގައި އަމަލީ އެއްވެސް ސިފައެއް ޖެހިފައެއް ނުވެ އެވެ. އެހެންކަމުން މިހާރު އިލެކްޝަނުން ފައިސާ ދޫކުރަނީ ޕާޓީގެ އާއްމު މެންބަރުންގެ އަދަދަށް ބަލައިގެންނެވެ.

ޕްރައިމަރީތަކުގައި ވާދަކުރާ މެންބަރުން މެމްބާޝިޕް ފޯމުތައް ވަކި މިންވަރަކަށް ހަވާލުކުރަން އަންގަނީ މި ސަބަބުތަކަށްޓަކައެވެ. ނަމަވެސް މި ސަބަބުތަކަކީ ޕާޓީގެ އާއްމު މެންބަރުންނަށް އެނގޭ ސަބަބުތަކެއް ނޫނެވެ. ޕާޓީގެ ލީޑާޝިޕުތަކުގައި އިހުލާސްތެރިކަމެއް އޮތް ކަމަށް ވާނަމަ އެޕާޓީތަކުގެ އެންމެ އަގުބޮޑު އެއް ރައުސުލްމާލު ކަމަށްވާ އާއްމު މެންބަރުންނާއި މެދު ވިސްނާނެ އެވެ. ނަމަވެސް މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ލީޑާޝިޕުން ވިސްނަނީ ލިބޭނެ ފައިދާ އަށެވެ. އެއީ ކުރިންވެސް ދެންނެވި ފަދައިން މެންބަރުންގެ އަދަދު އިތުރުވުމާއި ޕާޓީއަށް ލިބޭ ފައިސާގެ އަދަދު އިތުރުވުމެވެ. މިކަން މިގޮތަށް ކުރާއިރު އާއްމު މެންބަރުންނަށް ލިބިގެން ދަނީ ކޮން އުފަލެއް ނުވަތަ ހިތްހަމަޖެހުމެއް ހެއްޔެވެ.

ނަން ހާމަކުރަން ބޭނުން ނުވާ ސަރުކާރު ހިންގާ މައި ޕާޓީގެ މަޖިލިސް މެންބަރަކު ވިދާޅުވީ އެއީ ކޮންމެ ޕާޓީއަކުން ކުރި ނަމަވެސް އަދި ކުރަމުންދާ ނަމަވެސް އެކަމަކީ އާއްމު މެންބަރުންގެ މަސްލަހަތާ އިހުސާސްތަކަށް ވިސްނާނުލާ ކުރާ ކަމެކެވެ. މެންބަރުންގެ އަދަދާއި އިލެކްޝަނުން ލިބޭ ފައިސާގެ އަދަދު އިތުރު ކުރުމުގެ ނިޔަތުގައި ޕާޓީގެ ލީޑާޝިޕުތަކުން ކުރާ އެފަދަ ކަންކަމުގެ ސަބަބުން ޕާޓީގެ ތެރޭގައި ހިތްހަމަ ނުޖެހުމާއި ކޯޅުންތައް ގިނަވެގެންދާ ކަމަށްވެސް އޭނާ ބުންޏެވެ.

"ޕާޓީގެ މެންބަރުންނަކީ މާދަމާވެސް މަގުމައްޗަށް ނިކުންނަން ބުނެފި ނަމަ އެކަން ކޮށްދޭ މީހުން. އެމީހުންނަށް އެއްވެސް ބަލާލުމެއް ނެތި މާދަމާ އެހެން ޕާޓީއެއްގައި މިއަދު އެހެން ޕާޓީއެއްގައި އުޅެފައި އަންނަ މީހުން ފަންސާސް ފޯމު ހިފައިގެން އައިސް ވެރިކަން ކުރާ ޕާޓީގެ ޓިކެޓު ހޯދަން މި އަންނަނީ. އެކަން ޕާޓީގެ ލީޑާޝިޕުން ބަލައިގަނެގެން ނުވާނެ. ބުނެވިދާނެ ތިމަންނާ މެންނަށް އެނގޭނެއް ނޫންހޭ ތިމަންނާމެންނަށް ލޯޔަލްއީ ކާކުކަން ކޮން ބައެއްކަން. އެކަމަކު އާހިރުގައި ހަމަ އަތަށް ގޮވާ މަންޒަރު ފެންނާނީ،" މެމްބަރު ވިދާޅުވިއެވެ.

ތިމާއަށް ތިމާމެންގެ ޕާޓީއަށް ތެދުވެރި މީހާ އެނގޭނެ ކަމަށް ހީކޮށް ޕާޓީގެ މެމްބަރުންގެ އަދަދު އިތުރުކޮށް ޕާޓީއަށް ލިބޭ ފައިސާގެ އަދަދު މިއަދު އިތުރު ކުރެވިދާނެ އެވެ. ނަމަވެސް ފަހުން އެކަމުގެ ހިތި ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ފަހަރު އެކަން ފެނިފައިވެސް އެބަހުއްޓެވެ. ފަހަރުގައި އެއީ އިޔާދަނުކުރެވޭ ވަރުގެ ގެއްލުމަކަށްވެސް ވެދާނެ އެވެ. ތިމާގެ ޕާޓީގެ ފިކުރާ އެއްވެސް ވަރަކަށް ގުޅުމެއް ނެތް އަދި އެ ފިކުރާ ދިމާ އިދިކޮޅު މީހަކު 1000 ފޯމު ހިފައިގެން އައުމުން ތިމާމެންގެ ލަޝްކަރުގެ ތެރެއަށް ވައްދާ އެމީހާ ނަންކޮށް ވާހަކަ ދެއްކުމުން ޕާޓީއަށް ހަގީގަތުގައިވެސް ތެދުވެރި މީހާއަށް އޭގެއިން އަސަރުތަކެއް ކުރާނެ އެވެ. އަދި ޕާޓީއަށް އެކަމުން އަސަރު ކުރާނެ ކޮންމެވެސް ދުވަހެއް އަންނާނެ ކަމީ ޝައްކެއް ނެތް ކަމެކެވެ.
ސިޔާސީ ޕާޓީ
ހިޔާލު