Thilafuttah kuni baalaa sarahahdhu kunin furifai
image
ތިލަފުށީ ޖެޓީ ސަރަހައްދު -- ފޮޓޯ: ކިޔުންތެރިއެއް
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ތިލަފުއްޓަށް ކުނި ބާލައި ސަރަހައްދު ކުނިން ފުރިފައި

ރިސޯޓުތަކުން ތިލަފުއްޓަށް ގެންދާ ކުނިތައް ރަނގަޅަށް ނައްތާނުލެވި މުޅި ޖެޓީ ސަރަހައްދު ކުނިން ފުރިއްޖެ އެވެ.
ތިލަފުށީގައި މަސައްކަތް ކުރާ މީހަކު ސީއެންއެމްއަށް ކިޔައިދިން ގޮތުގައި ތިލަފުށީ ވެމްކޯ ޖެޓީ ސަރަހައްދުގައި ކުނި ހިފައިގެން ގޮސް، އިއްޔެ ވެސް 17 ވަރަކަށް ދޯނި ކިއުގައި އޮތެވެ. އެކަމަކު އެތަނުގައި ކުނި އުފުލުމަށް ބޭނުން ކުރަމުންދާ ތިން ޕިކަޕު ހަލާކުވެފައިވާތީ އެމަސައްކަތް ކުރަމުންދަނީ ހައިމާކެއް ބޭނުންކޮށްގެންނެވެ.

ޖެޓީ ސަރަހަދަށް ގާތްކޮށް އެތަނަށް ދޯނި ފަހަރު ކުނިތައް ބޭލުމުން މުޅި އެ ސަރަހައްދު އޮތީ ކުނިން ފުރިފަ އެވެ. އިތުރަށް ކުނި ބާލާނެ ޖާގަ ވެސް އެތަނުގައި ނެތެވެ. އެމީހާ ކިޔައިދިން ގޮތުގައި ދޯނި ފަހަރުން ބާލާ ކުނިތަކުން އެ ސަރަހައްދު ފުރި، ވެމްކޯ އޮފީހާ ހިސާބަށް ކުނިތައް އެބަ އޮތެވެ.

ސީއެންއެމްއަށް ލިބިފައިވާ ބައެއް ފޮޓޯތަކަށް ބަލާއިރު ފެނިގެންދަނީ ޖެޓީއާ ދޯނި ފަހަރު ގާތްކޮށްފައި އޮންނައިރު ކިރިޔާ މޫދަށް އެޅޭ ނޭޅޭ ހިސާބުގައި ވެސް ކުނިތައް އޮތް މަންޒަރެވެ.

"މި ޖެޓީއާ ގާތްކޮށްލަން ވެސް އެބަ ނަގާ 16000 އިން 17000 ރުފިޔާ. އެކަމަކު މިތަނުގައި އެތައް އިރެއް އިއްޔެ ވެސް އަޅުގަނޑުމެން ވެސް އޮތިން ކިއުގައި. އެ ސަރަހައްދު ފުރުނީމަ ދެން ކުނި އަޅާނެ އިތުރަށް ވެސް ޖާގަ ނެތީމަ. އެތައް ގަޑިއިރަކު އޮންނަން މި ޖެހެނީ. އެމީހުންގެ އޮފީހާ ހިސާބަށް އެބައޮތް ހުސް ކުނި،"

"ޕިކަޕްތަކަށް އަޅައިގެން މި ގެންދަނީ މިތަނަށް ކުނި ބޭލީމަ. އެކަމަކު މިތަނުގައި އޮންނަ ތިން ޕިކަޕު ވެސް ހަލާކުވީމަ މިދަތިތައް މިކުރިމަތިވަނީ،" ތިލަފުށިން ވާހަކަދެއްކި އެހެން މީހަކު ބުނެފައިވެ އެވެ.

ތިލަފުއްޓަކީ މާލެ ސަރަހައްދުގައި އުފެދޭ ކުނިތައް ވެސް ނައްތާލުމަށް ގެންދާ ރަށެވެ. އެކަމާ ގުޅިގެން ވެމްކޯގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު، އިސްމާއިލް އުބައިދު ވިދާޅުވީ ވެހިކަލްތައް ހަލާކުވުމުގެ މައްސަލައެއް އެބަ އުޅޭ ކަމަށެވެ. އެހެންނަމަވެސް މިމަހުގެ ތެރޭގައި އިތުރު ވެހިކަލްތަކެއް ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ކުރެވެމުން އަންނަ ކަމަށާއި އޭރުން އެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށްވެސް އުބައިދު ވިދާޅުވި އެވެ.

އުބައިދު އިތުރަށް ވިދާޅުވީ އެތަން ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ވެމްކޯއިން ކުރަމުން އަންނަ ކަމަށާއި އެގޮތުން ޖެނުއަރީ މަހުގެ ތެރޭގައި އެތަން ތަރައްގީކޮށް ނިމުމުން ކުނިތައް ގިނަވެ ފުނި ޖެހިފައި އޮންނަ މައްސަލައަށް ވެސް ހައްލެއް ލިބޭނެ ކަމަށެވެ.

އުބައިދު އިތުރަށް ވިދާޅުވެފައިވަނީ ވެހިކަލްތައް ހަލާކުވި ނަމަވެސް ކުނި ހިފައިގެންދާ އުޅަނދުފަހަރަށް ވެކްމޯއިން ހިދުމަތް ދެމުން އަންނަ ކަމަށާއި އެކަން ހުއްޓިފައި ނުވާ ކަމަށެވެ.
ކުނި ވެމްކޯ ތިލަފުށި
ހިޔާލު