Hina ge naseyhatheh Rashami ah: Goasthah thakuraaru nukurey!
image
0 ކޮމެންޓް
 

ހީނާގެ ނަސޭހަތެއް ރަޝަމީއަށް: ގޯސްތައް ތަކުރާރު ނުކުރޭ!

މަޝްހޫރު ޓީވީ ތަރި ހީނާ ހާންއަކީ ބިގް ބޮސް 11 ވަނަ ސީޒަނުގެ ބައިވެރިންނެވެ. މިހާރު، އެ ޝޯގެ 13 ވަނަ ސީޒަން ކުރިއަށް އަންނައިރު ހީނާ އާއި ޕްރިޔަންކް ޝަރްމާ މިވަނީ އެ ޝޯއަށް ހާއްސަ މެހެމާނުންގެ ގޮތުގައި ގެނެސްފަ އެވެ. އަދި ޝޯގެ ހޯސްޓް ސަލްމާން ހާން ވަނީ ގޭގެ ތެރެއަށް ވަދެ، ޝޯގެ ބައިވެރިންނަށް ބައްދަލުކުރަން ހީނާ އާއި ޕްރިޔަންކްއަށް ދީފަ އެވެ.
މިފަހަރުގެ ޝޯގައި ހީނާގެ ގާތް އެކުވެރިއެއް ކަމަށްވާ ރަޝަމީ ވެސް ބައިވެރިވާއިރު ހީނާ ވަނީ ރަޝަމީ ފެނުމާއެކު އޭނާގެ ގައިގާ ބައްދާލާ، ކަންފަތް ކައިރީ ސިއްރުން ނަސޭހަތެއް ދީފަ އެވެ. އެގޮތުން ހީނާ ބުނެފައި ވަނީ އޭނާ އުފުލަމުންދާ ވޭން ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި އެއް ފަހަރު ހެދޭ ގޯސްތަށް ތަކުރާރު ނުކުރުމަށް ވެސް ނަސޭހަތްތެރިވި އެވެ.

އޭގެ އިތުރުން އެއްވެސް މީހަކަށް އިތުބާރު ނުކުރުމަށް ރަޝަމީގެ ކައިރީ ބުނެ އެވެ.

ބެލެވޭ ގޮތުގައި ހީނާ މިފަދަ ނަސޭހަތެއް ދީފައި މިވަނީ ރަޝަމީގެ ލޯބިވެރިޔާ ކަމަށް ބުނާ އަރްހާން ހާނުގެ ބޮޑު ސިއްރެއް ފަޅާއަރުވާލުމުންނެވެ.

ރަޝަމީ ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފަ އެވެ. އޭނާ ކައިވެނިކޮށްފައިވަނީ ޓީވީ އެކްޓަރު ނަންދީޝް ސަންދޫއާ 2012 ވަނަ އަހަރު އެވެ. މި ދެ މީހުންގެ ކައިވެނި ރޫޅިފައިވަނީ 2016 ވަނަ އަހަރު އެވެ.

ރަޝަމީ ފެނިގެން ދިޔަ ބައެއް ޓީވީ ޝޯތަކުގެ ތެރޭގައި "ދިލް ސޭ ދިލް ތަކް" އާއި "އުއްތަރަން" އާއި "މަހާސަންގަމް" އަދި "ބޭލަން ވާލީ ބަހޫ" ހިމެނެ އެވެ.

ހީނާ ހާން މަޝްހޫރީ އަކްޝަރާގެ ރޯލުންނެވެ. އެންމެ ފަހުން ކަސޯޓީގައި ކޯމޮލިކާގެ ރޯލުން ފެނިގެންދިޔަ ހީނާ، މިހާރު އަންނަނީ އޭނާގެ ފުރަތަމަ ފިލްމުގެ މަސައްކަތް ކުރަމުންނެވެ.
ހިޔާލު