Siyaase harakayi hingumakee magumahchah nikume adugadha kurumeh noon
image
ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު---ފޮޓޯ: މަޖިލިސް
ފާތުމަތު ރިފާޢަތު
0 ކޮމެންޓް
 

ސިޔާސީ ހަރަކާތް ހިންގުމަކީ މަގުމައްޗަށް ނުކުމެ އަޑުގަދަ ކުރުމެއް ނޫން: އާދަމް ޝަރީފް

ސިޔާސީ ހަރަކާތްތައް ހިންގުމަކީ މަގުމައްޗަށް ނުކުމެ އަޑުގަދަ ކުރުން ނޫން ކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕާޓިތަކުގެ އަޑު މަޑުވެ ސިޔާސީ ހަރަކާތް ތޮޅިއަށްދާ ވާހަކަތަކާއި ގުޅިގެން ސީއެންއެމް އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ހަރަތަކާތްތައް ހިންގުމުގެ މާނައަކީ މަގުތަކަށް ނިކުމެ އަޑުގަދަ ކުރުން ނޫން ކަމަށެވެ.

އިދިކޮޅު ޕާޓީތަކުގެ އަޑު ނުކެޑޭކަން ފާހަގަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ މިދުވަސްވަރަކީ ސުކޫލުތަކުގެ ބޮޑު ޗުއްޓީ ދުވަސްވަރު ކަމަށްވެފައި އަދި މޫސުން ވަރަށް ގޯސް ދުވަސްވަރެއް ކަން ހުރިހާ ފަރާތްތަކަށްވެސް އެނގޭނޭ ކަމަށެވެ. އެހެންނަމަވެސް ޕާޓީ އޮފީހުގެ އެތެރޭގައި ކޮންމެ ރެއަކު ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ހިންގާ ހަރަކާތްތައް ކުރިއަށް ގެންދާ ކަމަށްވެސް ވިދާޅުވި އެވެ. ކޮންމެ ރެޔަކު މަގުމަތީގައި ސިޔާސީ ހަރަކާތް ހިންގުމުން މަގުމަތި ބޭނުންކުރާ މީހުންނަށާއި ދަތުރުފަތުރު ކުރާ އާންމުންނަށް އެތަކެއް ތަކްލީފުތަކެއް ލިބޭނެ ކަން ގަބޫލުކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ހަދާފައިވާ ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތްވެސް ރާއްޖޭގެ ހުރިހާ ރަށެއްގައި ބާރަށް ކުރިއަށްދާ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

"ޗުއްޓީ ދުވަސްވަރަށް ވުމާއެކު ރަށްފުށުގެ ގިނަ މީހުން އައިސް ތިބޭނީ މާލޭގަ. މާލޭގެ ވަރަށް ގިނަ މީހުން ތިބޭނީ ރާއްޖެއިން ބޭރަށް ގޮސް. މިހަގީގަތްވެސް އަޅުގަނޑުމެން އެންމެން އެބަޖެހޭ ގަބޫލުކުރަން". ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

ސިޔާސީ ހަރަކާތްތަކަކީ ހަމައެކަނި މަގުމަތީގައި ކުރާ ކަމެއް ނޫންކަން ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ ކުރަމުންދަނީ ސިޔާސީ މަސައްކަތްތަކެއް ކަމުން އެ މަސައްކަތްތައް ކޮންމެހެން މީހުންނަށް ދައްކަން ނުޖެހޭ ކަމަށެވެ. އެގޮތުން ރައީސް ޔާމީންއަށް ކޮށްފައިވާ ހުކުމުގައި ހުރި ކަންބޮޑުވުންތަށް ބޭރުގެ އެކި ގައުމުތަކާއި ދާދި ފަހުން މަޝްވަރާތަކެއް ކުރެވުނު ކަންވެސް އާދަމް ޝަރީފް ފާހާގަކުރެއްވި އެވެ. އަދި މަގުމަތީގެ ހަރަކާތް ގަސްދުގައި މަޑުޖައްސާލީ ކަމަށް ވިދާޅުވެ އާދަމް ޝަރީފް ވިދާޅުވީ ގަބޫލުކުރެވޭ ގޮތުގައި ކަންކަން ރަނގަޅު ކުރުމަށް ސަރުކާރަށްވެސް ވަގުތުތަކެއް މިކަމުގެ ތެރެއިން ލިބޭނެ ކަމަށެވެ.

"އަދި މުޒާހަރާތައް ކުރިޔަސް އެހެން މީހުނަށްވެސް ބަލައިގެން އެކަން ކުރަން ޖެހެނީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ހިޔާލު