Citizenship gaanoonaa medhu bollywood ge 3 khanun hanu thibeythee kanboduvun faalhukoffi
image
ބޮލީވުޑުގެ އެންމެ ވަރުގަދަ ތިން ސުޕަސްޓާރުން--
0 ކޮމެންޓް
 

ސިޓިޒެންޝިޕް ގާނޫނާ މެދު ބޮލީވުޑުގެ ތިން "ހާނުން" ހަނު ތިބޭތީ ކަންބޮޑުވުން ފާޅުކޮށްފި

ބޮލީވުޑުގެ އެންމެ ވަރުގަދަ ތިން ސުޕަސްޓާރުން އިންޑިއާގެ ސިޓިޒެންޝިޕް އެމެންޑްމެންޓް އެކްޓް (ސީއޭއޭ) އާ މެދު އެއްޗެއް ބުނުމަށް އެގައުމުގެ މަޝްހޫރު ފިލްމު ޑިރެކްޓަރަކު ގޮވާލައިފި އެވެ.
މުސްލިމުންނާ މެދު ތަފާތު ކުރުން ގެންގުޅޭ ރައްޔިތުކަމާ ބެހޭ އެ ގާނޫނާ ދެކޮޅަށް މުޅި އިންޑިއާގައި މުޒާހަރާ ކުރަމުން ދާއިރު، ގިނަ ތަރިންތަކެއް ވެސް ވަނީ މުޒާހަރާގެ ބައިވެރިންނާ އެއްކޮޅަށް ވާހަކަދައްކާފަ އެވެ.

އެކަމަކު ބޮލީވުޑުގެ އެންމެ ވަރުގަދަ ތިން ސުޕަސްޓާރުން ކަމަށްވާ، ޝާހްރުކް ހާން، އާމިރް ހާން އަދި ސަލްމާން ހާން އެކަމުގައި އެއްޗެއް ބުނެފައެއް ނުވެ އެވެ. އެ ތިން ތަރިންނަކީ ވެސް މުސްލިމުންނެވެ.

އެއާއެކު މަގްބޫލު ފިލްމު ޑިރެކްޓަރު އަނޫބާވް ސިންހާ ބުނެފައި ވަނީ އެ ގާނޫނާ ދެކޮޅަށް ވާހަކަ ނުދައްކާ މީހުން ދެކެ ރުޅި އަންނަ ކަމަށެވެ. އަނޫބާވް އަކީ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް އާއްމުކޮށް ފާޑުކިޔާ މީހެކެވެ.

އަނޫބާވް ބުނީ އެ ތިން ހާނުންނަކީ މުޅި ބޮލީވުޑް ކޮންޓްރޯލް ކުރާ ތަރިން ކަމަށާއި، އެމީހުން އެންމެ ބަހެއް ބުނި ނަމަވެސް، އޭގެ އަސަރު އެތައް މިލިއަން ފޭނުންނަށް ކުރާނެ ކަމަށެވެ.

ޝާހްރުކް ހާން 2011 ވަނަ އަހަރު ކުޅުނު ފިލްމު "ރާ ވަން" ޑިރެކްޓްކުރި އަނޫބާވް އިތުރަށް ބުނީ އެ މައްސަލާގައި އެ ތިން ތަރިންގެ ހިޔާލު ފާޅުކުރުން މުހިއްމު ކަމަށެވެ.

ޓްވިޓާގައި 40 މިލިއަން މީހުން ޝާހްރުކް ހާން ފޮލޯ ކުރާއިރު، ސަލްމާން ހާންގެ 38 މިލިއަން ފޮލޯވަރުން އެބަ ތިއްބެވެ. އަދި އާމިރް ހާންގެ 25 މިލިއަން ފޭނުން ޓްވިޓާގައި ވެއެވެ.
ހިޔާލު