PPM aa leadershipakah furusathu dheynjehey: Umar Naseer
image
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު---ފޮޓޯ: އަވަސް އޮންލައިން
ފާތުމަތު ރިފާޢަތު
0 ކޮމެންޓް
 

ޕީޕީއެމަށް ކުރިމަގު އޮތީ އައު ލީޑާޝިޕަކަށް ފުރުސަތު ދީގެން: އުމަރު

އިދިކޮޅު ޕާޓީތަކަށް ގޮތް ހުސްވުމަކީ ސަރުކާރުން ބޭނުންވާނެ ގޮތް ކަމަށާއި ޕީޕީއެމް ބޭނުން ކަމަށްވާނަމަ "ރިވާސް ކުރުމަށްފަހު ފަހަތަށް ނިކުމުގެ ބާރު އެބައޮތް ކަމަށާއި" އެގޮތަށް އެކަން ކުރެވޭނީ ޕާޓީއަށް އާ ލީޑާޝިޕަކަށް ޖާގަ ދެވިގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ސީއެންއެމަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ އިދިކޮޅު ޕާޓީތަކަަށް އޮތީ ކޮޅު ބެދިފައިވާ މަގަކަށް ވަދެވިފައި ކަމަށެވެ. އެގޮތުން ކުރިއަކަށް އަދި ފަހަތަކަށްވެސް ދެވޭނެ މަގެއް ޕީޕީއެމްއަށް ނެތް ކަމަށް އުމަރު ވިދާޅުވިއެވެ.

އިދިކޮޅުގެ އެންމެ ވަރުގަދަ ލީޑަރަކީ ރައީސް ޔާމީން ކަމަށް ވިދާޅުވެ އުމަރު ވިދާޅުވީ ރައީސް ޔާމީން ޖަލަށްލުމާއި ގުޅިގެން ޕީޕީއެމް ކުރިއަށްދާންވި މަގު އޮތީ ކުރި ބެދިފައި ކަމަށާއި ޕީޕީއެމްއަށް އާ ލީޑާޝިޕަކަށް ޖާގަ ނުދޭ ކަމަށް ވާނަމަ ފަހަތަކަށްވެސް ނުނިކުމެވޭނެ ކަމަށާއި ހުރިތާ ގައި ހުންނާނީ ކަމަށް އުމަރު ވިދާޅުވިއެވެ.

"އެކަމަކު މީގައި ހިތާމަ ކުރަން ޖެހޭ ކަމަކީ އާ ލިޑާޝިޕަކަށް ޖާގަވެސް ދެވެން ނެތް. ހުރި ލީޑަރު ގޮވައިގެން ޕާޓީގެ މީހުނަށް ކުރިއަށް ދެވެން ވެސް ނެތް. ރާއްޖޭގެ އެއްވެސް ޕާޓީއެއްގެ ސިޔާސީ ލީޑަރަކު އަދި މިހާތަނަށް ފަހަތަށް ޖެހިފައެއްވެސް ނުވޭ. އެހެން ލީޑަރަކަށް ފުރުސަތުވެސް ނުދޭ،" އުމަރު ވިދާޅުވިއެވެ.

މިކަމަކީ ވަރަށް ސާފުކޮށް ސިޔާސީ މައިދާނުން ފެންނަން އޮތް ހަގީގަތެއް ކަމަށް އުމަރު ވިދާޅުވިއެވެ. އެގޮތުން ނަޝީދު ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް އެ ފުރުސަތު ދިނީ ގޮތް ހުސްވެގެން ކަމަށާއި އަދި ރާއްޖޭގައި އިންތިހާބެއްގައި ބަލި ވުމުން ލީޑާޝިޕް ދޫކޮށްފައި މިހާތަނަށް ނުވާ ކަމަށް އުމަރު ވިދާޅުވިއެވެ.

"2013 ވަނަ އަހަރުގެ އިންތިހާބުން ރައީސް ނަޝީދު ބަލިވުމުންވެސް އަދިވެސް ފަހަތަށް ޖެހެން ބޭނުން ނުވާ ކަން އެބަ ފެނޭ. ހަމަ އެގޮތަށް ޕީޕީއެމްގެ ތެރެއިންވެސް ފެނިގެން ދަނީ. ރާއްޖޭގައި އެ ކަލްޗަރ ނެތީ." އުމަރު ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ގާނޫވެސް އެފަދަ ގޮތަކަށް ލާޒިމް ކޮށްފައި ނެތްކަންވެސް އުމަރު ވަނީ ފާހަގަ ކުރައްވާފައެވެ. ނަމަވެސް ބޭރުގެ އެހެން ގައުމުތަކުގައި ލީޑާޝިޕް ބަދަލުކުރާ ތަން ފެންނަ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
ހިޔާލު