Somalia ge verirashugai bomeh govvaalaa ethah bayaku maraalaifi
image
ސޯމާލިއާގައި ކާރު ބޮން ގޮއްވާލި ސަރަހައްދު
0 ކޮމެންޓް
 

ސޯމާލިއާގެ ވެރިރަށުގައި ބޮމެއް ގޮއްވާލާ އެތައް ބަޔަކު މަރާލައިފި

ސޯމާލިއާގެ ވެރިރަށް މޮގަދިޝޫގައި ކާރު ބޮމެއް ގޮއްވާލާ އެތައް ބަޔަކު މަރާލައިފި އެވެ.
ސޯމާލިއާގެ ފުލުހުންގެ އޮފިސަރެއް ކަމުގައިވާ މުހައްމަދު ހުސައިނާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ ބޮން ގޮއްވާލާފައިވަނީ މޮގަދިޝޫގައި މިއަދު ހެނދުނު އޮފީސްތަކާއި ސުކޫލުތަކަށް ދިއުމަށް އާންމުން ދަތުރުކުރަމުން ދަނިކޮށް އެންމެ ބާރުބޮޑު ވަގުތުގައި ކަމަށެވެ.

މިހަމަލާ ދީފައިވަނީ ޓެކްސް ނަގަމުންދާ މަރުކަޒެއްގެ ކައިރީގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ގޮވާތަކެއްޗާ އެކު ކާރުގައި ދަތުރުކުރަމުން ދިޔަ މީހަކު ކާރު ގޮއްވާލުމާ ގުޅިގެން މިހާތަނަށް 30 މީހަކު ވަނީ މަރުވެފަ އެވެ. އަދި 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެ ހޮސްޕިޓަލްތަކުގައި ގެންދަނީ ފަރުވާ ހޯދަމުންނެވެ.

ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ ތެރޭގައި ޔުނިވަސިޓީ ދަރިވަރުން ގިނަ އަދަދަކަށް ހިމެނޭ ކަމަށްވެސް ހުސައިން ވަނީ މައުލޫމާތު ދީފަ އެވެ. މިއީ މިފަހަކަށް އައިސް މޮގަދިޝޫގައި ދިން ހަމަލާއެއްގައި އެންމެ ގިނަ މީހުން މަރުވި ހަމަލާ ކަމަށްވެސް ވިދާޅުވި އެވެ.

މިހަމަލާއާއި ގުޅިގެން ބައެއް ވެހިކަލްތަކާއި ބައެއް އިމާރާތްތަކަށް ވެސް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ.

އަލްޖަޒީރާގައި ރިޕޯޓްކުރާ ގޮތުގައި މިހަމަލާއާއި ގުޅިގެން މަރުވާ މީހުންނާއި ޒަހަމްވާ މީހުންގެ އަދަދުތައް ހާމަނުކުރުމަށް ސޯމާލިއާގެ ސަރުކާރުން ވަނީ ހޮސްޕިޓަލްތަކަށް އަންގާފަ އެވެ. އަދި ހަމަލާ ދިން ސަރަހައްދަށް ނޫސްވެރިންނަށް ނުވަދެވޭނެހެން އެ ސަރަހައްދު މިހާރު ވަނީ ބަންދުކޮށްފަ އެވެ.

މިހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެ އެެވެ.
ސޯމާލިއާ
ހިޔާލު