Raees Yamin ah fahu PPM ge leader akee kon beyfulheh?
image
ޕީޕީއެމްގެ ލީޑަރަށް ވުމުގެ ޝައުގު ހުރި ކަމަށް ބުނާ ބޭފުޅުން
އަހްމަދު ރިފާއު
4 ކޮމެންޓް
 

ރައީސް ޔާމީނަށް ފަހު ޕީޕީއެމްގެ ލީޑަރަކީ ކޮން ބޭފުޅެއް؟

ރާއްޖޭގައި މިއަދު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތީ ޕީޕީއެމް އެވެ. އެޕާޓީގެ ހިޔަނީގައި ޕީއެންސީ އޮތް ކަން އެންމެންނަށް ވެސް އެނގެ އެވެ. ޕީޕީއެމަކީ އިދިކޮޅު ޕާޓީ ކަމަށްވީ ނަމަވެސް އެޕާޓީގައި މިއަދު ލީޑަރަކު ނެތުމަކީ ކަންބޮޑުވާން ޖެހޭ މައްސަލަ އެކެވެ. އެހެންކަމުން ޕީޕީއެމް ގޮވައިގެން ދަތުރުކުރާނެ ލީޑަރެއް ހުންނަންޖެހޭ ކަމަށް އެ ފިކުރަށް ތާއީދުކުރާ ބައެއް ބޭފުޅުން ވެސް މިހާރު މިވަނީ ގަބޫލުކުރަން ފަށާފަ އެވެ.
މީގެ ތެރެއިން އެއް ބޭފުޅަކީ ޕީޕީއެމް އުފެއްދުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އުމަރު ވިދާޅުވާ ގޮތުގައި އިދިކޮޅު ސިޔާސީ ފިކުރު ވަނީ ކޮޅު ބެދިފަ އެވެ. އެހެންވެ އުމަރު ހުށަހަޅުއްވަނީ އާ ވިސްނުމެއް ކުރިއަށް ނެރުއްވުމަށެވެ.

"މިއީ އެމްޑީޕީ އުފާކުރާނެ ހާލަތެއް. މި ހާލަތު ބަދަލުކުރެވޭނީ އެހެން ވިސްނުމެއް ނެރެގެން." އުމަރުގެ ހިޔާލު ހުންނެވީ މިގޮތަށެވެ.

އިދިކޮޅުން ކުރިއަށް ނެރެންވީ އާ ވިސްނުމަކީ އުމަރު ކަމަކަށް އޭނާ ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް އުމަރުގެ ސިޔާސީ ދަތުރުގެ މުޅި މިސްރާބަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހޯއްދެވުން ކަން އެންމެންނަށްވެސް އެނގެ އެވެ. އެއީ އުމަރު ސިއްރުން ކުރައްވާ ކަމެއް ވެސް ނޫނެވެ. އެހެންކަމުން އުމަރުގެ ސިޔާސީ އުއްމީދު ހާސިލްކުރައްވަން އޮތް އެންމެ ކުރު މަގަކީ ޕީޕީއެމް ލީޑަރު ކަން ލިބިވަޑައިގަތުމެވެ. އެއީ އުމަރުގެ ސިޔާސީ ފިކުރު ހިނގާ ޕާޓީއަށް ވާތީ ޕީޕީއެމްގެ ލީޑަރަކަށް ވުމަށް އޭނާ މަސައްކަތް ކުރައްވާނެ އެވެ. ޕީޕީއެމް ހިންގުމުގައި މިވަގުތު ތިއްބެވި ބައެއް ބޭފުޅުންގެ ތާއީދު އުމަރަށް ނެތް ނަމަވެސް ޕީޕީއެމްގެ އާންމު މެންބަރުންގެ ތެރޭގައި އެމީހުންގެ ލީޑަރަކަށް އުމަރު ބަލައިގަންނަ ބަޔަކު އެބަތިއްބެވެ. އެހެންކަމުން ޕީޕީއެމްގެ ލީޑަރު ކަން ހޯދުމަށް މަސައްކަތް ކުރައްވާ ބޭފުޅުން ހިމެނޭ ރޭހުގެ އެންމެ ކުރީގައި މިވަގުތު ހުންނެވި އެއް ބޭފުޅަކީ އުމަރު ކަމަށް ނިންމިދާނެ އެވެ.

ޕީޕީއެމްގެ ލީޑަޝިޕާ ހަވާލުވުމުގެ ނިޔަތް އޮތް ދެވަނަ ބޭފުޅަކީ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ. ޕީޕީއެމްގެ ލީޑަރަކަށް ވުމުގެ ޝައުގުވެރިކަން ޑރ. ޖަމީލް ފާޅުކުރައްވާފައި ނުވި ނަމަވެސް އެމަނިކުފާނުގެ އަމަލުތައް ހުންނެވި ގޮތުން އެކަން ޔަގީންކުރެވެ އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ޑރ ޖަމީލާ މެދު ކަންތައްތައް ކުރެއްވި ގޮތް އަޑަށް ބާރުލައްވާފައި ވިދާޅުވެ ދެއްވީ ޑރ. ޖަމީލް އެވެ. ނައިބް ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ހަގީގަތާ ހިލާފު އެތައް ތުހުމަތުތަކެއް ކުރިއަށް ނެރެ، މަގާމުން "ދުއްވާލީ" ރައީސް ޔާމީނަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުން އަޑީގައި ތިއްބަވައިގެންނެވެ. އެ ހަނދާންތައް މިއަދުވެސް އާލާވަމުންދާ ކަމަށް ޑރ. ޖަމީލް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ރައީސް ޔާމީން ސަލާމަތް ކުރެއްވުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ޑރ. ޖަމީލް ނިކުންނެވީ ގައުމަށްޓަކަ އެވެ. އެއީ ޖަމީލް ވިދާޅުވާ ގޮތެވެ. އެކަމަކު ރައީސް ޔާމީނާ ގުޅޭގޮތުން ޑރ. ޖަމީލް ދައްކަވާފައިވާ ވާހަތަކަށް ބަލާއިރު އެއީ ހަމައެކަނި މަގުސަދު ކަމަށް ގަބޫލުކުރަން ފަސޭހައެއް ނޫނެވެ.

ޑރ. ޖަމީލަކީ ވަޒީރު ކަމާއި ނައިބް ރައީސް ކަން ވެސް ކުރެއްވި ސިޔާސީ ބޭފުޅެކެވެ. އެހެންކަމުން ގައުމުގެ އެންމެ އިސް މަގާމާ ހަމައަށް ވާސިލްވުމަށް ހުޅުވިފައިވާ ފުރުސަތުތައް ބައްލަވާނެ އެވެ. އެއްބަސްވެވަޑައިގަތުމާ ނުވުން އެއީ ވަކިކަމެކެވެ. އެ މަގަށް ދަތުރުކުރެއްވުމަށްޓަކައި ޕީޕީއެމްގެ ލީޑަރަކަށް ވެވަޑައިގަތުމުގެ ހުވަފެން ޑރ. ޖަމީލް ގެންގުޅުއްވާނެ ކަމަށް ގަބޫލުކުރެވެ އެވެ.

މިވަގުތު ދިވެހިންނާ އެތައް ސަތޭކަ ކިލޯމީޓަރެއް ދުރުގައި ހުންނެވި ނަމަވެސް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަކީ ވެސް ޕީޕީއެމްގެ ލީޑަރަކަށް ވެވަޑައިގަތުމަށް ޝައުގުވެރިކަން ގެންގުޅުއްވާ ބޭފުޅެއް ކަމަށް ގަބޫލުކުރެވެ އެވެ. ސިޔާސީ ބޭފުޅުން ކަންކަން ހާމަކުރައްވާނީ އެކަމެއްގެ އެންމެ ރަނގަޅު ވަގުތުގަ އެވެ. އެހެންކަމުން ޑރ. ޝަހީމް ވެސް ރަނގަޅު ވަގުތަކަށް ބައްލަވަނީ ކަމަށް ބެލެވެ އެވެ. ޑރ. ޝަހީމަކީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓަށް ވާތީ އޭނާގެ ސަޕޯޓަރުން ޕީޕީއެމްގެ ތެރޭގައި ވަރަށް ގިނަ ވާނެ އެވެ. އެއީ ސިޔާސީ ގޮތުން ކުރިއަށް ދިއުމަށް ޑރ. ޝަހީމަށް ޕީޕީއެމްގެ ތެރެއިން ހުޅުވިފައި އޮތް ވަރަށް ބޮޑު ފުރުސަތެކެވެ.

ރައީސް ޔާމީން ފަސް އަހަރުގެ ދިގު ޖަލު ހުކުމެއްގައި ހުންނެވިއިރު ސޯޝަލް މީޑިއާގައި އެމަނިކުފާނުގެ ދިފާއުގައި އެންމެ ބޮޑަށް ވާހަކަދައްކަވާ އެއް ބޭފުޅަކީ ވެސް ޑރ. ޝަހީމެވެ. ގައުމުން ބޭރުގައި ހުންނެވުމާ ގުޅިގެން ޑރ. ޝަހީމަށް މިވަގުތު ރައީސް ޔާމީންގެ ދިފާއުގައި ވާހަކަދެއްކެވެން އޮތީ ސޯޝަލް މީޑިއާގައި ކަމަށްވާތީ އެގޮތް އިހްތިޔާރު ކުރައްވާ ޕީޕީއެމްގެ ސަޕޯޓަރުންނާ އެކު އޮތް ގުޅުން އެ ގެންދަވަނީ ދަމަހައްޓަވަމުންނެވެ. އޯއައިސީގައި އަދާކުރައްވާ މަގާމުގެ މުއްދަތު ހަމަވުމުން ޕީޕީއެމްގެ ފިކުރާ އެކު މަސައްކަތް ކުރެއްވުމަށް ނިންމެވުމުން އެކަމުގެ ފަހަތުގައިވެސް ވިސްނުންތަކެއް ވާނެ އެވެ. މިމަހުގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ވެސް މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ޑރ. ޝަހީމް ވަނީ ދެެއްވާފަ އެވެ.

"ރިޔާސީ އިންތިޚާބަށް ފަހު، އަޅުގަނޑު އޯއައިސީގެ ވަޒީފާއަށް އައީ އެއް އަހަރު ދުވަހަށެވެ. އަދި ޑިސެމްބަރ މަހުގައި އަހަރުވާނެއެވެ. އެއަށް ފަހު އަޅުގަނޑު ޤަސްތުކުރަނީ ރާއްޖޭގައި މަސައްކަތްކުރެވޭ ގޮތައް އެނބުރި އަޅުގަނޑުގެ ލޯބިވާ ޤައުމަށް ދިއުމަށެވެ. ސިޔާސީ ގޮތުން މަސައްކަތްކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބިފައިވަނީ ޕީޕީއެމްއާއެކުގެވެ. އިރާދަކުރެއްވިއްޔާ ކުރިއަށް ދާނީ ރައީސް ޔާމީން އަރިހުގައި ޕީޕީއެމްއާއެކީގައެވެ." ޝަހީމްގެ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައިވެ އެވެ.

ޕީޕީއެމްގެ ލީޑަޝިޕާ ހަވާލުވުމުގެ ފުރުސަތު އޮތް ބޭފުޅުންގެ ލިސްޓްގައި ޣައްސާން މައުމޫނަކީ ވެސް ދޫކޮށްލެވޭނެ ނަމެއް ނޫނެވެ. މިލިސްޓުގައި ހިމެނޭ ބޭފުޅުންގެ ތެރެއިން ޕީޕީއެމްގެ ލީޑަރަކަށް ވުމުގެ ފުރުސަތު މިވަގުތު އެންމެ ބޮޑަށް އޮތް ބޭފުޅަކީ ވެސް ޣައްސާން ކަމަށް ބުނެވިދާނެ އެވެ. އެއީ ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވުމާއި، ޒުވާން ވިސްނުމަކަށްވުމާއި، ސިޔާސީ ގޮތުން ނުފޫޒުގަދަ އާއިލާ އަކަށް ނިސްބަތްވުމާއި، އަދި މިއަދު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވުމަކީ ވެސް ޣައްސާނަށް ކުރިއަށް ދިއުމަށް ހުރި ފުރުސަތުތަކެވެ.

މީގެއިތުރުން ޣައްސާނަކީ މިއަދުވެސް ޕީޕީއެމްގެ ނައިބް ރައީސް އެެވެ. ރައީސް ޔާމީން ޖަލަށްލީ ފަހުން ބޭއްވި ޕީޕީއެމްގެ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ވެސް ޣައްސާން މައުމޫން އެވެ. ޕީޕީއެމްގެ ރިޔާސަތު ޣައްސާނާ ހަވާލުކުރާނީ އޭނާއަށް ރައީސް ޔާމީންގެ ފުރިހަމަ އިތުބާރު އޮތުމުން ކަމަށް ގަބޫލުކުރަންޖެހެ އެވެ. ރައީސް ޔާމީންގެ އެންމެ "ފޭވަރިޓް" ބޭފުޅުންގެ ތެރޭގައި ޣައްސާން ހިމެނިވަޑައިގަތުމަކީ ވެސް ޕީޕީއެމްގެ ލީޑަރު ކަން އޭނާއަށް ލިބިވަޑައިގަތުމުގެ ސިގްނަލެކެވެ. ރައީސް ޔާމީންގެ އިތުބާރު ޣައްސާން ހޯއްދެވީ ނިމިދިޔަ ސަރުކާރުގައި ރައީސް ޔާމީނަށް ކުރިމަތިވެވަޑައިގެންނެވި އުދަގޫ ހުރިހާ ވަގުތެއްގައި ވެސް ދެގޮތެއް ނުވެ އެންމެ އަރިހުގައި ހުންނަވައިގެންނެވެ. ރައީސް ޔާމީނާއި ޣައްސާންގެ ބައްޕަ، ރައީސް މައުމޫނަކީ ދެބެން ކަމަށްވީ ނަމަވެސް ސިޔާސީ ގޮތުން މި ދެ ބޭފުޅުންގެ މެދުގައި ހަނގުރާމަ ހިނގަމުން ދިޔައިރު ވެސް ޣައްސާން ހުންނެވީ ރައީސް ޔާމީނަށް ވަފާތެރި އައްޑަނައެއްގެ ގޮތުގަ އެވެ. އެހެންކަމުން ޕީޕީއެމްގެ ލީޑަރެއް ކަނޑައެޅުމުގެ ރޭހުގައި ޣައްސާނަކީ ދެން ތިއްބެވި ބޭފުޅުންނަށް ބޮޑު ޗެލެންޖަކަށް ވާނެ އެވެ.

ރައީސް ޔާމީން ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ ޕީޕީއެމަށް ލީޑަރަކު ކަނޑައެޅުން އަވަސްކުރަންޖެހެ އެވެ. އެކަމަކު ޕީޕީއެމް އަށް އާ ލީޑަރަކު ކަނޑައެޅުމަކީ ރައީސް ޔާމީން ކަންބޮޑުވެވަޑައިގަންނަވާ މައްސަލަ އެކެވެ. އެކަން އެނގެނީ އެމަނިކުފާނު ޖަލަށް ވަޑައިގަތުމުގެ ކުރިން ޕީޕީއެމްގެ އާންމު މެންބަރުންނާ މުހާތަބު ކުރައްވާ އެންމެ ފަހުން ދެއްކެވި ވާހަކަފުޅުންނެވެ.

"އަޅުގަނޑު މިތާ ނެތުމަކުންނެއް އަޅުގަނޑު ޕާޓީގެ މައްޗަށް މިނިކާ ބާޒުތަކެއް ސަވާރުވިޔަ ނުދެއްވައްޗޭ. އެއީ އެއްގޮތަކަށްވެސް ޖާގަ ދީގެން ވާނެ ކަމެއް ނޫން،" ޖޯޝާއި ފޯރިއާއެކު އާންމު ތަނެއްގައި ޖަލަށް ވަޑައިގަތުމާ ހަމައަށް އެންމެ ފަހުން ދެއްކެވި ވާހަކަފުޅުގައި ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އެ ވިދާޅުވި "މިނިކާ ބާޒުތަކަކީ" އެމަނިކުފާނު ނެތް ދުވަހަކުން ޕާޓީއާ ހަވާލުވާން ތިއްބެވި ބޭފުޅުން ކަން މުޅި ވާހަކަފުޅަށް ވިސްނާލުމުން ސާފުވެ އެވެ. ރައީސް ޔާމީން ނެތް ދުވަހަކުން އެ ވިދާޅުވާ "މިނިކާ ބާޒު" ތަކުގެ ތެރެއިން ބައެއް ބޭފުުޅުން ޕީޕީއެމް ޖަހައިގަނެ، އެޕާޓީ އަނދަވަޅަކަށް ވައްޓާލާނެ ކަމުގެ އިހްސާސް ރައީސް ޔާމީނަށް ކުރެއްވޭ ކަން އެމަނިކުފާނުގެ އެންމެ ފަހުގެ ސިޔާސީ ވަސިއްޔަތުން ވެސް އެނގެ އެވެ. ރައީސް ޔާމީނާ ނުލައި ޕީޕީއެމްއަށް އޮތީ އަނދިރި ދުވަސްތަކެއް ކަން ހުދު އެމަނިކުފާނު ވެސް ގަބޫލުކުރައްވަ އެވެ. އެހެންކަމުން ޕީޕީއެމްގެ ލީޑަރުކަން ބޭނުންވާ ބޭފުޅުންގެ ތެރޭގައި އުޅޭ "މިނިކާ ބާޒު"ތައް ދެނެގަނެ ޕީޕީއެމް ރަނގަޅު މިސްރާބަށް ގެންގޮސް ދޭނެ ބޭފުޅަކު ކަނޑައެޅުން މިހާރު އޮތީ ޕީޕީއެމްގެ މެންބަރުންގެ އަތްމަތީގަ އެވެ.
ހިޔާލު

ާއަލީރަސީދު

އެމަޤާމު ދޭން އަޅުގަނޑު ތާއީދު ކުރާނީ ޣައްސާން އަށް

ތުއްތުނާ

ފާތުމާ ގެ ފޮޓޯއެއް ވެސް ހިމަނައިލިނަމަ.....

ފައިސާ ފައިސާ

ގައްސާނަކީ ޕާޓީއެއްގެ ލީޑަރުކަން ކުރެވޭ ފަދަ ގާބިލްކަން ހުރި މީހެއް ނޫން.

ރީމީ

ނައިފަރު މެންބަރު ޝިޔާމް. ދެން ޣައްސާން. ދެން އެ ތިބީ ކުނިބުނި.