PPM ah varugadha baazeh beynunvey: Umar
image
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
1 ކޮމެންޓް
 

ޕީޕީއެމަށް ވަރުގަދަ ބާޒެއް ބޭނުންވޭ: އުމަރު

އިދިކޮޅު ހަރަކާތް ހިނގަމުންދާ ގޮތް ބަދަލުކޮށްލުމަށް މިވަގުތު ޕީޕީއެމްއަށް ވަރުގަދަ ބާޒެއް ނުވަތަ ވަރުގަދަ ސިންގާއެއް އެބަ ބޭނުންވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެެވެ.
ސީއެންއެމް ޓީވީގެ އިތުރުކާފް ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ޕީޕީއެމްގެ މަސައްކަތް މިވަގުތު ފެންނަނީ އިދިކޮޅު ޕާޓީއެއްގެ މަސައްކަތް ފެންނަން ޖެހޭ ގޮތަށް ނޫން ކަމަށެވެ.

މިއީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާފައިވާ ވަގުތުކަން ފާހަގަކުރައްވަމުން އުމަރު ވިދާޅުވީ މިފަދަ ވަގުތެއްގައި އިދިކޮޅު ޕާޓީގެ ބޭފުޅުން ކޮންމެ ރެއަކު އެއާކޯން ކޮޓަރީގައި ތިއްބަވައިގެން ޓީވީ ކުރިމަތީގައި ވާހަކަ ދެއްކުމަކީ އިދިކޮޅު ޕާޓީއަކުން މަސައްކަތް ކުރަންޖެހޭނެ ގޮތް ނޫން ކަމަށެވެ.

ޕީޕީއެމްގެ ހާލަތު އެގޮތަށް ބަދަލުވެގެން ދިޔައީ އިދިކޮޅުގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންނަށް މިހާލަތެއްގައި ކަންކަން ކުރަންވީ ގޮތް އެނގިވަޑައިނުގަތުމުން ކަމަށްވެސް އުމަރު ވިދާޅުވި އެވެ. އެބޭފުޅުންނަށް މިސަރުކާރު ޕްރެޝަރަށް ވައްޓާލާނެ ގޮތް ވެސް އެނގިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ޕީޕީއެމް މިވަގުތު އޮތް ގޮތުޖން އިދިކޮޅަށް ވަރުގަދަ ބާޒެއް ނުވަތަ ވަރުގަދަ ސިންގާއެއް ބޭނުންވާ ކަމަށެވެ. އެކަމަކު އެފަދަ ލީޑަރެއް ޕީޕީއެމްގައި ނެތް ކަމަށް ތަކުރާރުކޮށް އުމަރު ވަނީ ވިދާޅުވެފަ އެވެ.

"އެ ބޭފުޅުންނަށް މިވަގުތު ބޭނުންވަނީ ވަރުގަދަ ލީޑަރެއް. އެ ބޭފުޅުންނަށް ބޭނުންވޭ އެބަ ވަރުގަދަ ބާޒެއް. އެބޭފުޅުންނަށް ބޭނުން އެބަވެ ސިންގާއެއް. އެފަދަ ބާޒެއް ނުވަތަ ސިންގާއެއް އައިސް އެ ބޭފުޅުން ގޮވައިގެން ލީޑު ކުރަން ޖެހޭނީ. ހަމަ މަގުމައްޗަށް ވެސް ނިކުންނަންޖެހޭނެ ނިކުންނަން ޖެހިއްޖިއްޔާ. ރެލީތަކާ އެއްޗެތިވެސް ބާއްވަންޖެހޭނެ. ހުރިހާ ފަރާތަކުން އޮޕޮޒިޝަން ކުޅެންޖެހޭނެ. އެހެންވީމާ އެ ލީޑާޝިޕް ދައްކާނެ ވަރު މީހަކު އަދި ނެތީ އެތާ ތެރޭގައި،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ޕީޕީއެމްގެ ކުރިން އޭނާ ޑީއާރްޕީގައި ހުންނެވިއިރު އެޕާޓީގައި ވެސް އޭރު އިސްކޮށް ތިއްބެވި ބޭފުޅުންނަށް އިދިކޮޅު ހަރަކާތް ހިންގަން ނޭނގޭ ކަމަށެވެ. ނަމަވެސް އުމަރާ އެކު ޑީއާރްޕީއާ ގުޅުނު ބޭފުޅުންގެ މަސައްކަތުން ޑީއާރްޕީ އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެ އޭރުގެ ސަރުކާރަށް ވަރަށް ބޮޑަށް ޕްރެޝަރަ ކުރެވުނު ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން [ޑީއާރްޕީ]އާ ހަވާލުވެގެން ގެންގޮސް ތިން އަހަރު ވީއިރުގައި ސަރުކާރެއް ކޮށިއަރާ ހިސާބަށް ދުއްވާލީ. އެންމެ ފަހުން ނަޝީދު އަމިއްލައަށް އިސްތިއުފާ ދޭ ހިސާބަށް ދުއްވާލީ. އެވަރުގެ އެކްޓިވިޒަމްއާ އެވަރުގެ ހިތްވަރާއި އެއްޗެހި އަޅުގަނޑަކަށް އަދިއެއް ނުފެނޭ މިހާރު ޕީޕީއެމްގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންގެ ފަރާތަކުންނެއް. މިހާރު މިފެންނަނީ ވަރަށް އާދައިގެ ދެރަ ފެންވަރުގެ މަންޒަރެއް،" އުމަރު ވިދާޅުވި އެވެ.

ޕީޕީއެމަށް ވަރުގަދަ ބާޒެއް ބޭނުންވާ ކަމަށް އުމަރު ވިދާޅުވެފައި މިވަނީ ރައީސް ޔާމީން ފަސް އަހަރުގެ ހުކުމް ތަންފީޒު ކުރަން ޖަލަށް ވަޑައިގަތުމުގެ ކުރިން ޕާޓީގެ އާންމު މެންބަރުންނާ މުހާތަބު ކުރައްވާ އެންމެ ފަހުން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ބަސްފުޅަކާ ގުޅިގެން ކަަމަށް ބެލެވެ އެވެ.

"އަޅުގަނޑު މިތާ ނެތުމަކުންނެއް އަޅުގަނޑު ޕާޓީގެ މައްޗަށް މިނިކާ ބާޒުތަކެއް ސަވާރުވިޔަ ނުދެއްވައްޗޭ. އެއީ އެއްގޮތަކަށްވެސް ޖާގަ ދީގެން ވާނެ ކަމެއް ނޫން،" ޖޯޝާއި ފޯރިއާއެކު އާންމު ތަނެއްގައި ޖަލަށް ވަޑައިގަތުމާ ހަމައަށް އެންމެ ފަހުން ދެއްކެވި ވާހަކަފުޅުގައި ޔާމީން ވިދާޅުވި އެވެ.
ހިޔާލު

އަހުމަދު ފާއިޒު

ގުދާރުބިންދާވައްތަރުގެ ބާޒު ޕޕއމ އަކަށް ދުވަހަކުވެސް ބޭނުމެއްނުވާނެ. ޑްރީމްކޮއްލަކޮށްލާ ހުރޭ.