Mayoru kamaai vazeerukan beynumeh noon: Umar
image
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު---ފޮޓޯ: އަވަސް އޮންލައިން
ފާތުމަތު ރިފާޢަތު
0 ކޮމެންޓް
 

"މޭޔަރު ކަމާއި ވަޒީރު ކަމެއް ބޭނުމެއްނޫން"

މޭޔަރު ކަން ލިބިގެން ގައުމަށް ބޭނުންވާ ބަދަލު ހޯދައި ނުދެވޭނޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މާލޭ މޭޔަރު ކަމަށް ވާދަ ކުރަން އުމަރު ނަސީރު އުޅުއްވާ ވާހަކަތައް މީޑިއާގައި ދެކެވެމުންދާތީ އެ ވާހަކަތައް ދޮގުކުރައްވާ ސީއެންއެމަށް ދެއްވި އިންޓަރވިއުއެއްގައި އުމަރު ވިދާޅުވީ އެއީ ބަޔަކު އަޑީގައި ތިބެގެން ފަތުރާ ދޮގު ވާހަކަތަކެއް ކަމަށެވެ.

މާލޭ މޭޔަރު ކަމަށް ކުރިމަތި ލުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް ވިދާޅުވެ އުމަރު ވިދާޅުވީ މޭޔަރު ކަމާއި ވަޒީރު ކަމެއް ބޭނުން ނުވާ ކަމަށެވެ. އަދި އެފަދަ މަގާމުތަކަށް އައިސްގެން އޭނާ ބޭނުންވާ ބަދަލެއް މި ގައުމަށް ނުގެނެވޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.

އެގޮތުން ޑްރަގު މައްސަލައަށް ގެންނަން ބޭނުންވާ ހައްލެއް ޙާއްސަ ގޮތެއްގައި ވަޒީރުގެ މަގާމާއި އަދި މޭޔަރު ކަމުގައި ހުރެގެން ނުގެނެވޭނެ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ހަމަ އެކަނި ބޭނުންވަނީ މި ރާއްޖޭގެ ވެރިކަން ކުރަން އެކަނި ކަމަށް އުމަރުގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވާފައެވެ.

"އަޅުގަނޑު މި ގައުމަށް ގެންނަން ބޭނުންވާ ބަދަލުތައް ނުގެނެވޭނެ މޭޔަރަކަށް ހުރެގެން. އަޅުގަނޑުގެ ވިސްނުމުގައި މި އޮތް ރާއްޖެ ގެނެވޭނީ ގައުމުގެ އެންމެ އިސް މަގާމުގައި ހުރެގެން." އުމަރު ވިދާޅުވިއެވެ.

ޕީޕީއެމްގެ ލީޑާޝިޕްގެ ދޮރު ހުޅުވައިފިއްޔާ އެ ދޮރުން ވަންނަން މަސައްކަތް ކުރައްވާނެ ކަމަށް އުމަރު ވަނީ ސީއެންއެމްގެ އިތުރު ކާފު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައެވެ. ނަމަވެސް ޕީޕީއެމްގެ ލީޑާޝިޕްގެ ދޮރު ބަންދުކޮށްފައި އޮތްހާ ހިންދަކު އެ މަސައްކަތް ނުކުރައްވާނެ ކަމަށާއި ދޮރު ފަޅާފައި ވަންނާކަށް ވެސް މަސައްކަތެއް ނުކުރައްވާ ކަމަށް އުމަރު ވިދާޅުވި އެވެ.

އަދި އުންމީދު ކުރަނީ 2023ގެ ކުރިން ޕީޕީއެމްގެ ލީޑާޝިޕުގެ އެންމެ މަތީ ދޮރު ހުޅުވުން ކަމަށާއި އޭރުން އެ ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށްވެސް އުމަރު ވަނީ އެ ރޭގެ ޕްރޮގްރާމުގައި ވިދާޅުވެފައެވެ.
އުމަރު
ހިޔާލު