Congo ga himabihi jehigen 6000 meehun maruvejje
image
ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދެނީ--
0 ކޮމެންޓް
 

ކޮންގޯގައި ހިމަބިހި ޖެހިގެން 6000 މީހުން މަރުވެއްޖެ

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ހިމަބިހި ޖެހިގެން މަރުވެފައިވާ މީހުންގެ އަދަދު 6،000 އަށް ވުރެ މަތިވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.
ޑަބްލިއުއެޗްއޯ އިން ބުނީ ދުނިޔޭގައި މި ވަގުތު އެންމެ ގަދަޔަށް އަދި އެންމެ ހަލުވިކަމާއެކު ހިމަބިހި ފެތުރެމުން ދަނީ ކޮންގޯގައި ކަމަށެވެ.

މިދިޔަ އަހަރުގެ ތެރޭގައި އެކަނިވެސް އެގައުމުގެ 310،000 މީހުންނަށް ހިމަބިހި ޖެހުނެވެ. ކޮންގޯ ސަރުކާރާއި ޑަބްލިއުއެޗްއޯ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އެމެޖެންސީ ވެކްސިން ޕްރޮގްރާމެއް ފަށާފަ އެވެ.

އެ ޕްރޮގްރާމުގެ ދަށުން ކޮންގޯގައި 18 މިލިއަން ކުޑަކުދިންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފަ އެވެ. އެކަމަކު މަގުތައް ހަލާކުވެފައި ހުރުމާއި، ހެލްތު ސެންޓަރުތަކަށް ހަމަލާ ދިނުމާއި، ސިއްހީ ހިދުމަތް ހޯދުމުގެ ހުރި ދަތިތަކުގެ ސަބަބުން އަދިވެސް އެ ބަލި ފެތުރުން ކޮންޓްރޯލެއް ނުކުރެވެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެގައުމުގައި އެބޯލާ ޖެހިގެން މަރުވި މީހުންނަށް ވުރެ ދެ ގުނަ އިތުރަށް ހިމަބިހީގެ ސަބަބުން ދަނީ މީހުން މަރުވުމުންނެވެ.

ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ އުމުރުން ހަ އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށް ހަރުދަނާކޮށް ވެކްސިން ދިނުމަށް އިތުރު 40 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ.

ހިމަބިއްސަކީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ނޭފަތުން ފެން އައުމާއި، ހުން އައުން ހިމެނެ އެވެ. އޭގެ ފަހުން ހަށިގަނޑުގައި ރަތް ފިއްގަނޑުތަކެއް ނަގަން ފަށަ އެވެ.

ގިނަ މީހުންނަށް އެ ބަލިން ސަލާމަތް ވެވުނު ނަމަވެސް، މުޅި ދިރިއުޅުން ނުކުޅެދުންތެރިކަމެއްގައި ހޭދަ ކުރަން ޖެހެ އެވެ. އެއީ ބަލީގެ ސަބަބުން ނިއުމޯނިއާއަށް މެދުވެރިވެ، ފުއްޕާމެ އާއި ސިކުނޑު ދުޅަވުމަށް މަގުފަހި ވާތީ އެވެ.

ލަފާކުރެވޭ ގޮތުގައި ދުނިޔޭގައި ކޮންމެ އަހަރަކުވެސް ހިމަބިހި ޖެހިގެން 110،000 މީހުން މަރުވެ އެވެ.
ކޮންގޯ
ހިޔާލު