Pakistan gai dhiriulhey china meehun samaaluvumah edhihje
image
0 ކޮމެންޓް
 

ޕާކިސްތާނުގައި ދިރިއުޅޭ ޗައިނާ މީހުން ސަމާލުވުމަށް އެދިއްޖެ

ޕާކިސްތާންގައި މަސައްކަތް ކުރާ ޗައިނާގެ ކުންފުނިތަކަށާއި އެތަންތާގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވެފައިވާ ސަލާމަތީ ކަންތައްތަކާ ބެހޭ ގޮތުން ފިޔަވަޅުތަކެއް އަޅައިދެއްވުމަށް އިސްލާމްއާބާދަށް ކަނޑައަޅާފައިވާ ޗައިނާ އެމްބެސެޑަރ ޔާއޯ ޖިން އެދިވަޑައިގެންފިއެވެ.
ޕާކިސްތާން ޗައިނާ އިކޮނޮމިކް ކޮރިޑޯ ގައި އެކި މަޝްރޫއުތަކުގައި މަސައްކަތް ކުރާ ކުންފުނިތަކުގެ މަންދޫބުންނާއެކު އެމްބެސެޑަރ ބޭއްވި ބައްދަލުކުރެއްވުމުގައި އެފަރާތްތަކުން ވަނީ ސަމާލަތީ ގޮތުން ދިމާވެފައިވާ ނުތަވަސްކަން އެމްބެސެޑާގެ ސަމާލުކަމަށް ގެނަސްފައެވެ.

ޕާކިސްތާން ޗައިނާ އިކޮނޮމިކް ކޮރިޑޯރއަކީ، ބަލޫޗިސްތާނުން ފެށިގެން ގިލްގިޓް ބޯލްޓިސްތާނަށް ދެމިގެންވާ ސަރަހައްދެއްގައި ހިމެނޭ އެއްތައް މަޝްއޫއެއްގެ ސަރަހައްދެކެވެ.

ޕާކިސްތާނުން ވަނީ މި އިކޮނޮމިކް ކޮރިޑޯގައި މަސައްކަތް ކުރާ މީހުންގެ ސަލާމަތަށްޓަކައި ސިފައިންގެ 20 ހާސްމީހުން ހިމެނޭ ދެ ފައުޖެއް ހަމަޖައްސާފައެވެ. އެހެންނަމަވެސް ސިފައިންގެ ފަރާތުން އެދެވޭ ރައްކާތެރިކަމެއް ނުލިބޭކަމަށް ބުނެ، ޗައިނާ ކުންފުނިތަކުން ވަނީ އެމްބެސެޑަރާއެކު ބެއްވި ބައްދަލުވުމުގައި ޝަކުވާ ކޮށްފައެވެ.

ބައެއް ކުންފުނިތަކުން ބުނެފައިވަނީ ޕާކިސްތާން ސިފައިންނަށް އިތުބާރު ނުކުރެވޭތީވެ އެމީހުން ވަނީ އަމިއްލައަށް ޕްރައިވެޓް ސެކިއުރިޓީވެސް ހަމަޖައްސާފައެވެ. މިމީހުން ތުހުމަތު ކުރާ ގޮތުގައި ދެގައުމުގެ ދެމެދުގައި ގާތް ގުޅުމެއް ބާއްވާއިރުވެސް، ސިފައިން ކަންކަމާމެދު ދެކެނީ މުޅިންވެސް ތަފާތު ގޮތަކަށެވެ. އަދި ޕާކިސްތާން ސިފައިންގެ ބައެއް މީހުން، ޕާކިސްތާންގެ ޕަންޖާބް ސަހަރުގައި ހަރަކާތްތެރިވާ އީސްޓް ތުރުކިސްތާން އިސްލާމިކް މޫވްމެންޓަށް ހަމްދަރްދީވާ ކަމަށްވެސް ތުހުމަތުކޮށް މިފަރާތްތަކުން ވަނީ އެމްބެސެޑަރަށް ޝަކުވާ ކޮށްފައެވެ.

އީސްޓް ތުރުކިސްތާން އިސްލާމިކް މޫވްމެންޓަކީ، ޝިންޖިއާން ޕްރޮވިސްގައި ވަކިވެގަތުމުގެ ހަރާތެއްގައި އުޅޭ އުރިގޫރު ދަރިކޮޅުގެ ޖަމާއަތެކެވެ. ތުރުކީ ބަހުން ވާހަކަ ދައްކާ މި ޖަމާއަތް ވަނީ އެމެރިކާއިން 2002 ވަނަ އަހަރު ޓެރަރިސްޓް ޖަމާއަތެއް ކަމުގައި ކަނޑައަޅާފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވި، ޗައިނާ ޕެޓްރޯލިއަމް އިންޖިނިއަރިންގ ކޮންސްޓްރަކްޝަން ކޯޕަރޭޝަން އިން ބުނިގޮތުގައި ޕާކިސްތާން ސިފައިންގެ މެދުގައި ބިރުވެރިކަމާއި ޝައްކާއި ވަހުމްވެސް ވަނީ އިންތިހާއަށް ފެތުރިފައެވެ.

އެއީ ބައެއްފަހަރު އެއްވެސް ސަބަބަކާ ނުލައި ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފައި، އަނެއްބައި ފަހަރު އެއްވެސް އަސާސެއް ނެތި، ބިރުވެރިކަން އުފެދޭފަދަ ރިޕޯޓްތައް ނެރެ ހަދަމުންދާކަމަށްވެސް ބުނެފައެވެ. އަދި މީގެ ސަބަބުން މިމީހުންގެ މަސައްކަތަށް ހުރަސްއެޅި، ވަގުތު ބޭކާރުވާކަމުގައިވެސް ވަނީ ބުނެފައެވެ.

ސިފައިން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން މި ކުންފުނިތަކުގައި މަސައްކަތް ކުރާ މީހުންގެ ހަރަކާތްތަކަށް ވަރަށް ބޮޑަށް ހުރަސް އެޅިފައި ވެއެވެ. އަދި ބެއިޖިންގ އިން މަސައްކަތް ނިންމަން ވަގުތުތައް ކަނޑައަޅާފައިވާއިރު މިފަދަ ހުރަސްތަކުގެ ސަބަބުން ބޭނުންވާ ދުވަހަށް މަސައްކަތް ނިންމާލުމުގައި ދަތިތައް ކުރިމަތިވާކަމަށްވެސް ޝަކުވާ ކޮށްފައި ވެއެވެ.

މިފަދަ ހުރިހައި ކަމަކުންވެސް ޕާކިސްތާން ޗައިނާ އިކޮނޮމިކް ކޮރިޑޯގައި މަސައްކަތް ކުރާ މީހުންނަށް ނަފްސާނީ ގޮތުން ފިއްތުންތައް ކުރިމަތިވެފައިވާ ކަމަށް މި ބައްދަލުވުމުގައި އެމްބެސެޑައަށް ޝަކުވާ ހުށަހެޅި ގިނަ ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ. އަދި ދެފަރާތް ދެމެދު އޮންނަ ސަގާފީ ތަފާތު ބޮޑުކަމުގެ ސަބަބުން އިތުރަށް މަސައްކަތުގެ މާހައުލާއި ގުޅުންތައް ގޯސްވެފައިވާ ކަމަށްވެސް ފާހަގަ ކޮށްފައި ވެއެވެ.

ރަސްމީ ފަރާތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމްބެސެޑަރ ޔޯ ވަނީ ޝަކުވާތައް ކަމާބެހޭ އެންމެ މަތީ ފަރާތަށް އުފުއްލަވާފައެވެ. ޔޯއަކީ، ނުނަހު ހަރަކާތްތެރި، އަދި ޕާކިސްތާންގެ ކަމުވޮށިގެންވާ ގިނަ މީހުންނާ އެކު ގާތްގުޅުމެއް އުފައްދަވާފައިވާ ބޭފުޅެކެވެ.

މި ޝަކުވާތައް ޔޯ ވަނީ ޕާކިސްތާންގެ ފޮރިން މިނިސްޓްރީއަށް ވެސް ހުށަހަޅުއްވާފައެވެ. އަދި ޕާކިސްތާންގެ އެންމެ ނުފޫޒުގަދަ ފަރާތްކަމުގައިވާ ޕާކިސްތާން ސިފައިންގެ އެންމެ މަތީފެންވަރުގައިވެސް އޭނާ ވަނީ މިކަން ވަރަށް ހައްސާސް މައްސަލައެއްގެ ގޮތުގައި ނަންގަވައި މަޝްވަރާ ކުރައްވާފައެވެ.

ސީދާސާދާކޮށް ވާހަކަ ދައްކަވާކަމަށް މަޝްހޫރުވެ ވަޑައިގެންފައިވާ ޔޯގެ ވާހަކަތަކުން ޕާކިސްތާންގެ ވެރިކަމުގެ ނިޒާމުގައި ބަސްކިޔައި އުޅޭ ނުފޫޒުފަދަ ބައެއް މީހުން ވަނީ ނުތަނަވަސްވެފައެވެ. މި ފަރާތްތަކުން މިކަމުގައި ނުރުހުނުކަމުގައި ވިއަސް މިހާރު ބައިނަލްއަގްވާމީ މަސްރަހުގައި ޕާކިސްތާންގެ ހަމައެކަނި ދެ މަދަދުގާރުންކަމަށްވާ ސައޫދީއާއި ޗައިނާއިން ހުށަހަޅާ ކަމަކަށް ޕާކިސްތާނަށް ނޫނެކޭ ބުނުމަކަށް ފުރުސަތެއް ނޯންނާނެއެވެ.

ޔޯގެ ހުށަހެޅުމަށް އަމަލީ ސިފައެއް ގެނައުމުގެ ގޮތުން ޕާކިސްތާން ސިފައިން ޗައިނާ ކުންފުނިތަކާ ގުޅޭ ސަލާމަތީކަންކަން ބަލަހައްޓާ ގޮތަށް ބައެއް ބަދަލުތައް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ބަދަލުތަކާ ގުޅިގެން އެއްވެސް ނޭދެވޭ ކަމެއް ކުރިމަތިވެއްޖެނަމަ އެކަމުގެ ޒިންމާ އެމްބެސެޑަރ ޔޯ ގެ ބޮލުގައި އެޅޭ ގޮތަށެވެ.

މިފަދަ ފިޔަވަޅަކުން ޕާކިސްތާން ސިފައިންނަށް ކުރިމަތިވަމުންދާ ފިއްތުން ތަކުން އެފަރާތަށް ވަގުތީ ހަމަޖެހުމެއް ލިބުމަކީ ގާތްކަމެކެވެ. ނަމަވެސް ނުރަނގަޅު ކަމަކުން ނިކުންނަ ނަތީޖާއަށް ޝަކުވާ ކުރިފަރާތުން ޒިންމާވާ ގޮތަށެވެ.
ޕާކިސްތާން
ހިޔާލު