Finance leasing ge hidhumaiy dhinumah ithuru company akah huhdha dheefi
image
ރާއްޖޭގައި ފައިނޭންސް ލީސިންގެ ހިދުމަތް ދިނުމަށް ސީއެމްޑީ ފައިނޭންސް ލީސިން ކޮމްޕެނީއަށް ހުއްދަ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެމްއެމްއޭ
0 ކޮމެންޓް
 

ރާއްޖޭގައި ފައިނޭންސް ލީސިންގެ ހިދުމަތް ދިނުމަށް އިތުރު ކުންފުންޏަކަށް ހުއްދަ ދީފި

ރާއްޖޭގައި ފައިނޭންސް ލީސިންގެ ހިދުމަތް ދިނުމަށް އިތުރު ކުންފުންޏަކަށް ހުއްދަ ދީފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި އިއްޔެ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިހުއްދަ ދީފައިވަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ސީއެމްޑީ ފައިނޭންސް ލީސިން ކޮމްޕެނީ އަށެވެ.

ސީއެމްޑީ ފައިނޭންސް ލީސިން ކޮމްޕެނީ އަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖޭއެމްޓީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ. އަނެއް އެއް ޕަސަންޓް ހިއްސާކުރާ ހިއްސާދާރަކީ އިބްރާހީމް ޒާހިރެވެ. އޭނާ އަކީ ސީއެމްޑީ ފައިނޭންސް ލީސިން ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރެވެ. ޖޭއެމްޓީ ޕްރައިވެޓް ލިމިޓެޑްގެ 80 ޕަސަންޓް ހިއްސާދާރަކީ ޖަޕާންގެ ސީއެމްޑީ ލެބް އެވެ.

އެމްއެމްއޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ސީއެމްޑީ ފައިނޭންސް ލީސިން ކޮމްޕެނީ އަށް ހުއްދަ ހަވާލުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އެވެ. އަދި ސީއެމްޑީގެ ފަރާތުން ހުއްދައާ ހަވާލުވެވަޑައިގަތީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒާހިރު އެވެ.

ސީއެމްޑީއޭގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒާހިރު އަކީ ވިލާ ގުރޫޕްގައި ވަރަށް ގިނަ އަހަރު ތަކަކު މަސައްކަތް ކުރައްވާފައިވާ އަދި މިހާރުވެސް ވިލާ ގުރޫޕްގެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ.

ސީއެމްޑީ ފައިނޭންސް ލީސިން ކޮމްޕެނީއަށް ދިން ހުއްދައާ އެކު އެ ކުންފުނީގެ ހިދުމަތް ކުރިއަށް އޮތް ހަމަސް ދުވަސް ތެރޭގައި ފަށަންޖެހޭނެ އެވެ. އެހެންކަމުން އެންމެ ލަސްވެގެން މިއަހަރުގެ ޖުލައި 8 ވަނަ ދުވަހުގެ ކުރިން އެކުންފުނިން ހިދުމަތް ނުފަށައިފިނަމަ ލައިސަންސް ބާތިލްވާނެ އެވެ.

ރާއްޖޭގައި ފައިނޭންސް ލީސިންގެ ހިދުމަތް މިވަގުތު ދެނީ އެންމެ ކުންފުންޏަކުންނެވެ. އެއީ ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި، ޗަމްޕާ ގުރޫޕުން ހިންގަމުން ގެންދާ މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އެވެ.
އެމްއެމްއޭ
ހިޔާލު