Ukrain mathindhaa boat vettunee olhigen dhevunu hamalaa akun: Iran
image
ޔުކްރޭންގެ މަތިންދާ ބޯޓު ވެއްޓިފައި
0 ކޮމެންޓް
 

ޔުކްރޭން މަތިންދާ ބޯޓު ވެއްޓުނީ އޮޅިގެން ދެވުނު ހަމަލާއަކުން: އިރާން

ޔުކްރޭންގެ މަތިންދާ ބޯޓެއް ވެއްޓުނީ އިރާނަށް "އޮޅިގެން" ދެވުނު ހަމަލާ އަކާ ގުޅިގެން ކަމަށް އިރާނުން ބުނެފި އެވެ.
އިރާންގެ ރައީސް ހަސަން ރޫހާނީ މިކަން އިއުލާންކުރައްވަމުން ވިދާޅުވީ އެގައުމުގެ އަސްކަރީ ބާރުތަކުން ކުރިއަށް ގެންދިޔަ ތަހުގީގުތަކުން އެނގިފައިވަނީ ޔުކްރޭންގެ މަތިންދާ ބޯޓު ވެއްޓުނީ އިރާނަށް އޮޅިގެން ދެވުނު ހަމަލާއަކުން ކަމަށެވެ.

މިހާދިސާ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށާއި އަދި ބޯޓަށް ހަމަލާދިނުމުގައި އިހްމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް ރޫހާނީ ވިދާޅުވި އެވެ. އަދި މިހިތާމަވެރި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކުގެ ހިތާމައިގައި ބައިވެރިވާ ކަމަށާއި މިހަމަލާއާއި ގުޅިގެން އިރާނުން މައާފަށް އެދޭ ކަމަށްވެސް ރޫހާނީ ވަނީ ވިދާޅުވެފަ އެވެ.

ޔުކްރޭންގެ މަތިންދާ ބޯޓު ވެއްޓިފައިވަނީ އިރާނަށް އޮޅިގެން ދެވުނު ހަމަލާއަކުން ކަމަށް އެ ގައުމުން ބުނެފައި މިވަނީ ޔުކްރޭންގެ ބޯޓަށް މިސައިލަކުން ހަމަލާދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯ އެއް ހުޅަނގުގެ ބައެއް މީޑިއާ ތަކުން އާންމުކޮށްފަ ވަނިކޮށެވެ.

މިމަހުގެ އަށްވަނަ ދުވަހު އިރާންގެ ވެރިރަށް ތެހެރާންގެ އިމާމް ޚޮމެއިނީ އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މިބޯޓު ވެއްޓުމާ ގުޅިގެން 176 މީހުން ވަނީ މަރުވެފަ އެވެ.

ފްލައިޓްތަކުގެ ދަތުރުތައް އަންގައިދޭ ފްލައިޓްރާޑާ އިން ދެއްކި ގޮތުގައި ޔުކްރެއިން އިންޓަނޭޝަނަލް އެއާލައިން ފްލައިޓް 752 އިރާނުން ނައްޓާލުމަށް ހަމަޖައްސާފައި އޮތީ ބޯޓު ވެއްޓުނު ދުވަހުގެ ހެނދުނު 5:15 ގައެވެ. އެކަމަކު ބޯޓު އެ ދުވަހު ނައްޓާލީ އެއް ގަޑިއިރު ފަހުން ހެނދުނު 6:12 ގައި ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

މި ބޯޓު ދަތުރުކުރުމަށް ހަމަޖެހިފައި އޮތީ ޔުކްރޭންގެ ވެރިރަށް ކިއޭވްގެ ބޮރީސްޕިލް އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ޔުކްރޭން މަތިންދާ ބޯޓަށް އޮޅިގެން ހަމަލާދީ ވައްޓާލާފައިވަނީ އެމެރިކާ އިން އިރާންގެ ގުދުސް ފޯސްގެ ވެރިޔާއަށް ހަމަލާދީ އޭނާ އަވަހާރަކޮށްލި ހާދިސާގެ ބަދަލު ހިފުމަށް އިރާނުން އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ ދެ މަރުކަޒަކަށް ހަމަލާދީފައިވާ ދުވަހު އެވެ.
އީރާން
ހިޔާލު