Oman ge rasgefaan Qaboos avahaara vejje
image
އޮމާންގެ ރަސްގެފާން ގާބޫސް ބިން ސައީދު
0 ކޮމެންޓް
 

އޮމާންގެ ރަސްގެފާން ގާބޫސް އަވަހާރަވެއްޖެ

ދުނިޔޭގައި އެންމެ ގިނަ ދުވަހު ރަސްކަން ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އޮމާންގެ ރަސްގެފާން ގާބޫސް ބިން ސައީދު އަވަހާރަވެއްޖެ އެވެ.
ގާބޫސް ރޭގެ ވަގުތެއްގައި އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އުމުރުފުޅުން 79 އަހަރުގަ އެވެ.

ގާބޫސް އަވަހާރަވެފައިވާ ކަން އޮމާންގެ ގައުމީ ޓީވީންވެސް މިހާރު ވަނީ އިއުލާންކުރައްވާފަ އެވެ.

ގާބޫސް އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ކެންސަރަށް ފަރުވާ ހޯއްދެވުމަށްޓަކައި ބެލްޖިއަމް އާއި ޖަރުމަނަށް އެ ދެ ގައުމުގައި ގިނަ ދުވަސްތަކަކު ފަރުވާވެސް ހޯއްދެވި އެވެ.

ގާބޫސް އަވަހާރަވުމާ ގުޅިގެން އޮމާންގެ ސަރުކާރުން ވަނީ ގައުމީ ހިތާމައިގެ ތިން ދުވަސް އިއުލާންކޮށް އެ ގައުމުގެ ގައުމީ ދިދަ 40 ދުވަސް ވަންދެން ބައިދަނޑިއަށް ތިރިކުރަން ނިންމާފަ އެވެ.

ގާބޫސް އަވަހާރަވީއިރު އެމަނިކުފާނުގެ އަނބިކަނބަލެއް، ބޭފުޅެއް، އަދި އެއްބަނޑު އެއްބަފާ ބޭބެއެއް ކޮއްކޮ އެއް ވެސް ނެތެވެ. އާއިލީ ގޮތުން އެންމެ އަރިސް ބޭފުޅުންގެ ގޮތުގައި ވެސް ތިއްބެވީ ދެބެންގެ ދެދަރި ބޭފުޅުންނެވެ.

ގާބޫސް އަވަހާރަވިއިރު ވަލީއަހުދު ކަމަށް ބޭފުޅަކު އައްޔަންކުރައްވާފައެއް ނުވެ އެވެ. އަދި އެމަނިކުފާނަށްފަހު ރަސްކަން ކުރައްވާނެ ބޭފުޅެއްގެ ނަން އާންމުކޮށް އިއުލާންކުރައްވާފައެއް ވެސް ނުވެ އެވެ. އެހެންކަމުން ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި އޮމާންގެ ރަސްކަމުގެ ދަރުބާރުގެ ފަރާތުން ރަސްކަމަށް ބޭފުޅަކު އިސްކުރައްވާނެ އެވެ. ނަމަވެސް މިއީ އުދަގޫ ނިންމުމަކަށް ވެގެންދާނެ ކަމަށް މުރާސިލުން ދެކެ އެވެ.

ގާބޫސް އޮމާންގެ ރަސްކަމާ ހަވާލުވެވަޑައިގަތީ ލޭއޮހޮރުވުމެއް ނެތް އިންގިލާބެއްގައި ބައްޕާފުޅު ސައިދު ބިން ތައިމޫރު މަގާމުން ދުރުކުރެއްވުމަށްފަހު 23 ޖުލައި 1970 ވަނަ އަހަރު އެވެ. އެހެންކަމުން ގާބޫސް އަވަހާރަވެފައި މިވަނީ އެމަނިކުފާނުގެ ރަސްކަމަށް 50 އަހަރުވާން ވަރަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ.
އޮމާން
ހިޔާލު