Group maaraamaaree ehgai anehkaa ves meehakah hamalaa dheefi
image
ފުލުހުންގެ މައި މަރުކަޒު
0 ކޮމެންޓް
 

ގުރޫޕް މާރާމާރީއެއްގައި އަނެއްކާވެސް މީހަކަށް ހަމަލާދީފި

މާލޭގައި ގުރޫޕް މާރާމާރީއެއްގައި އަނެއްކާވެސް ޒުވާނަކަށް ހަމަލާދީފި އެވެ.
ފުލުހުން ބުނީ މިމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 4:19 ހާއިރު ކަމަށެވެ.

މާރާމާރީ ހިންގާފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ކައިރީގައި ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން ބުނީ މިމަރީގައި ހަމަލާދިނުމުން އަނިޔާވެފައިވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. މާރާމާރީގައި އޭނާ އަށް ލިބުނު އަނިޔާގެ އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނީ މިމައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މާރާމާރީއާއި ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުންދާ ކަމަށެވެ.

ފޮރިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގެ ކުރިމަތީގައި މިމަހުގެ ނުވަވަނަ ދުވަހު ވެސް ވަނީ ގުރޫޕް މާރާމާރީއެއް ހިންގާފަ އެވެ. މިމައްސަލައިގައި މިއަދު ހައްޔަރުކުރި 6 މީހުންނާ އެކު ޖުމްލަ 8 މީހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އއ. ފެރިދޫގައި ރޭ ދަންވަރު 12:40 ހާއިރު ވެސް 6 މީހުން ހިމެނޭ ގުރޫޕަކުން ހަމަލާދީ 32 އަހަރުގެ ފިރިހެނަކު ޒަހަމްކޮށްލާފަ އެވެ. ނަމަވެސް މިމައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައިވާ ކަމަކަށް ފުލުހުން ބުނެފައެއް ނުވެ އެވެ.
މާރާމާރީ ޕޮލިސް
ހިޔާލު