Eriksen Ge Ninmumah Supporterun Ihuthiraam Kuran Jehey: Mourinho
image
ސީއެންއެމް
0 ކޮމެންޓް
 

އެރިކްސެންގެ ނިންމުމަށް ސަޕޯޓަރުން އިހުތިރާމުކުރަން ޖެހޭ: މޮރީނިއޯ

ފިނި މޫސުމުގެ ޓްރާންސްފާ ވިންޑޯގައި ކްލަބު ދޫކޮށްލުމަށް ކްރިސްޓިއަން އެރިކްސެން ނިންމިކަމުގައި ވިޔަސް އޭނާގެ ނިންމުމަށް ކްލަބުގެ ސަޕޯޓަރުން އިހުތިރާމް ކުރަން ޖެހޭނެ ކަމަށް ޓޮޓެންހަމްގެ ކޯޗު ހޯޒޭ މޮރިނީއޯ ބުނެފިއެވެ.
މި ސީޒަނުގެ މެދުތެރެއިން ޓޮޓެންހަމްގެ ކޯޗު ކަމާއި ހަވާލުވި ހޯޒޭ މޮރީނިއޯ މިހެން ބުނެފައިވަނީ ރޭ އެފްއޭ ކަޕުގައި މިޑްލްސްބަރާގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދައި ޓޮޓެންހަމުން އެފްއޭ ކަޕުގެ ހަތަރު ވަނަ ބުރަށް ދަތުރު ކުރި މެޗަށްފަހު އެވެ.

"އެރިކްސެންގެ ކޮންމެ ނިންމުމަކަށް ވެސް ސަޕޯޓަރުން އިހުތިރާމް ކުރަން ޖެހޭ. އޭނާ ކްލަބު ދޫކޮށްދާން ނިންމިޔަސް، އޭނާއަށް އަލްވަދާއު ކިޔަންވާނީ އެންމެ ފުރިހަމަ ގޮތުގައި" މޮރީނިއޯ ބުނެފައިވެއެވެ.

ރޭގެ މެޗަށްފަހު މޮރީނިއޯ ވަނީ އެރިކްސެންއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ އެރިކްސެން މިހާތަނަށް ދައްކަމުން އައީ ވަރަށް ވެސް ޕްރޮފެޝަނަލް ކުޅުމެއް ކަމަށެވެ.

މިހާރު ފެށިގެން ކުރިއަށްދާ ޓްރާންސްފާ ބާޒާރުގައި ޓޮޓެންހަމް ދޫކޮށް އެރިކްސެން އެހެން ކްލަބަކާ ގުޅޭނެ ކަމުގެ އަޑުވަނީ ވަރަށް ގަދަވެފައެވެ. ޓޮޓެންހަމްއާއި އަލަށް ހަވާލުވި ކޯޗު މޮރީނިއޯ، އެރިކްސެން އެ ކްލަބުގައި ހިފަހެއްޓުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށް މީޑީއާ ރިޕޯޓްތައް ބުނެއެވެ. މި ރިޕޯޓްތައް ބުނާ ގޮތުގައި ޓޮޓެންހަމް ދޫކޮށް އެރިކްސެން ގުޅޭނެ ކަމަށް ބެލެވެނީ އިޓަލީގެ އިންޓަ މިލާން އާއެވެ.
ް
ހިޔާލު