India ge hospital ehga kuhthaa eh hamalaa dhinumun thuhthu kujjaku maruvejje
image
އިންޑިއާގެ ހޮސްޕިޓަލެއްގައި ކުއްތާއެއް ހަމަލާ ދިނުމުން ތުއްތު ކުއްޖަކު މަރުވެއްޖެ--
0 ކޮމެންޓް
 

އިންޑިއާގެ ހޮސްޕިޓަލެއްގައި ކުއްތާއެއް ހަމަލާ ދިނުމުން ތުއްތު ކުއްޖަކު މަރުވެއްޖެ

އިންޑިއާގައި އަލަށް ވިހެއި ކުއްޖަކު މަރުވީ ހޮސްޕިޓަލަށް ވަތް ވަގު ކުއްތާއެއް ހަމަލާ ދިނުމުން ކަމަށް އެ ކުއްޖާގެ އާއިލާއިން ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
އެ ކުއްޖާގެ އާއިލާއިން ބުނާ ގޮތުގައި ވިހެއި އިރު އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި، ކުއްތާ ހަމަލާދިން އިރު ކުއްޖާ އޮތީ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގައި ކަމަށެވެ.

އެކަމަކު ހޮސްޕިޓަލުން ބުނާ ގޮތުގައި ވިހެއި އިރުވެސް އެ ކުއްޖާގެ ފުރާނައެއް ނެތެވެ. ރިޕޯޓުތައް ބުނާ ގޮތުން ލައިސެންސް ނެތި އުއްތަރު ޕްރަދޭޝްގައި ހިންގަމުން ދިޔަ އެ ހޮސްޕިޓަލް މިހާރު ވަނީ ބަންދުކޮށްފަ އެވެ.

ފުލުހުން ބުނާ ގޮތުގައި ކުއްޖާ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމްގެ ނަތީޖާ މުހިއްމެވެ. އެހެންކަމުން ފުލުހުން މަޑުކޮށްގެން ތިބީ އޭގެ ނަތީޖާ އަށެވެ.

މިހާރު ހުރި ހެކިތަކަށް ބަލާއިރު އެ ކުއްޖާއަށް ކުއްތާއެއް ހަމަލާދީފައިވާ ކަމަށް ބެލެވެ އެވެ. އެއީ އެ ކުއްޖާގެ މޫނުގައި ދަތް އަޅާފައި ހުރި ކަމުގެ ނިޝާންތައް ހުރުމުންނެވެ.

ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ކުއްޖާގެ ބައްޕަ ބުނެފައި ވަނީ އެ ވާހަކަ ނުދެއްކުމަށް އެދި ހޮސްޕިޓަލުގެ އޮފިޝަލުން އޭނާއަށް ރިޝްވަތު ދިނުމަށް މަސައްކަތް ކުރި ކަމަށެވެ.

ފުލުހުން ބުނީ އެއީ ކުއްތާއެއް ދިން ހަމަލާއަކަށް ވާ ނަމަ، ހޮސްޕިޓަލުގެ ތެރެއަށް ކުއްތާ ވަތް ގޮތެއް ދެނެގަތުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ވަގު ކުއްތާތަކުގެ ހަމަލާތައް އިތުރުވުމުގެ ސަބަބުން އުއްތަރު ޕްރަދޭޝްގައި ފަހަކަށް އައިސް މިފަދަ ހާދިސާތައް އަންނަނީ ހިނގަމުންނެވެ.

މިދިޔަ އަހަރު ވެސް ވަގު ކުއްތާ ހަމަލާ ދިނުމުން ތިން މަހުގެ ތުއްތު ކުއްޖަކާއި، ހަތް އަހަރުގެ ކުއްޖަކު އެ ސްޓޭޓުގައި މަރުވި އެވެ.

އޭގެ ކުރިން 2018 ވަނަ އަހަރު ސިތާޕޫރު އަވަށުގެ މީހުން ބުނެފައި ވަނީ ކުއްތާ ހަމަލާ ދިނުމުގެ ސަބަބުން 12 ކުދިން މަރުވެފައިވާ ކަމަށެވެ.
އިންޑިއާ
ހިޔާލު