Dhuvaalaku 4 Rufiyaa heydha kohgen ulhunu China meehaa maruvejje
image
ވޫ ހުއަޔާން-- ފޮޓޯ: ފެންގް ވީޑިއޯ
0 ކޮމެންޓް
 

ދުވާލަކު 4 ރުފިޔާ ހޭދަކޮށްގެން އުޅުނު ޗައިނާ މީހާ މަރުވެއްޖެ

ބޭބެގެ ސިއްހީ ފަރުވާއަށް ފައިސާ ބޭނުންވާތީ ދުވާލަކު އެންމެ 0.30 ޑޮލަރު (4.63 ރުފިޔާ) ހޭދަކޮށްގެން ދިރިއުޅުނު ޗައިނާގެ ދަރިވަރަކު އެންމެ ފަހުން މަރުވެއްޖެ އެވެ.
ވޫ ހުއަޔާން ނަމަކަށް ކިޔާ ޒުވާން އަންހެން މީހާގެ ވާހަކަ ނޫސްތަކާ ހަމައަށް އައީ މިދިޔަ އަހަރު އެވެ. ހިކިވެ، އަނަރޫފަވެފައި ހުރި އޭނާގެ ބަރުދަނުގައި އޭރު ހުރ 20 ކިލޯ އެވެ.

ނޭވާލުމުގެ މައްސަލަތައް ދިމާވެ ވޫ ހޮސްޕިޓަލުގައި އެޑްމިޓު ކުރީ އޮކްޓޯބަރުގަ އެވެ. އޭނާއަށް އެހީވުމަށް ގިނަ ބަޔަކު ފައިސާ ހަދިޔާ ކުރި ނަމަވެސް، މިދިޔަ ހޯމަ ދުވަހު އޭނާ ވަނީ މަރުވެފަ އެވެ.

ވޫ ކުރިން ދިން އިންޓަވިއުތަކުގައި ބުނެފައި ވަނީ ފަގީރުކަމުގެ ސަބަބުން ބޭސް ނުކުރެވި އޭނާގެ މަންމަ އާއި ބައްޕަ އަދި މާމަ ވެސް މަރުވެފައިވާ ކަމަށެވެ.

ވޫ މަރުވިއިރު އޭނާގެ އުމުރުން 24 އަހަރެވެ. ޑޮކްޓަރުން ބުނީ ފަސް އަހަރު ވަންދެން މަދު ކާ އެތިކޮޅަކުން ފުއްދުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ މާއްދާތައް މަރުވެ، ހިތާއި ކިޑްނީގެ މައްސަލަތަކެއް އޭނާއަށް ދިމާވެފައި ހުރި ކަމަށެވެ.

މަރުވިއިރު އޭނާ ދިޔައީ ޔުނިވާސިޓީގެ ތިންވަނަ އަހަރު ފުރިހަމަ ކުރަމުންނެވެ. ވޫ ފައިސާ ރައްކާ ކުރަމުން ދިޔައީ އޭނާގެ ބޭބެގެ ނަފްސާނީ މައްސަލަތަކެއް ހުންނާތީ ފަރުވާ ކުރުމަށެވެ.

ފައިސާ ރައްކާ ކުރުމުގެ ގޮތުން އޭނާ ދުވާލަކު ހަރަދު ކުރީ އެންމެ ހަތަރު ރުފިޔާ އެވެ. އަދި އޭނާ ކައި އުޅުނީ ހަމައެކަނި ބަތާއި މިރުސް ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

ހޮސްޕިޓަލަށް ގެނައި އިރު އޭނާ ބުމަ އާއި ބޮލުގައި ހުރި ގިނަ އިސްތަށި ވަނީ ފައިބާފަ އެވެ. ވޫގެ އާއިލާއަކީ ޗައިނާގެ އެންމެ ފަގީރު އެއް ޕްރޮވިންސް ކަމަށްވާ ގުއިޒޫއަށް ނިސްބަތްވާ އާއިލާއެކެވެ.

ޗައިނާގެ އިގްތިސާދު ކުރިއެރި ނަމަވެސް 30.46 މިލިއަން މީހުން އަދިވެސް ދިރިއުޅެނީ ފަގީރުކަމުގަ އެވެ. އެއީ ދުވާލަކު 1.90 ޑޮލަރު (29.35 ރުފިޔާ) ނުލިބޭ މީހުންނެވެ.

ވޫ ހުއަޔާންގެ ވާހަކަ މީޑިއާއަށް އެރުމުން، ޗައިނާގެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. ވޫ ބަލިވުމުން ކްރައުޑް ފަންޑިން މެދުވެރިކޮށް އެކި ފަރާތްތަކުން 40،000 ޔުއާން (89،000 ރުފިޔާ) ހަދިޔާ ކުރި އެވެ.

ޗައިނާ ސަރުކާރުން ކުރިން ވަނީ 2020 ވަނަ އަހަރުގެ ކުރިން ފަގީރުކަން ނައްތާލުމަށް ވައުދުވެފަ އެވެ. މިމަހުގެ ކުރީކޮޅު ޖިއާންގްސޫ ޕްރޮވިންސުން ބުނީ އެތަނުގެ 80 މިލިއަން މީހުންގެ ތެރެއިން ފަގީރު ކަމުގައި އުޅެނީ 17 މީހުން ކަމަށެވެ. އެކަމަކު ޗައިނާ ސަރުކާރުން އާއްމު ކުރާ ތަފާސްހިސާބުތަކާ މެދު ގިނަ ބަކަޔު ސުވާލު އުފައްދަ އެވެ.
ހިޔާލު