China in Taiwan ah araigenfinama dhahkan jehey agu boduvaane: Taiwange Raees
image
0 ކޮމެންޓް
 

ޗައިނާއިން ޓައިވާނަށް އަރައިގެންފިނަމަ ދައްކަން ޖެހޭ އަގު ބޮޑުވާނެ: ޓައިވާންގެ ރައީސް

ޓައިވާނާއި ދެކޮޅަށް ޗައިނާއިން ގެންގުޅޭ ހަރުކަށި ސިޔާސަތާމެދު ޗައިނާއިން ވިސްނަން ޖެހޭކަމަށާއި، ޓައިވާނަށް އަރައިގެންފިނަމަ ޗައިނައިން ދައްކަން ޖެހޭ އަގު ބޮޑުވާނެކަމުގެ އިންޒާރު ޓައިވާނުގެ ރައީސް ސައި އިންގް-ވެން ދެއްވައިފިއެވެ.
ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމަށްފަހު ވާހަކަ ދައްކަވަމުން ސައި ވިދާޅުވީ ޓައިވާނަކީ މިހާރުވެސް މިނިވަން ޤައުމެއްކަމަށާއި، އިތުރަށް މިނިވަންކަން އިއުލާންކުރަން ނުޖެހޭކަމަށެވެ. 8 މިލިއަނަށްވުރެ ގިނަ ވޯޓުން ދެވަނަ ދައުރަކަށް ސައި އިންތިޚާބުވެވަޑައިގަތުން ވެފައިވަނީ ޓައިވާނަށް އަތްގަދަކުރުމަށް ޗައިނާއިން ކުރާ މަސައްކަތަށް އެޅުނު އިތުރު ހުރަހަކަށެވެ.

ސައި ދެވަނަ ދައުރަކަށް އިންތިޚާބު ވިޔަ ނުދޭން ޗައިނާއިން މަސައްކަތްކުރިކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ސަބަބަކީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ޓައިވާން ބޭއްވުމަށް ސައި ކުރައްވާ މަސައްކަތާއި، އެކަމުގައި އެކަމަނާއަށް ތާއީދު ބޮޑުވުމެވެ.

ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ އެގައުމުގެ ބައެކެވެ. އަދި ކޮންމެ ހިނދެއްގައިވެސް، ބާރުގެ ބޭނުންކޮށްގެން ނަމަވެސް، ޓައިވާނަށް ކޮންމެވެސް ދުވަހަކުން އަރައިގަންނާނެކަމުގެ އިންޒާރު ޗައިނާއިން އަބަދުވެސް ދެއެވެ. ޓައިވާނަކީ މިނިވަން ދައުލަތެއްކަމަށް ގަބޫލުކުރަނީ ދުނިޔޭގެ ވަރަށް މަދު ގައުމަކުންނެވެ.

ފަހުގެ ތާރީޚެއްގައި ޓައިވާނުން މިނިވަންކަން އިއުލާން ނުކުރިނަމަވެސް، އެފަދަ ކަމެއް ކުރުމުގެ ނަތީޖާ ހިތިވާނެކަމުގެ އިންޒާރު ޗައިނާއިން ވަނީ ސައި އިންތިޚާބުވުމާއިއެކު ދީފައެވެ. އެހެންނަމަވެސް ސައި ވިދާޅުވީ ޓައިވާނުން މިނިވަންކަން އިއުލާންކުރަން ނުޖެހޭކަމަށާއި، ޓައިވާނަކީ މިހާރުވެސް މިނިވަން ދައުލަތެއްކަމަށެވެ. ޓައިވާނުގެ އިންތިޚާބަށްފަހު، ޗައިނާއިން އެގައުމާމެދު ގެންގުޅޭ ސިޔާސަތަށް މިވަގުތަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ބެއިޖިންގައި ހުންނަ ޓައިވާން އެފެއަރޒް އޮފީހުން ވަނީ ބުނެފައެވެ.

ޗައިނާގެ އިންޒާރުތަކާ ގުޅިގެން ސައި ވިދާޅުވީ ޓައިވާނުގެ ރައްޔިތުންގެ ނިންނުމަށް ޗައިނާއިން އިހްތިރާމްކުރާނެކަމަށް އުއްމީދުކުރާކަމަށެވެ. އަދި ޓައިވާނަށް އަސްކަރީ ބާރުގެ ބޭނުންކޮށްގެން އަރައިގަންނަން ޗައިނާއިން މަސައްކަތްކޮށްފިނަމަ، އޭގެ ބަދަލުގައި ދައްކަން ޖެހޭ އަގު ބޮޑުވާނެކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ޗައިނާ ޓައިވާން
ހިޔާލު