Jinsee goanaa aa dhekolhah rahrashugai hingaalumeh baahvanee
image
އިއްޔެ ޖެންޑާ މިނިސްޓްރީ ކުރިމަތީގައި ކުރިއަށް ގެންދިޔަ މުޒާހަރާ ތެރެއިން---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ޖިންސީ ގޯނާއާ ދެކޮޅަށް ރަށްރަށުގައި މިއަދު ހިނގާލުމެއް ބާއްވަނީ

ޖިންސީ ގޯނާކުރުމާއި ދެކޮޅަށް ރާއްޖޭގެ ބައެއް ރަށްރަށުގައި ހިނގާލުމެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
ރޭޕްކުރުމާ ދެކޮޅަށް އިހުތިޖާޖުކުރަން ތައްޔާރުވަމުން މިދަނީ ދެކުނުގެ ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އެކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަގެ ފަރާތުން ޖިންސީ އަނިޔާ ލިބިފައިވާ މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ.

އެގޮތުން މިއަދު ރާއްޖޭގެ ބައެއް ރަށްތަކުގައި ރޭޕް ކުރުމާ ދެކޮޅަށް އިހުތިޖާޖު ކުރަން ނިންމާފައިވާއިރު އޭގެ ތެރޭގައި ރ. ހުޅުދުއްފާރާއި ގދ. ތިނަދޫ ފަދަ ރަށްތައް ހިމެނެއެވެ. އަދި މިއަދު ހަވީރު 16:00 ގައި މާލޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ވެސް އެއްވުމަށް ވަނީ ނިންމާފަ އެވެ.

އިއްޔެ ވެސް މާލޭގައި ޖެންޑާ މިނިސްޓްރީ ކުރިމަތީގައި ވަނީ މުޒާހަރާކޮށްފައެވެ. އެގޮތުން ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި ރޭޕް ފަދަ ކުށްތައް ކުރާ ފަރާތްތަކަށް އަދަބު ދިނުމަށް އެ މުޒާހަރާގައި ވަނީ ގޮވާލާފައެވެ. އަދި މިނިސްޓަރުގެ އިސްތިއުފާއަށް ވެސް މުޒާހަރައިގެ ބައިވެރިން އިއްުޔެ ގޮވާލި އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ގިނަ އަދަދެއްގެ ދިވެހިން ތެދުވެފައިވާއިރު ކުޑަ ކުއްޖާ ރޭޕްކުރި މީހުން މެރުމަށް ދަނީ ގޮވާލަމުންނެވެ. އެ ހާދިސާއާއެކު ދީނީ އިލްމުވެރިން ވެސް ދަނީ ރާއްޖޭގައި އިސްލާމީ ޝަރީއަތް ގާއިމުކުރުމަށް ގޮވާލަމުންނެވެ.

ދެ އަހަރުގެ ކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތުގައި ކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ މިހާރު ވަނީ ހައްޔަރުކޮށް ދޫނިދޫގައި ބަންދުކޮށްފަ އެވެ.

ރޭޕްގެ ޝިކާއަރަކައަށްވި އެ ތުއްތު ކުއްޖާ މަންމަ ފަރާތު ބޮޑުދައިތައެއްގެ ހަވާލުގައި ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުން ރޭ މާލެ ގެނެސް މިހާރު ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުންނެވެ.
ހިޔާލު