Evaruge Kameh adu ivumun hageegah hoadhan masaikaiy kuraakah nujehey?
image
1 ކޮމެންޓް
 

އެވަރުގެ ކަމެއް އަޑު އިވުމުން ހަގީގަށް ހޯދަން މަސައްކަތް ކުރަންކުރާކަށް ނުޖެހޭ؟

މިދިޔަ ހުކުރު ދުވަހު ދިވެހިން ސިއްސުވާލީ އުމުރުން ދެ އަހަރު ނުވާ އަންހެން ކުއްޖަކު ރޭޕްކޮށްލި ހަބަރާއެކު އެވެ. މިކަމަކީ ކުއްޖާގެ ކާފަ އާއި މުނި ކާފަ އަދި ބައްޕަގެ ފަރާތުން އެކުއްޖާއަށް ކުރިމަތިވި ކަމެއްކަމަށް އޭރު ހަބަރުތައް ބުނަމުންދިޔައިރު މިއީ ދިވެހިން ލޭ ކައްކުވާލި ހާދިސާއަކަށް ވެއްޖެ އެވެ. އަމިއްލަ ދަރިއަކު ރޭޕްކޮށްލި މީހަކު އެހެން މީހެއްގެ ދަރިއަކާ މެދު ވިސްނާނެތޯ ސުވާލު އުފައްދާ އެތައް ބަޔަކު ކުއްޖާގެ ހިމާޔަތުގައި ނިކުތީ ދެން މިކަން ކުރިމަތިވާނީ ކޮން އާއިލާއަކަށް ނިސްބަތްވާ ކޮން ކުއްޖަކަށް ނޭނގޭ ހާލު މިފަދަ ކަމެއް މުޖުތަމައުގައި ތަކުރާރުވާން ނޭދޭތީ އެވެ.
ގޭތެރޭގެ މާހައުލުގައި ވެސް ކުދިންނަށް ރައްކާތެރިކަަން ނެތްކަން މި ތުއްތު ކުއްޖާއަށް މި ދިމާވި ހާދިސާއާއެކު އެނގިގެންދާއިރު މިކަމުގައި އިހުމާލުވި ފަރާތްތަކަށް މިވަނީ ފާޑުކިޔުމާއި ރުޅިވެރިކަން އަމާޒުވެފަ އެވެ. ހަމައެއާއެކު މިކަމުގައި އެފަރާތްތަކުން ދައްކާ ވާހަކަތަކަށް ވެސް ގިނަ ބަޔަކު ފާޑުކިޔަމުންދަނީ އެނގިހުރެ ފިޔަވަޅެއް އަޅާފައި ނުވާތީ އެވެ.

މި މައްސަލަ މިހާރު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް ބަލަމުން އަންނައިރު ރޭ އެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮމިޓީގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ކަނޑުހުޅުދޫ ކައުންސިލުގެ ރައީސް އަހްމަދު ޝަހީމް ވަނީ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މީހާއާ ގުޅިގެން ރަށު ތެރޭގައި އެފަދަ އަޑުތަކެއް އެރި ކަމަށާއި ނަމަވެސް އެކަމުގެ ޝަކުވާއެއް ކައުންސިލަށް އެއްވެސް ބަޔަކު ހުށަނާޅާ ކަމަށް ވިދާޅުވެފަ އެވެ.

ތުއްތު ކުއްޖާ ރޭޕްކޮށްލުމުގެ ކުރިން ވެސް މިއަޑުތައް ރަށުތެރޭގައި އެރި ނަަމަވެސް ބަޔަކު މައްސަލަ ހުށަަނާޅާތީ އެކަން ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެންނަން ނުޖެހޭ ސަބަބެއް ނުފެނެ އެވެ. ރަށުގެ ވެރިއެއްގެ ހައިސިއްޔަތުން އެފަދަ އަޑެއް އަރައިފިނަމަ އެކަމުގެ ހަގީގަތް ހޯދުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރެވެ އެވެ.

އޭގެ އިތުރުން، ރަށުގައި ތުންތުން މަތިން އެފަދަ އަޑެއް އަރައިގެންދާނަމަ އެއީ ހަމައެކަނި އިވޭ އަޑަކަށް ހަދައި އެކަމުގެ ޝަކުވާތައް ޖޯލިތައް ދޮށުގައި ކުރުމުގެ ބަދަލުގައި ކަމަކާއި ޝައްކު އުފެދޭނަމަ އެ ވާހަކައެއް ކަމާއި ބެހޭ އިދާރާތަކަށް ހުށަހެޅުމަކީ އެފަދަ ހާލެއްގައި ދިރިއުޅެމުން އަންނަ ކުޑަ ކުއްޖަކަށް ވެދެވޭ ބޮޑު އެހީއަކަށް ވާނެ އެވެ. ޖިންސީ ފުރައްސާރަ ނުވަތަ ޖިންސީ ގޯނާކަމުގައި ވިޔަސް އެފަދަ ކަމެއް ކުރިމަތިވުމުން އެކުދިންނަށް ނަފްސާނީ ގޮތުން ވެސް އެކަމުގެ އަސަރުކާރެކަން މިއީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ލަދުން ނުވަތަ ބިރުން އެކުދިންނަށް އެފަދަ ކަމެއްގައި ވާހަކަ ދައްކަން ފަސްޖެހިފައިވާ ހާލަތެއްގައި ވެސް އެކަމުން އެކުދިން ސަލާމަތް ކުރުމަށް އެޅޭ އެއީ ބޮޑު އެހީއަކަށް ވާނެ އެވެ.

އެއް ޖޯލިން އަނެއް ޖޯއްޔަށް ވާހަކަ ހިފައިގެން ދިއުމުގެ ބަދަލުގައި ކަމާ ބެހޭ އިދާރާތައް ސަމާލުމަށް ގެނައުން ވަރަށް މުހިއްމެވެ. ނޫންނަމަ މުޖުތަމައުގެ ތެރެއަށް ދޫވެފައި ހުރި އެފަދަ މީހެއް ސަބަބުން ހިތި ތަޖުރިބާ ކުރަން ޖެހޭނީ ކޮން އާއިލާއެއްގެ ކޮން ކުއްޖެއް ކަމެއް ވެސް ނޭނގެ އެވެ.
ހިޔާލު

ޙަލެެމ

ނަން އިސްލާމުދީން ގާނޫނު ކަމުނުދާތި
މިބާވަތުގެ ކަންކަންހިނގަނި