Priyanka Ge Kaivenyah Nick Ge Beybe Loabiveriyaa Aaeku India Ah

ޕްރިޔަންކާގެ ކައިވެންޏަށް ނިކްގެ ބޭބެ ލޯބިވެރިޔާއާއެކު އިންޑިއާއަށް

image
ސޯފީ އާއި ޖޯއީ---
 
މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ހޮލީވުޑުގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ކައިވެނީގެ ހަފުލާގައި ބައިވެރިވުމަށް ނިކްގެ އެއްބަނޑު އެއްބަފާ ބޭބެ، ޖޯއީ ޖޯނަސް އޭނާގެ ލޯބިވެރިޔާ، ސޯފީ ޓާނާ އާއެކު އިންޑިއާއަށް ހިނގައްޖެއެވެ.
މިއީ އުމުރުން 29 އަހަރުގެ ޖޯއީ އިންޑިއާއަށް ދިޔަ ދެވަނަ ފަހަރެވެ. އެގޮތުން އޭނާ ވަނީ މިދިޔަ އޮގަސްޓު މަހުގެ ފަހު ކޮޅު އޭނާގެ ކޮއްކޮ ނިކް ރަސްމީކޮށް އެންގޭޖުވުމަށް އިންޑިއާގައި ބޭއްވި ހަފުލާއަށްވެސް ގޮސްފައެވެ. ނިކްގެ މަންމަ އާއި ބައްޕަވެސް ބައިވެރިވި އެ ހަފުލާއަށް އޭނާގެ ބޭބެ ކެވިން ޖޯނަސް ވެސް ދިޔައެވެ. ނަމަވެސް މިއީ ސޯފީ އިންޑިއާއަށް ދިޔަ ފުރަތަމަ ފަހަރެވެ.

ރޭގެ ވަގުތެއްގައި އިންޑިއާއަށް ޖޯއީ އާއި ސޯފީ ދިޔައިރު އެމީހުންނަށް މަރުހަބާ ކިޔުމަށް ޕްރިޔަންކާ ވަނީ މުމްބާއީ އެއާޕޯޓަށް ގޮސްފައެވެ. މިއީ އެ ކައިވެނީގައި ބައިވެރިވުމަށް ނިކްގެ އާއިލާ އިން އިންޑިއާއަށް ދިޔަ ފުރަތަމަ ދެ މީހުންނެވެ.

ޖޯއީއަކީ ވެސް ހޮލީވުޑުގެ މަޝްހޫރު ލަވަކިޔުންތެރިއެކެވެ. އަދި އެކްޓަރެއް ވެސް މެއެވެ. އޭނާގެ ލޯބިވެރިޔާއަކީ ވެސް ހޮލީވުޑިގެ މަޝްހޫރު ތަރިއެކެވެ. އެގޮތުން މަޝްހޫރު ސީރީޒް "ގޭމް އޮފް ތްރޯންސް" ގައި އޭނާ ފެނިފައި ވެއެވެ.

އުމުރުން 36 އަހަރުގެ ޕްރިޔަންކާ އާއި 26 އަހަރުގެ ނިކްގެ ކައިވެނީގެ ހަފުލާގައި ބައިވެރިވުމަށް ނިކްގެ މައިންބަފައިންވެސް އިންޑިއާއަށް ދާން ނިންމާފައިވެއެވެ. ނަމަވެސް އެމީހުން އިންޑިއާއަށް ދާނީ ކޮން ދުވަހަކުކަން އެނގިފައެއް ނުވެއެވެ.

އިންޑިއާގެ ޖޯދްޕޫރުގެ އުމައިދު ބާވަން ޕެލަސްގައި ޕްރިޔަންކާ އާއި ނިކް ކައިވެނި ކުރަން ނިންމާފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހެވެ. ނަމަވެސް ކައިވެނީގެ ކުރިން އިންޑިއާގައި ބާއްވަމުން އަންނަ ހަފުލާތައް ކަމަށްވާ ސަންގީތާއި މެހެންދީ ހަފުލާ އަންނަ ބުރާސްފަތި ދުވަހު ފެށޭނެއެވެ.

- ކައިވެނީގެ ހަފުލާ އޮންނަ ޕެލަސް

ނިކް އާއި ޕްރިޔަންކާ ފުރަތަމަ ފަހަރަށް ބައްދަލުވީ މިދިޔަ އަހަރުގެ މެޓް ގާލާ އިންނެވެ.
0 ކޮމެންޓް
ހިޔާލު