REPORT: Kulhudhuffushi Hospital 25 aharu fahathah!

ކުޅުދުއްފުށި ހޮސްޕިޓަލު 25 އަހަރު ފަހަތަށް؟

image
ކުޅުދުއްފުށީ ހޮސްޕިޓަލް-- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން
ފައުޒާ މުހައްމަދު
 
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ރާއްޖޭގެ އެންމެ އުތުރުގައި ދިރިއުޅޭ ރައްޔިތުންގެ ސިއްހީ ހިދުމަތަށް ހާއްސަކޮށްގެން 1982 ވަނަ އަހަރު އެޅި ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލަށް މިހާރު 37 އަހަރު ވެފައި ވާއިރު، އެތަނަށް ހިދުމަތް ހޯދަން ދާ އުތުރުގެ ތިން އަތޮޅުގެ ރައްޔިތުންގެ ޝަކުވާތަކަށް އަދިވެސް ހައްލެއް ނެތެވެ.
އެންމެ އުތުރުން ހއ. ހދ އަދި ށ. އަތޮޅުގެ މީހުން ބޭސް ފަރުވާއަށް ދަތުރު ކުރަނީ ކުޅުދުއްފުއްޓަށެވެ. އެއީ ހއ. އަތޮޅުގެ 13،004 މީހުންނާއި، ހދ. އަތޮޅުގެ 18،570 މީހުންނާއި ށ. އަތޮޅުގެ 12،127 މީހުންނާއެކު ޖުމްލަ 43،701 މީހުންނެވެ. އެންމެ ފަހުން 2014 ވަނަ އަހަރު ހެދި ބޯހިމެނުމަށް ބަލާނަމަ، އެއީ ރާއްޖޭގެ ޖުމްލަ ދިވެހިންގެ އާބާދީގެ 12.7 އިންސައްތަ މީހުންނެވެ.

ޒަމާނުއްސުރެ ތިލަދުންމަތީގެ ވިޔަފާރީގެ މަރުކަޒު ކަމަށްވާ، ކުޅުދުއްފުއްޓަކީ ވެސް އާބާދީ ބޮޑު ރަށެކެވެ. ޖުމްލަ 10،150 މީހުން އެ ރަށުގެ ރަޖިސްޓްރީގައި އޮންނައިރު، އެކި ރަށްރަށުން ވިޔަފާރި އާއި ވަޒީފާގެ ބޭނުމަށް ކުޅުދުއްފުށީގައި އުޅޭ މީހުންނާއެކު ޖުމްލަ އާބާދީ 12،000 އަށް ވުރެ މަތިވާނެ ކަމަށް ކައުންސިލުން ލަފާ ކުރެ އެވެ.

އޭގެ އިތުރަށް ކޮންމެ ދުވަހަކު ވެސް އެވްރެޖުކޮށް 500 އާއި 700 އާ ދެމެދުގެ އަދަދަކަށް މީހުން ކުޅުދުއްފުއްޓަށް ދަތުރު ކުރެ އެވެ. އާބާދީ ބޮޑު ތިލަދުންމަތީގެ އެންމެންގެ ތެރެއިން ދުވާލެއްގެ މައްޗަށް އެވްރެޖު ގޮތެއްގައި 310 މީހުން ހޮސްޕިޓަލުން ފަރުވާ ހޯދާ ކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނެ އެވެ. އަދި އެވްރެޖު ގޮތެއްގައި މަހެއްގެ މައްޗަށް ގާތްގަނޑަކަށް 19 މީހުން ފަރުވާއަށް މާލެ ފޮނުވަން ޖެހެ އެވެ.

މާލެ ފޮނުވަން ޖެހެނީ ކީއްވެ؟

ކުޅުދުއްފުށި ހޮސްޕިޓަލުގެ ހިދުމަތުގެ ފެންވަރާ މެދު އާއްމުން އަބަދުވެސް ޝަކުވާ ކުރެ އެވެ. ބޮޑު ސަރަހައްދީ ހޮސްޕިޓަލެއްގައި ޑިމާންޑާ އެއް ވަރަށް ޑޮކްޓަރުން ނެތުމާއި، ވަސީލަތްތައް ނެތުމުގެ އިތުރުން، ޑޮކްޓަރުންގެ ހިދުމާއި ވަސީލަތްތަކާ މެދު އިތުބާރު ނެތުމުގެ މައްސަލަ ބޮޑެވެ.

"އަޅުގަނޑުގެ އަންހެނުން ހުރީ ވިހަން ވެފައި. ކުޅުދުއްފުށީ ހޮސްޕިޓަލުގެ ވިއްސަން ހުރި ޑޮކްޓަރު ބުނީ މިތަނަކު ނެތޭ ގޯހެއް ވެއްޖެ ނަމަ ވަސީލަތެއް! ދެން ދާންވީ މާލެ. ޑޮކްޓަރުން ތިބިއްޔާ ވަސޭލަތެއް ނެތް. ވަސީލަތެއް ހުރިއްޔާ ޑޮކްޓަރެއް ނެތް،" ސޯޝަލް މީޑިއާގައި މީހަކު ކަންބޮޑުވުން ފާޅުކުރަމުން ބުންޏެވެ.

"އަހަރެން ދިޔައީ މަންމަ ބަލިކަމުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ދައްކަން. އެތަނަށް ގޮސް ދެއްކީމަ ބުނީ އެނދެއް ނެތޭ، ފުރިފައޭ، މަޑުކުރާށޭ. މިއީ ދެން ވަރަށް ހިތާމަ ހުރި ކަމެއް. މިކަމަށް އަވަސް ހައްލެއް ބޭނުންވޭ،" ކުޅުދުއްފުށި ހޮސްޕިޓަލުން ހިދުމަތް ހޯދަން ދިޔަ މީހަކަށް ދިމާވި ހާދިސާއެއް ސީއެންއެމްއާ ހިއްސާކުރަމުން ބުންޏެވެ."ފާހާނައިގެ ދަތިކަން އިންތިހާއަށް ބޮޑު. ހޮސްޕިޓަލުގައި އިންނަނީ އެންމެ ދެ ފާހާނަ. ފާހާނަ ބޭނުން ކުރަން އެތައް އިރެއް ވަންދެން އެތަނުގައި ކިއުގައި ހުންނަން ޖެހޭ. ބައެއް ފަހަރު ރުޅިގަދަވެގެން އެތަނުގެ ކައިރީގައި ހުންނަ ހޮޓާތަކަށް ވެސް ދަން. ދެން އަދި ޔޫރިން ޓެސްޓު ހަދަން ދާ މީހާ ވެސް އެ ފާހާނަ ބޭނުން ކުރަން ޖެހެނީ. ވަރަށް އުނދަގޫ އަސްލު މިކަންތައް،" އިތުރު މީހަކު ބުންޏެވެ.

"ކުޅުދުއްފުށީ ހޮސްޕީޓަލުގެ ހިދުމަތް ވަރަށް ދަށް. ގިނަ ފަހަރު ހަމަ މާލެ މި އަންނަން ޖެހެނީ ބޭނުންވާ ވަސީލަތް ނުހުންނާތީ، ނޫނީ ޑޮކްޓަރުން ނުތިބޭތީ. މާލެ އަންނަން ވީމަ ވަރަށް ބޮޑު ހަރަދެއްދޭ. މިކަމަށް އަވަސް ހައްލެއް ބޭނުންވޭ،" ސީއެންއެމްއާ ވާހަކަ ދެއްކި އެހެން މީހަކު ބުންޏެވެ.މިއީ އަތޮޅު ތެރޭގައި ސްޕެޝަލިސްޓުންގެ ހިދުމަތް ލިބޭ ހަމައެކަނި ހޮސްޕިޓަލުގެ ހާލަތެވެ. ޖުމްލަ 210 މުވައްޒަފުންނާއެކު ހިދުމަތް ދެމުންދާ ހޮސްޕިޓަލުގެ ޑޮކްޓަރުން މަސައްކަތް ކުރަނީ 24 ގަޑިއިރު އާއްމުންނަށް ހިދުމަތް ދިނުމަށެވެ. މާލެ ނުގޮސް ރަނގަޅު ހިދުމަތް ލިބުމަށް އާއްމުންގެ ތަކުރާރުކޮށް އެދެމުން ދާއިރު، ކުޅުދުއްފުށި ކައުންސިލުގެ ގޮވާލުމަކީ ވެސް އެއީ އެވެ.

ފަންސަވީސް އަހަރު ފަހަތަށް ހާލަތު ހިނގައްޖެ!

ކުޅުދުއްފުށި ކައުންސިލުގެ ރައީސް އަބްދުއް ލަތީފް ހަސަން ސީއެންއެމްއަށް ވިދާޅުވީ ކުޅުދުއްފުށި ހޮސްޕިޓަލުގެ ހާލަތު ރަނގަޅު ވުމަކީ މުޅި އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެން ދާނެ ކުރިއެރުމެއް ކަމަށެވެ.

ސީއެންއެމް އަށް މައުލޫމާތު ދެމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއް ލަތީފު ހަސަން ވިދާޅުވީ ހޮސްޕިޓަލުގެ ހިދުމަތްތައް ރަނގަޅުވުމަކީ އެސަރަހައްދުގެ މީހުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ރަނގަޅެއް ކަމަށެވެ.

"ހޮސްޕިޓަލަކީ މީގެ 25 އަހަރު ކުރީގައި 50 އެނދުގެ ހޮސްޕިޓަލެއް. އެހެން ނަމަވެސް މިހާރު ވޯޑުތަކާއި އެއްޗެހި ތަޅާލާ، އެނދުތައް ވަރަށް ބޮޑުތަނުން މަދުވެފައި އެ ހުރީ. ގާތްގަނޑަކަށް 30 އެނދަށް ވެފައި އެ ހުރީ. އެހެންވީމަ 25 އަހަރުގެ ފަހަތަށް ހޮސްޕިޓަލުގެ ހާލަތު ވެއްޓިފައި މިއޮތީ އެނދަށް ބަލާއިރު. ދެން ހުރި ބައެއް ހިދުމަތްތައް ވެސް ދޭން އެ ޖެހެނީ އިމާރާތުގެ ދަތިކަމާ ހެދި ވަރަށް ދަތިކޮށް. ހޮސްޕިޓަލުގެ ހިދުމަތްތައް ރަނގަޅުވުމަކީ މިސަރަހައްދުގެ މީހުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ރަނގަޅެއް. ނަމަވެސް އަދި އަޅުގަނޑުމެންނާ ހިއްސާކޮށްފައެއް ނެތް ރަސްމީކޮށް ހޮސްޕިޓަލުގެ ތަރައްގީއާ ބެހޭ ކަންތައްތަކެއް. އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އެބަހުރި ހޮސްޕިޓަލުގެ އާ އިމާރާތަށް މަސައްކަތް ކުރާކަން. އެހެން ނަމަވެސް ރަސްމީކޮށް އަންގާފައެއް ނެތް،" އަބްދުއް ލަތީފު ހަސަން ވިދާޅުވި އެވެ.އޭނާ ވިދާޅުވީ ކައުންސިލަށް އެންމެ ގިނައިން ލިބޭ ޝަކުވާއަކީ ޑޮކްޓަރު ޗުއްޓީއަށް ދިޔުމުން ހިދުމަތް ދޭނެ މީހަކު ނުހުންނަ މައްސަލަ ކަމަށެވެ. އޭގެ އިތުރުން މެޝިނުތައް މައްސަލަ ޖެހި ހައްލު ނުކުރެވި ގިނަ ދުވަސް ވުމަކީ ވެސް ކައުންސިލަށް އާއްމުކޮށް ލިބޭ ޝަކުވާއެކެވެ. ދެން ދިމާވާ މައްސަލައަކީ އެނދުތައް ފުރިގެން އެޑްމިޓު ކުރާނެ ޖާގަ ނުހުންނަ މައްސަލަ އެވެ.

"ތިން އަތޮޅުގެ މީހުން ބޭނުން ކުރާ ހޮސްޕިޓަލަކަށް ވެފައި ރާއްޖެ ތެރޭގެ ގިނަ މީހުން ހިދުމަތް ހޯދާ ހޮސްޕިޓަލަކަށް ވާއިރު އެކަށީގެންވާ ހިދުމަތްތަކެއް ލިބެން ބޭނުންވާކަން ކައުންސިލުން ފާހަގަކޮށްލަން ބޭނުން،" އަބްދުއް ލަތީފު ހަސަން ވިދާޅުވި އެވެ.

ހޮސްޕިޓަލުން އޮތީ ހައްލު ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި!

ކުޅުދުއްފުށި ހޮސްޕިޓަލު ހިންގެވުމާ ހަވާލުވެ ހުންނެވި ހަދީޖާ އަލީ ސީއެންއެމްއަށް ވިދާޅުވި ގޮތުގައި މިހާރު ދިމާވެފައިވާ ދަތިތަކުގެ ތެރޭގައި ބަލިމީހުން އެޑްމިޑު ކުރާނެ އެނދު އެކަށީގެންވާ މިންވަރަށް ނެތުމާއި، ބޭނުންވާ މިންވަރަށް ޑޮކްޓަރުން ނެތުމާއި، ޕްރައިވެޓް ރޫމާއި ފާހާނާ މަދުވުން ހިމެނެ އެވެ.

"މިދިޔަ އަހަރަށް ބަލާއިރު ސީޓީގެ މަސައްކަތް ފެށިފައި އޮތީ. މިހާރު ސީޓީ ނެގޭ. އެކަމަކު ރަސްމީކޮށް ނުހުޅުވި ނަމަވެސް ސީޓީ ނުހެދިގެން މީހަކު މާލެ ފޮނުވާކަށް ނުޖެހޭ. އަދި މިހާރު ކާޑިއެކް ސެންޓަރު ވޯކް ހަމަ ޕްރޮސެސްގައި އުޅެނީ. އިންފްރަސުޓްރަކްޗާގެ މަސައްކަތް އެއީ. އެކަން ނިމޭނެ ކުރިއަށް އޮތް އެއް މަސް ތެރޭގައި،" ހަދީޖާ ވިދާޅުވި އެވެ.

ހަދީޖާ ދެކޭ ގޮތުގައި ބައެއް ހިދުމަތްތަކާ މެދު އާއްމުން ހިތްހަމަނުޖެހުނު ނަމަވެސް، ހިދުމަތްތައް ރަނގަޅުވެގެން އެ ވާހަކަ ދައްކާ ފަހަރު ވެސް އާދެ އެވެ. ހަދީޖާ މި ވަގުތު ހުރީ ހެލްތު މިނިސްޓްރީން އިއުލާނުކޮށްފައިވާ ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ އިންތިޒާރުގަ އެވެ.

އޭނާ ގަބޫލު ކުރާ ގޮތުގައި ހޮސްޕިޓަލް އަޕްގުރޭޑު ކުރުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެން ދާނެ އެވެ. އެގޮތުން މިހާރު ވަރަށް ގިނަ މަގާމުތަކަށް (ޑޮކްޓަރުންނާއި އެހެން މުވައްޒަފުން ހޯދުމަށް) އިއުލާނުކޮށްފައިވާ ކަމަށާއި، އެކަމަކު އަދި އެކަން އޮތީ ލިޔެކިޔުމުގެ މަރުހަލާގައި ކަމަށް ހަދީޖާ ވިދާޅުވި އެވެ.

ކުރިން ދެއްކި ހުވަފެނުގައި ކުލައެއް ނުޖެއްސުނު!

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ތަރައްގީ ކުރުމަށް އިންޑިއާ ނިމްސް ހޮސްޕިޓަލާ ހަވާލުކޮށްފަ އެވެ. ޖުމްލަ 150 އެނދުގެ މޮޅު ހޮސްޕިޓަލަކަށް އެތަން ހެދުމުގެ ވިސްނުމުގައި ޖޫން 21، 2017 ގައި ނިމްސް އާ ހަވާލުކުރީ އެއް އަހަރާއި ހަތަރު މަހުގެ ތެރޭގައި މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލަށް ބަދަލު ކުރަން އެއްބަސްވުމުންނެވެ.އެކަމަކު އެ ފޮނި ހުވަފެނުގައި ވެސް ކުލައެއް ނުޖެއްސުނެވެ. މަސައްކަތް ކުރިއަށް ނުގޮސް ލަސްވާތީ، ނިމްސް އަށް ފާޑުކިޔުން އަމާޒުވުމުން، އެ ފަރާތުން ބުނީ ހޮސްޕިޓަލުގެ އިސްވެރިން ރަނގަޅަށް މައުލޫމާތު ނުދޭ ކަމަށާއި ކުންފުނީގެ ބޭންކު އެކައުންޓެއް ރާއްޖޭގައި ހުޅުވުން ލަސްވާތީ، ފައިސާ ފޮނުވަން ޖެހެނީ ސީދާ ޑައިރެކްޓަރުގެ އެކައުންޓަށް ކަމަށެވެ.

އެގޮތުން ހޮސްޕިޓަލުގެ ތަރައްގީގެ މަސައްކަތްތައް ބޭނުންވާ 130،000 އެމެރިކާ ޑޮލަރު ހަ މަހުގެ ތެރޭގައި ހޮސްޕިޓަލުގެ ޑިރެކްޓަރު އަލީ އުސައިދުގެ އެކައުންޓަށް ފޮނުވާފައިވާނެ ކަމަށް ނިމްސް އިން ބުނެފައި ވެއެވެ. އެކަމަކު އުސައިދު ވަނީ އެކަން ދޮގުކޮށްފަ އެވެ. އެންމެ ފަހުން ނިމްސްއާއެކު ވެފައިވާ އެއްބަސްވުން އުވާލީ އެވެ. އެކަން ހެލްތު މިނިސްޓްރީން ކަށަވަރުކޮށްދިން ނަމަވެސް، އެއްބަސްވުން އުވާލި ތާރީހެއް ހާމައެއް ނުކުރެ އެވެ.

އާ ހުވަފެންތަކެއް، މިފަހަރު ކުލަ ޖެއްސޭނެ ބާ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރާއްޖޭގެ ފަސް ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް ނިންމާފަ އެވެ. އެގޮތުން އެ ހޮސްޕިޓަލުތައް ތަރައްގީ ކުރެވުމުން ބޭސް ފަރުވާއަށް މާލެ އައުމުގެ ބަދަލުގައި އަތުޅު ތެރެއިން ފެންވަރު ރަނގަޅު ހިދުމަތްތަކެއް ރައްޔިތުންނަށް ލިބޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އެ ފަސް ހޮސްޕިޓަލުގެ ތެރޭގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ހިމެނެ އެވެ. ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އެ ފަސް ހޮސްޕިޓަލް ތަރައްގީ ކުރާއިރު، އެ ސަރަހައްދަކަށް ބޭނުންވާ ސިއްހީ ހުރިހާ ހިދުމަތެއް އެ ތަންތަނުން ލިބޭ ވަރަށް ތަރައްގީ ކުރާނެ ކަމަށެވެ."ސްޕެޝަލިސްޓު ޑޮކްޓަރުންނާއި، ތަހުލީލު ކުރެވޭނެ ގޮތްތަކާއި، އަދި ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމުތައް ފުރިހަމަ ކުރުމާއި، މިހާރު އެ ހޮސްޕިޓަލުތައް ހުންނަ ސަރަހައްދުތަކުން މާލެ އަށް މީހުން އަންނަން ޖެހެނީ ކޮން ކަންތައްތަކަކަށްތޯ ބަލައި އެކަންކަން ހައްލު ކުރުން،" އަމީން ވިދާޅުވި އެވެ.

އެ ފޮނި ހުވަފެނާ މެދު އުއްމީދު ބޮޑު ވަނީ އެ މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެހި، މަސައްކަތް ފަށައި ގަނެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވާތީ އެވެ. މިނިސްޓަރު އަމީނު ޖޫން 16، 2019 ގައި ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ދެ، ތިން މަސް ތެރޭގައި ނަތީޖާ ފެންނަން ފަށާނެ ކަމަށެވެ.

އެ ވާހަކަ އިއުލާނު ކުރިތާ ތިން މަސް ވާނީ ސެޕްޓެމްބަރު 16 އަށެވެ. އެކަމަކު ކުޅުދުއްފުށި ހޮސްޕިޓަލުން ހަދީޖާ ވިދާޅުވާ ގޮތުން ނަމަ، މަސައްކަތް އަދި ގޮސްފައި ވަނީ ހަމައެކަނި "ޑޮކިޔުމެންޓްސް" އާ ހަމައަށެވެ. އެހެންކަމުން މިފަހަރު ދެއްކި ހުވަފެނުގައި ކުލަ ޖެއްސޭނެތޯ، އެއީ ތިލަދުންމަތީ ރައްޔިތުންގެ ބޮޑު ސުވާލެކެވެ.
3 ކޮމެންޓް
ހިޔާލު

އަތޮޅޭ

ކުޅުދުއްފުށީ ހޮސްޕިޓަލްގެ ވެރިންނަށް ކުޅުދުއްފުށީމީހުން ތިބިހާދުވަހަކު ތިތަން ރަންގަޅެއްނުވާނެ، ތީ ވަރަށް ......ބައެއްއުޅޭ ރަށެއް،

ހުސޭނު

ތިޔައީ އައި ސީ ޔޫ ގައި ބަލިމީހާ ނޭވާ ހޮޅިޔަށް އެޅިފައި އޮންނައިރު އެތަނުގެ ތެރޭގައި އުފަންދުވަސް ފާހަގަކޮށް ހީ ސަކަރާތްޖަހާތަނެއް. ތިޔަތަނުގެ ވާހަހަކަ ދެއްކުމަށްވުރެ ރަނގަޅުވާނެ. މަތިން އުދުހެމުން ދިޔަ ކާޅެއް ގަޔަށް ގުއިރިން ވާހަކަ ދެއްކިޔަސް!

ގުރާ

ކުޅުދުއްފުށީ ހޮސްޕިޓަލަށް ކުރިއަށްއޮތްތަނުގަ މާކަގިނަމީހުނެއް ނުދާނެ ހިދުމަތް ހޯދާކަށް. ސަބަބަކީ ހ.އ ހ.ދ ށ ނ ގަ އެތައް ހޮސްޕިޓަލްތަކެއް އެޅުމުގެ މަސައްކަތް އެއޮތީ ފެށިފަ. ކުޅުދުއްފުށީ މީހުންވެސް އެހޮސްޕިޓަލްތަކުން ފަރުވާ ހޯދީމަ ރަނގަޅުވާނެ.