REPORT: Kulhudhuffushi Airport ah ahareh, hidhumaiy thah adhives sumehga!

ކުޅުދުއްފުށި އެއާޕޯޓަށް އަހަރެއް، ހިދުމަތްތައް އަދިވެސް ސުމެއްގައި!

image
ކުޅުދުއްފުށީ އެއާޕޯޓަށް ފްލައިޓެއް ޖައްސާ މަންޒަރު ބަލަން ބަޔަކު މަޑުކޮށްލައިގެން-- ފޮޓޯ: ކުޅުދުއްފުށީ އެއާޕޯޓް/ ފޭސްބުކް
މާއިދާ މުހައްމަދު ރަޝާދު
 
މިދިޔަ އޮގަސްޓު މަހުގެ ކުރިއެވެ. އެއީ ދޫނިތަކުގެ ހާއްޔެކެވެ. އާމްދަނީ ހޯދުމަށް އަންހެންވެރިން ބޮނބިތަޅައި ރޯނުގެ ވިޔަފާރި ވެސް ކުރަމުން އައި ތަނެކެވެ. ރަށްރަށުން ހދ. ކުޅުދުފުއްޓަށް ޒިޔާރަތް ކުރާ މީހުން އެތަނެއް ބަލާލުމަށް ވެސް ގޮސް ހެދި ތަނެކެވެ. މިއަދު އެ މަންޒަރު ބަދަލުވެއްޖެ އެވެ. އުތުރުގެ ބޮޑު ރަމްޒެއްގެ ގޮތުގައި އޮތް މަށި ކުޅީގެ ހަ ހެކްޓަރަށް ވެލި އަޅާ އެ ގުދުރަތީ ރީތި މަންޒަރު ގެއްލުވާލީ އެވެ.
ތިމާވެށީގެ ގޮތުން މުހިއްމު ކުޅިއެކެވެ. އެތަން ހިއްކުމަށް ތިމާވެއްޓަށް ލޯބި ކުރާ އެތައް ބަޔަކު ދެކޮޅު ހަދައި އަޑު އުފުލަމުން ދިޔަ ނަމަވެސް "ތަރައްގީ" އަށް ފެން ބޮވައި ގަނެފައި ތިބި މީހުން ގޮތެއް ދުލެއް ނުކުރި އެވެ. ކޮންމެ ގޮތަކަށް ވިޔަސް ބޭނުންވީ އެއާޕޯޓެކެވެ. އެހެންކަމުން، އެއާޕޯޓު އެޅޭނީ ކުޅި ހިއްކައިގެން ކަމަށް ބުނުމުން ވެސް އެކަމަށް އާބަސް ބުނީ އެވެ.

އެއާޕޯޓާއެކު ފަހި ފުރުސަތުތަކެއް!

ކަމެއް ހާސިލުވާނީ ގުރުބާނީތަކެއް ވެސް ވެގެންނޭ ބުނާތީ އަހަމެވެ. ކުޅުދުއްފުށީ ރައްޔިތުން ވެސް ގަބޫލުކުރި އެއް ކަމަކީ އެއީއެވެ. ކުޅި ހިއްކައިގެން ނަމަވެސް އެއާޕޯޓު އެޅުމުން ރަށުގެ ތަރައްގީ އާއި ވަޒީފާގެ ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމުގެ އުއްމީދުގައެވެ. ލޯންޗެއްގައި 50 ހަކަށް މިނެޓުގެ ދަތުރެއްކޮށް ބޮޑު އަގުގައި އެއަތޮޅު ހަނިމާދޫގައި އޮތް އެއާޕޯޓަށް ދާން ނުޖެހޭނެ ކަމުގެ އުއްމީދާ ވެސް އެކުއެވެ.

ކުޅުދުއްފުއްޓަކީ 10،100 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެކަމަކު އެ ރަށަކީ އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމުން އެރަށުން ލިބޭ ހިދުމަތްތައް ހޯދުމަށް އިތުރު 2000 އެއްހާ މީހުން ވެސް އެރަށުގައި އަންނަނީ ދިރިއުޅެމުންނެވެ.

އެރަށާއި އެންމެ ކައިރީގައި އޮންނަ ނޮޅިވަރަމާއި އަދިވެސް އެ އަތޮޅުގެ ރަށްތަކުން ދުވާލެއްގެ މައްޗަށް 500 އާއި 1000 އާ ދެމެދުގެ އަދަދަކަށް މީހުން ކުޅުދުފުއްޓަށް އަރައެވެ. އެއީ ސިއްހީ ހިދުމަތާއި ވިޔަފާރިއާ އަދި ވެސް އެކި ބޭނުންތަކަށް ރަށަށް އަރާ މީހުންނެވެ. އަދި އެއާޕޯޓާއެކު އެރަށަށް ހިދުމަތް ހޯދުމަށްދާ މީހުންގެ އަދަދު ވެސް އިތުރުވެއްޖެ އެވެ.

ހިދުމަތްތަކާ މެދު ރައްޔިތުން މާޔޫސްވެފައި!

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެރަށުގައި ތަރައްގީ ކުރި އެއާޕޯޓު ރަސްމީކޮށް އެމަނިކުފާނު ހުޅުއްވައިދެއްވީ ރަންވޭގެ މަސައްކަތް އެކަނި ނިންމުމަށް ފަހެވެ. އަވަސް އަރުވާލައިގެން އެތަން ހުޅުވީ ޓާމިނަލާއި އަދި ވެސް އިތުރު މަސައްކަތްތަކެއް ނުނިމެނީހެވެ.

- އެއާޕޯޓު ހުޅުއްވައިދެއްވާ ރައީސް ޔާމީނު، އެރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަނީ -- ފޮޓޯ: އަވަސް

- އެއާޕޯޓުން ދަތުރުތައް ފަށައިގެންއިރު މީހުންގެ އަތްދަބަސް ޗެކު ކުރަމުން އައި ގޮތް، އޭރު ނިމުފައި އޮތީ ރަންވޭ މަސައްކަތް އެކަނި

ރިޔާސީ އިންތިހާބުގެ އެއް ދުވަސް ކުރިން މަތިންދާބޯޓުގައި ރައީސް ޔާމީން އެ ރަށަށް ވަޑައިގެން އެތަން ހުޅުއްވައިދެއްވިއިރު މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް އެތަނުގައި ޖެއްސީ އެންމެ ބޯޓެކެވެ. އޭގެ ފަހުން ގިނަ ދުވަސްތަކެއް ވަންދެން އެތަނުގައި މަސައްކަތެއް ކުރިއަށް ނުގޮސް އޮތުމުން މީހުން ވަނީ ރަންވޭ ކަސްރަތު ކުރާ ޓްރެކެއްގެ ގޮތުގައި ވެސް ބޭނުންކޮށްފައެވެ.

ރައީސް ޔާމީނުގެ ވެރިކަން ނިމި އާ ސަރުކަރަށް ނުވަ މަސް ފާއިތުވެފައި ވާއިރު އެތަނުގެ ތަރައްގީގެ ސްޕީޑާ ގުޅިގެން ރައްޔިތުން ތިބީ މާޔޫސް ކަމެއްގައެވެ. އެއާޕޯޓުގައި ޓާމިނަލެއް އަޅައި މިދިޔަ އޮގަސްޓު މަހުގެ ނުވަވަނަ ދުވަހު ޝެޑިއުލް ދަތުރުތައް ފެށި ނަމަވެސް ހިދުމަތުގެ ފެންވަރާ މެދު ވެސް ރައްޔިތުން އެހާ ހިތްހަމައެއް ނުޖެހެ އެވެ.

- ހިދުމަތް ދޭން ފެށިއިރު އެއާޕޯޓުގެ ބޯޑިން ޕާސް ގަލަމުން ލިޔެފައިވާތީ ވެސް ހިދުމަތް ހޯދި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި-- ފޮޓޯ: ހަމީ ހަމިއްޓެ/ ފޭސްބުކް

އެކަމާ ގުޅޭ ގޮތުން އެރަށު ކައުންސިލުގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ ސަރުކާރު ބަދަލުވި ފަހުން ވެސް އެކަށީގެންވާ ގޮތެއްގައި އެތަން ތަރައްގީ ކުރެވުމުގެ މަސައްކަތް ނުދާ ކަމަށެވެ.

"ރަށުގެ އިގްތިސޯދަށާއި ރަށުގަ ދިރިއުޅޭ ރައްޔިތުންނަށް ހދ. އަތޮޅުގެ އެންމެނަށް ފައިދާކުރާނެ ޕްރޮޖެކްޓެއް މިއީ. ރައީސް ޔާމީނުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ހުޅުވިފަ، ދެން މި ސަރުކާރަށް ވީ ފަހުން ވެސް މިވީ ދުވަސްތަކުގަ އެންމެ އެކަށީގެންވާ ސްޕީޑެއްގަ އެއާޕޯޓު ތަރައްގީ ކުރުމުގެ އެންމެހާ މަސައްކަތް ކުރެވެމުން ނުދޭ. ދެން އެހެންވީމަ އަޅުގަނޑުމެން އަބަދުވެސް މިދަނީ ސަރުކާރުތަކުގައި އެދެމުން އެ ޕްރޮޖެކްޓު ފުރިހަމަ ކޮށްދޭން،" ލަތީފް ވިދާޅުވި އެވެ.

އެއާޕޯޓާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވަމުން ލަތީފް ވިދާޅުވީ، އެއާޕޯޓު ޑިޒައިނިންގައި ވެސް ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށާއި އަދި ޓާމިނަލެއް ތަރައްގީ ކުރެވުނު ނަމަވެސް އެއާޕޯޓަށް މީހުން ބަލާދާ މީހުންނަށް ވެސް ހިޔާވެވޭނެ ގޮތަށް ތަނެއް ހެދިފައި ނުވާ ކަމަށެވެ. ހަމައެއާއެކު، ފަސެންޖަރުންނަށް ހާއްސަކޮށް ފާހާނާ ހުރި ނަމަވެސް އެތަނަށް މީހުން ފުރުވުމަށާއި އަދި ބޭލުމަށްދާ މީހުންނަށް ބޭނުން ކުރެވޭ ގޮތަށް ފާހާނާއެއް ވެސް ނެތުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޖުމްލަ 1،200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް އެރަށުގައި ތަރައްގީ ކުރެވިފައިވާއިރު އެ ތަނުގައި ތަރައްގީކޮށްފައިވާ ޓާމިނަލް ވެސް އެހާ ގިނަ ބަޔަކު ބޭނުންކުރާ އެއާޕޯޓަކާ އަޅާ ބަލާ ކުޑަ ކަމަށް ލަތީފް ވިދާޅުވި އެވެ.

"އެއާޕޯޓަށް ގާތް ކުރާ ފަރާތްތަކަށް ޕަބްލިކް ފާހާނާއެއް ނެތް. މިކަހަލަ ކަންތައްތަކެއް އެބަހުރި. ދެން އަނެއްކާ އޭވިއޭޝަން ޓަވަރު ވެސް ހެދިފައެއް ނެތް. މިކަހަލަ އެތައް ކަމެއް އެބަހުރި ފުރިހަމަ ކުރަން ޖެހޭ. ފެންސު ޖެހުމަށްޓަކައި ކުރަން ޖެހޭ ކަންތައް ވެސް އަދި ނިމިފައެއް ނުވޭ. އަޅުގަނޑުމެން ކައުންސިލުން އެދެނީ ވީހާ ވެސް އަވަހަކަށް މިކަންކަން ނިމުމަށް،" އޭނާ ފާހަގަކުރެއްވި އެވެ.

- ކުޅުދުއްފުށީ އެއާޕޯޓް-- ފޮޓޯ: އެމްބީއެސް

އެއާޕޯޓުގައި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރެއް ވެސް މިހާތަނަށް ގާއިމުކުރެވިފައި ނުވާތީ އެކަމާ ވެސް ކަންބޮޑުވުން ފާޅުކުރިއެވެ. ޓަވަރެއް އަދި އެރަށުގައި ނެތުމުން އެ ހިދުމަތް ދެނީ ކައިރީގައި އޮންނަ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ރޭގަނޑުގެ ފަލައިޓުތައް ވެސް އެއާޕޯޓަށް ނުޖެއްސޭ ސަބަބަކީ އެއީއެވެ.

ރީޖަނަލް އެއާޕޯޓުން ހިންގަމުން އަންނަ އެ އެއާޕޯޓަށް އަދި ދަތުރުތައް ކުރަނީ މޯލްޑިވިއަނުން އެކަންޏެވެ.

މޯލްޑިވިއަން އިން ކުޅުދުއްފުއްޓަށް ކުރާ ދަތުރުތަކުގެ ޓިކެޓު ވިއްކަމުން އައީ ގޮތާ މެދު ވެސް ކުރިން ހިތްހަމަ ނުޖެހުންތަކެއް ހުއްޓެވެ. އެކަމަކު މިހާރު ރަށުގައި ޓިކެޓު އޮފީހެއް ވެސް ގާއިމުކޮށް، އޮންލައިންކޮށް ވެސް އަންނަނީ ޓިކެޓު ވިއްކަމުންނެވެ.

"އެންމެ ޑިމާންޑު ބޮޑު އެއް ސަރަހައްދު މިއީ. މާލެއަށް ފެރީ ދަތުރުތައް، ހަފުތާއަކު ހަތަރު ދަތުރު އެބަކުރޭ. އެކަމަކު ހަފުތާއަކު ތިން ފްލައިޓު ވީމަ ގަބޫލެއް ނުކުރެވޭ. މިއީ މިސަރަހައްދުގަ ލިންކުވެ އޮންނަ ރަށް. އެތައް ބަޔަކު ކަނޑު ދަތުރުކޮށްފަ އާދޭ، އެކަމަކު އެކަށީގެންވާ ހިދުމަތެއް އަދި އެކަށީގެންވާ ހިދުމަތް ދެވޭ ގޮތަކަށް އެއާޕޯޓު ތައްޔާރެއް ވެސް ނުކުރެވޭ،" އެތަނުގެ ހިދުމަތާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ލަތީފް ވިދާޅުވިއެވެ.

"މި ސަރަހައްދުގެ ހުރިހާ އެންމެންގެ ވެސް އުއްމީދެއް އެއީ ފެސޭހަކަމާއެކު ދަތުރު ކުރެވޭނެ ގޮތެއް ފަހިވެގެން ދިއުން. އެހެންވީ އެއާޕޯޓުގެ ދަތުރުތަކާއެކު މީހުންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވާނެ. އެއީ ކުޅުދުއްފުށީ މި ސަރަހައްދުގެ މީހުން މި ބޭނުން ކުރަނީ މާލެއަށް ޓްރާންސްފާ ވުމަށްޓަކައި މަންޒިލެއްގެ ގޮތުގައި. އެހެންވީމަ ކުޅުދުފުއްޓަށް އައިސްފަ ކުޅުދުއްފުށީގެ ފެރީތައް މެދުވެރިކޮށް މި މާލެއަށް ދަނީ،" ލަތީފް ވިދާޅުވި އެވެ.

- ކުޅުދުއްފުށީ އެއާޕޯޓުގެ ޓާމިނަލް-- ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ހަނިމާދޫގައި އެއާޕޯޓެއް އޮންނަތާ 29 އަހަރު ފާއިތުވެފައި ވާއިރު އެތަނަށް މާ ބޮޑު ތަރައްގީއެއް ނާންނަކަން ފާހަގަކުރައްވާ ލަތީފް ވަނީ އެގޮތަށް ދިމާވަނީ ހަނިމާދޫއަށް ދަތުރުކުރުމަށް ސީދާ ދަތުރުތައް ނޯންނާތީ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެ އެއާޕޯޓަށް ލޯންޗެއްގައި ދިއުމަށް 1000-2000 ރުފިޔާ ހަރަދުކުރަން ޖެހޭ ކަމަށާއި ބައެއް ރަށްރަށުން 3000 ރުފިޔާ ހަަރަދުކޮށްގެން ވެސް އެ އެއާޕޯޓަށް ދާ ކަމަށް ވިދާޅުވި އެވެ.


- ކުޅުދުއްފުށީ އެއާޕޯޓުގެ ޓާމިނަލް-- ފޮޓޯ: ކުޅުދުއްފުށި އޮންލައިން

- ކުޅުދުއްފުށީ އެއާޕޯޓުގެ ޓާމިނަލް-- ފޮޓޯ: ކުޅުދުއްފުށި އޮންލައިން

އެކަން އެގޮތަށް އޮތަސް، ކުޅުދުއްފުއްޓަށް ފެރީ ނިޒާމު ހުރިހާ ރަށަކުން ލިންކު ކޮށްފައި އޮންނާތީ އެއާޕޯޓާއެކު ރަށަށް ތަރައްގީ ލިބޭނެ ކަމަށް ރަށުގެ ރައްޔިތުން ވެސް އުއްމީދު ކުރެއެވެ. ހަފުތާއަކު ތިން ފްލައިޓު ކުޅުދުއްފުށީ އެއާޕޯޓަށް ޖައްސާއިރު އެ ފެރީ އޮންނަނީ ސީދާ ފްލައިޓު އޮންނަ ގަޑިއަށް ނޫންކަމުން އެކަމުގައި ދަތިތަކެއް އެބަ ހުއްޓެވެ.

އެއާޕޯޓުގެ ވަޒީފާތަކަށް 400 ފޯމު!

އެއާޕޯޓާއެކު ވަޒީފާގެ ފުރުސަތުތައް ވެސް އުފެދިގެންދާނެ އެވެ. އެކަމަކު އެ ޑޮމެސްޓިކް އެއާޕޯޓުގައި މަސައްކަތް ކުރުމަށް 400 އެއްހާ މީހުން ފޯމު ހުށަހެޅުމުން އެނގިގެން ދަނީ ތިލަދުންމަތީގައި، ވަކިން ހާއްސަކޮށް ކުޅުދުއްފުށީގައި، ވަޒީފާގެ ހާލަތު އޮތް ގޮތެވެ.

ކުޅުދުއްފުށީ އެއާޕޯޓުގެ 13 ވަޒީފާއަކަށް 25 މީހުން ހޯދުމަށް ޖުލައި މަހުގެ ތެރޭގައި ރީޖަނަލް އެއާޕޯޓުން އިއުލާނުކުރިއިރު އޭގެ ތެރޭގައި ޑިރެކްޓަރުންނާއި އޮޕަރޭޝަން އޮފިސަރުންނާއި ގާޑުން އަދި ފަޔާ ފައިޓަރުންގެ އިތުރުން މަސައްކަތު މީހުން ވެސް ހިމެނެއެވެ.

ހދ. އަތޮޅަކީ ރާއްޖޭގައި އެންމެ ރިސޯޓެއް ހިންގަމުން އަންނަ ހަމައެކަނި އަތޮޅެވެ. ރިސޯޓުތަކުގައި މަސައްކަތް ކުރަން ބޭނުންވެފައިވާ ޒުވާނުން ތިބި ނަމަވެސް އަތޮޅުގައި އެންމެ ރިސޯޓެއް އޮތުމަކީ އެހެން އަތޮޅުތަކުގައި މަސައްކަތް ކުރަން އެ އަތޮޅުގެ ޒުވާނުންނަށް މަޖުބޫރުވުމެވެ. އެ އަތޮޅުގެ ރައްޔިތުން ދެކޭ ގޮތުގައި ފަތުރުވެރިކަމުގައި އެއަތޮޅު އޮތީ "އެކަހެރި" ކޮށްލާފައެވެ.

ލަތީފް ވިދާޅުވި ގޮތުގައި ގިނަ ބަޔަކު އެއާޕޯޓުގެ ވަޒީފާތަކަށް ކުރިމަތިލި ސަބަބީ އެރަށަކީ ބޮޑު އާބާދީއެއް އޮންނަ ރަށަކަށް ވެފައި ރަށުގައި ތިބެ މަސައްކަތް ކުރަން އެރަށުގެ ރައްޔިތުން ބޭނުންވުމެވެ.

"ވަޒީފާ އެންމެނަށް ނުލިބުނަސް އިގްތިސާދީ ގޮތުން ނުސީދާ ފައިދާތައް އެންމެނަށް ވެސް ކުރާނެ،" އޭނާ ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓުގެ މުވައްޒަފުން ބޭނުންކޮށްގެން މިހާރު އެއާޕޯޓު ހިންގަމުން އަންނައިރު މިމަހުގެ ތެރޭގައި އެތަނަށް މުވައްޒަފުން ނެގުމުގެ މަސައްކަތް ފަށާނެ ކަމަށް މައުލޫމާތު ލިބޭ ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވި ގޮތުގައި މިހާރު އެއާޕޯޓުގައި މަސައްކަތް ކުރަަމުން އަންނަނީ 26 އަކަށް މީހުންނެވެ.

ހިދުމަތް ރަނގަޅަށް ނުލިބުނަސް ރައްޔިތުން ތިބީ އުފަލުން!

ކުޅުދުއްފުށީ އެއާޕޯޓުގެ ދަތުރުތައް ފެށި ފަހުން ހަފުތާގެ ތެރޭގައި ކުރާ ތިން ދަތުރުގެ ވެސް އޮންނަނީ ފުލްކޮށެވެ. ފަތުރުވެރިންނާ ނުލައި އެހާ ބޮޑު ޑިމާންޑެއް އެ ސަރަހައްދުން ދަތުރުތަކަށް ލިބޭއިރު ކުޅުދުއްފުށީ އެއާޕޯޓުން މާލެއަށް ކުރާ ދަތުރެއްގެ އަގަކީ 1123 ރުފިޔާއެވެ.

އެންމެ ފުރިހަމަ ގޮތުގައި އެއާޕޯޓުން ހިދުމަތް ނުލިބުނަސް އެތަނުން ހިދުމަތް ހޯދާ ފަރާތްތަކުން ބުނީ، އެއާޕޯޓާއެކު ދަތުރުފަތުރު ކުރުމަށް ލުއި ގޮތްތަކެއް ފަހިވެއްޖެ ކަމަށެވެ. އެކަމަކު ހަފުތާގެ ތެރޭގައި ތިން ދަތުރު ކުރާތީ ދަތިތައް ކުރިމަތިވާ ކަމަށް އެތަނުން ހިދުމަތް ހޯދާ ބައެއް ފަރާތްތަކުން ބުންޏެވެ.

"އަޅުގަނޑުމެން ވެސް ރިކުއެސްޓް ކުރަމުން މިދަނީ ފްލައިޓުތައް އިތުރުކޮށްދޭން. ހަފުތާއަކު ތިން ފްލައިޓް މިއޮންނަނީ. ވެއިޓިން ލިސްޓުގަ އެބަތިބޭ ފަންސާހުން ސަތޭކައިން މީހުން. ޗާންސަކަށް އެދި އަޅުގަނޑުވެސް ދަން ބައިގަޑިއިރު ކުރިން، އެއް ވަނަ ލިސްޓުން ލިބުނީމަ ވެސް ފުރުސަތެއް ނުލިބުން، ފުލްކޮށް ފްލައިޓު އެ ދަތުރުކުރަނީ،" ކުޅުދުއްފުށީގެ ވިޔަފާރިވެރިއަކު ބުންޏެވެ.

އިތުރު މީހަކު ބުނީ، ކުޅުދުއްފުށީ އެއާޕޯޓުން ފުރިހަމަކޮށް އަދި ވެސް ހިދުމަތް ލިބޭ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ސަބަބަކީ އާންމުކޮށް އެއާޕޯޓުތަކުގައި ޓާމިނަލުން ފްލައިޓަށް ލަގެޖު ގެންދިއުމަށް ހުންނަ އުޅަނދު އެތަނުގައި ނުހުންނަ ކަމަށާއި އެގޮތުން މިހާރު އެކަން ކުރަނީ ކުޑަ ޕިކަޕަށް ލަގެޖުތައް އަރުވައިގެން ކަމަށެވެ.

"އެހެންވިޔަސް އަސްލު ވަަރަށް ފަސޭހަ މިހާރު. ހަމަ ސީދާ ރަށަށް މިދެވެނީ ކުޑަ ވަގުތުކޮޅަކުން. އެއާޕޯޓުން ފުރިހަމައަށް އަދިވެސް ހިދުމަތްތައް ނުލިބުނަސް ކުރިން ރަށަށް ދާން ޖެހޭ ގޮތާއި މިހާރު ރަށަށް ދެވޭ ގޮތް ތަފާތު، ވަރަށް ބޮޑަށް ފަސޭހެވެގެން ހިނގައްޖެ،" ކުޅުދުފުއްޓަށް އުފަން މީހަކު ސީއެންއެމްއަށް ބުންޏެވެ.

އެއާޕޯޓާއެކު ކުޅުދުއްފުށީ ބޯޓުތަކަށް ގެއްލުމެއް

ޒަމާނަށް އަންނަ ތަރައްގީއާއެކު ކޮންމެ މީހަކު ވެސް ހޯދާނީ ފަސޭހަ ގޮތެވެ. އަވަހަށް ކަންކަން ކުރެވެން އޮންނަ ގޮތެވެ. ކުޅުދުއްފުށީގައި އެއާޕޯޓު ތަރައްގީ ކުރެވުމާއެކު އެރަށުގެ ކަނޑު ބޯޓުތަކަށް އޮތް ޑިމާންޑް ދަށް ވެއްޖެއެވެ.

މާލެއާ ކުޅުދުފުއްޓާ ދެމެދު ދަތުރުކުރާ މަޝްހޫރު ބަހާދަރު ދޯނީގެ މީހަކު ސީއެންއެމްއަށް ބުނި ގޮތުގައި އެއާޕޯޓާއެކު ބޯޓުތަކަށް ގެއްލުންވާނެކަން އެނގޭތީ އެކަމަށް ތިބީ ތައްޔާރުވެގެންނެވެ.

އެއީ ތަރައްގީވެގެން އަންނައިރު ކޮންމެ މީހަކު ވެސް ލުއި ގޮތް ހޯދާނެކަން އެނގޭ ކަމަށާއި އެކަމަކު ފްލައިޓުތައް މިހާރު އޮންނަ ގޮތުން މާބޮޑު ގެއްލުމެއް އަދިވެސް ނުވާ ކަމަށް އޭނާ ފާހަގަކުރެއެވެ.

މާލެއާ ކުޅުދުފުއްޓާ ދެމެދު ދަތުރުކުރާ ބޯޓުތަކަކީ ފެންވަރު ރަނގަޅު ބޯޓުތަކެކެވެ. އެގޮތުން އޭސީކޮށް ކޮޓަރިތައް ވެސް ބޯޓުތަކުގައި ހުންނައިރު މާލެ އާއި ކުޅުދުފުއްޓަށް ކުރާ ދަތުރަކަށް އާންމުކޮށް ހޭދަވަނީ 12 ގަޑިއިރެވެ. އެކަމަކު ބައެއް ބޯޓުތަކުގައި އަށް ގަޑިއިރުން ވެސް އެހިސާބަށް ދެވެއެވެ.

ކޮންމެއަކަސް ފުރިހަމަ ހިދުމަތްތައް އަދިވެސް އެތަނުން ނުލިބޭތީ ބައެއް މީހުން ދެކޭ ގޮތުގައި އެއާޕޯޓެއް އެޅުނީ ނަމެއްގައެވެ. އެއާޕޯޓު އެއާޕޯޓަކަށް ވީކަމަށް ގަބޫލުކުރަން ދައްޗެވެ. ކޮންމެ ދުވަހަކު، ދެ ދަތުރުކޮށް އެއާޕޯޓަށް ރޭގަނޑު ފްލައިޓުތައް ޖެއްސުމަކީ ވެސް އެރަށުގެ ރައްޔިތުންގެ ހުވަފެނެކެވެ. އެކަމަކު އެކަން ވާން އޮތީ އެތަނުގައި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރެއް ގާއިމުކުރެވިގެންނެވެ.

"އޭޓީސީ ޓަވަރެއް މިވަގުތު ނެތަސް، އޭޓީސީ ޓަވަރެއް އަޅުގަނޑުމެން އަޅާނަން. ރަންވޭ ލައިޓިންގްސް ގާއިމުކުރަން އޮތީ ޕްލޭން ކުރެވިފައި. އަދި ގްރައުންޑް ހެންޑްލިން އިކުއިޕްމަންޓާއި ސެކިއުރިޓީ އިތުރަށް ރަނގަޅު ކޮށް، ޓާމިނަލް ފެސިލިޓީސްވެސް އިތުރަށް ރަނގަޅުކުރުމަށް ނިންމާފައި އޮތީ. މިކަންކަން މިއަންނަ އަހަރަށް ބަޖެޓު ކޮށްފައި ހުއްޓަސް ބައެއް ކަންކަން މިއަހަރު ކުރެވޭނަމަ ކުރިއަށް ގެންދަން ނިންމާފައި ވަނީ،" ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޒުހައިރު، އެއާޕޯޓު ހުޅުވި ދުވަހު ވިދާޅުވިއެވެ.

އާބާދީގައި 26758 މީހުން އުޅެމުން އަންނަ ހދ. އަތޮޅުގެ ތަރައްގީ އާއި އުއްމީދުތަކާ ވަރަށް ބޮޑަށް ކުޅުދުއްފުށީ އެއާޕޯޓު ގުޅިފައިވާއިރު އެތަނުން ދެމުންދާ ހިދުމަތްތައް ފުރިހަމަވުމަކީ ރައްޔިތުން ކުރަމުން އަންނަ ފޮނި އުއްމީދެކެވެ. އެއާޕޯޓު ހުޅިވިތާ ސެޕްޓެމްބަރު 22 އަށް އަހަރެއް ވާއިރު، ހަގީގީ އެއާޕޯޓެއް ލިބުނު ކަމަކަށް ކުޅުދުއްފުށި ރައްޔިތުން އަދިއެއް ގަބޫލެއް ނުކުރެ އެވެ.
3 ކޮމެންޓް
ހިޔާލު

ޙަދަން

ކުޅުދުއްފުށީ ގިނަ މީހުން ވޯޓު ދީގެން ގެނައި ސަރުކާރާއި ރީނދޫ ޕާޓީގެ ކައުންސިލުން 10 މަސްދުވަހުގެ ތެރޭގައި ކުރީ ކޮން ކަމެއް؟

ޚކ

އެއަރޕޯޓް ބޭނުން ނޫންކަަމަށް މީގެ އަހަރެއްހާ ދުވަސް ކުރިން ކުޅުދުއްފުށީ މީހުން އަޑަށް ބާރުލާފަ ވަނީ ބުނެފަ.

ގައުމު

މިއީ ވެސް ވަރަށް ބޮޑު ކަމެއް، ނަމަކަން ކަމެއް ކުރީމަ ވާނީ މިހެން