REPORT: Fathuru verikamaa beerahtehi Haa Dhaal atholhu, ummeedhakee e sinaaathun vazeefaa ufedhun!

ފަތުރުވެރިކަމާ "ބީރައްޓެހި" ހދ. އަތޮޅު، އުއްމީދަކީ އެ ސިނާއަތުން ވަޒީފާ އުފެދުން!

image
ހދ. އަތޮޅުގެ ހިސާބެއް--
ފާތުމަތު ނަޒުފާ އިރުޝާދު
 
ރާއްޖޭގެ ރަންބިސް އަޅާ ކުކުޅު، ފަތުރުވެރިކަން ފެށުނީ 1972 ވަނަ އަހަރެވެ. އޭގެ ފަހުން މިއަހަރާ ހަމައަށް 47 ވަނަ އަހަރު ގުނަމުން ދަނީ އެވެ. މުޅި ރާއްޖޭގެ 1200 އެއްހާ ކުދި ޖަޒީރާ ރަށްތަކުގެ ތެރެއިން 149 ރަށް މިއަދު ވަނީ ރިސޯޓަށް ބަދަލުވެފަ އެވެ. އެކަމަކު ހިތާމައަކީ އާބާދީގައި 26758 ހިމެނޭ ހދ. އަތޮޅުގައި ފަތުރުވެރިކަމަށް އެފަދަ އުޖާލާ ކަމެއް އައިސްފައި ނެތުމެވެ.
ހދ. އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާއަތް ފެށިގެން ދިޔުމަކީ އެ އަތޮޅުގެ ގިނަ ބަޔަކު ޒަމާނުއްސުރެ ދެކެމުން އައި ހުވަފެނެކެވެ. އެ ހުވަފެނުގައި އެ ސަރަހައްދުގެ ރައްޔިތުން ދިގު އިންތިޒާރެއް ކުރަމުން ދަނިކޮށް، އެ ހުވަފެން ހަގީގަތަކަށް ހަދައިދިނީ މިދިޔަ އަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހު ހދ. ހޮނޑާފުށީގައި ތަރައްގީކޮށް ހުޅުވި ރިސޯޓާ އެކުއެވެ. ފާހަގަކުރަން ޖެހޭ ކަމަކީ ހޮނޑާފުށި އައިލެންޑް ރިސޯޓް ހުޅުވިގެން ދިޔައީ މަސައްކަތް ހަވާލު ކުރިތާ 14 އަހަރު ފަހުން ކަމެވެ.


ހޮނޑާފުށި އައިލެންޑް ރިސޯޓް--

ހދ. އަތޮޅުގެ ރައްޔިތުން ބުނަނީ ފަތުރުވެރިކަމުގެ ސިނާއަތުން ހދ. އަތޮޅު ބާކީ ކޮށްފައިވާ ކަމަށާއި އެއީ އެ އަތޮޅަށް ބީރަށްޓެހި ކަމެއް ކަމުގައެވެ.

"ފަތުރުވެރިކަމަކީ ހދ. އަތޮޅަށް ބީރަށްޓެހި ކަމެއް. ފަތުރުވެރިކަމަށް 45 އަހަރު ވީއިރު އަތޮޅުގައި އަނެއްހެން ފަތުރުވެރިކަމެއް ނެތް. ހޮނޑާފުށި ރިސޯޓް ނަމަކަށް ހުޅުވާފަ އެ އޮތީ. ސާވިސް ޗާޖްގެ ވެސް އެންމެ ފުލުގައި،" އަތޮޅުގެ ފަތުރުވެރިކަމުގެ ހާލަތު ކިޔައިދެމުން ކުޅުދުއްފުށީ ކައުންސިލްގެ ނާއިބު ރައީސް އަލީ ހާޝިމް ސީއެންއެމްއަށް ވިދާޅުވި އެވެ.

ނޭކުރެންދޫ ކައުންސިލްގެ ރައީސް އިބްރާހިމް މައޫޒް ވިދާޅުވީ ސަރުކާރުން އިތުރު ރިސޯޓެއް އަޅަން މަސައްކަތް ކުރާ މަންޒަރު ނުފެންނަ ކަމަށާއި އެކަހަލަ މަޝްރޫއެއް ހިންގާ ކަމަކަށް ނުބެލެވޭ ކަމަށެވެ.

ފަތުރުވެރިކަމުގެ ހާލަތު ދަށް ކަމަށް އަތޮޅުގެ އެހެން ރަށްތަކުގެ ކައުންސިލުން ވެސް އެއްބަސްވެ އެވެ.

ފަތުރުވެރިކަމަށް ދޫކުރި ރަށްތައް

އެ އަތޮޅުގައި ފަތުރުވެރި ކަމަށް ދޫކުރެވިފައިވާ ރަށްތަކާއި، ދޫކުރުމަށް އިއުލާން ކުރި ރަށްތަކުގެ ވާހަކަ އަތޮޅަށް ނިސްބަތްވާ މީހުން އެތައް ގޮތަކަށް އެބަ ދައްކަ އެވެ. އެކަންކަމުގެ ހަނދާން އާކޮށްލަން ޖެހެ އެވެ.

މިހާރު އެ އަތޮޅުގައި އޮޕަރޭޓް ކުރަމުންދާ ހޮނޑާފުށި 200 އެނދާއެކު ތަރައްގީކުރުމަށް 2005 ވަނަ އަހަރުގެ މެއި މަހުގެ ފަސް ވަނަ ދުވަހު ދޫކުރެވި، އިމާރާތް ކުރުމުގެ ހުއްދަ ޖެހިގެން އައި އަހަރު ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ދެވުނެވެ. އެ ރަށް ކުއްޔަށް ދެވުނު އިރު 2011 ވަނަ އަހަރު ޖެނުއަރީ 21 ގައި ހުޅުވުމަށް ކަނޑައެޅި ތާރީހުތައް ފަހަނަ އަޅާ ގޮސް އެންމެ ފަހުން އެ އިންތިޒާރަށް ނިމުމެއް އައީ މިދިޔަ އަހަރު އެވެ.

"އަތޮޅުގަ އެންމެ ރިސޯޓެއް ހުޅުވިފަ އޮތީ. އެވެސް ނަމަކަށް ހުޅުވާފަ އޮތް ތަނެއް. ސަރުކާރުން އެހެން ތަނެއް ތަރައްގީ ކުރަން ވިސްނާހެނެއް ހިޔެއް ނުވޭ،" ނޭކުރެންދޫ ކައުންސިލް ރައީސް އިބްރާހިމް މައޫޒް ވިދާޅުވި އެވެ.

މީގެ އަހަރުތަކެއް ކުރިން އެ އަތޮޅުގެ ކުޑަމުރައިދޫ އާއި ނާގޯށި ވެސް ވަނީ ފަތުރުވެރިކަމަށް ދޫކޮށްފަ އެވެ.

ދެހާސް ދިހަވަނަ އަހަރު އޭޕްރިލް 16 ވަނަ ދުވަހު ރިސޯޓް ހުޅުވުމަށް އެއްބަސްވުމުގައިވާ 250 އެނދުގެ ކުޑަމުރައިދޫ ކުއްޔަށް ދީފައިވަނީ 2006 ވަނަ އަހަރު ޖޫން މަހުގެ 25 ވަނަ ދުވަހު އެވެ. ދެހާސް ހަތްވަނަ އަހަރު އިމާރާތް ކުރުމުގެ ހުއްދަ ދެވުނު އިރު އަދާ ހަމައަށް ވެސް އޭގެ އެކަށޭނެ ނަތީޖާއެއް ފެނިފައެއް ނުވެއެވެ.


ކުޑަމުރައިދޫ--

ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ވަނީ 600 އެނދު ތަރައްގީ ކުރުމަށް 2006 ވަނަ އަހަރު އެ އަތޮޅު ނާގޯށި ދީފައެވެ. އެ ރަށުގެ މަސައްކަތްތައް ވެސް ހުއްޓުމަކަށް އައިސް އަޅާފައިވާ އިމާރާތްތައް ވެއްޓެނީ އެވެ.


ނާގޯށި--

"ނާގޯށި، ކުޑަމުރައިދޫ ހުޅުވޭނެ ދުވަހެއް ނެތި 15 އަހަރު މިވީ. ސަރުކާރުން އެއްވެސް ސަމާލުކަމެއް ނުދޭ. ކުޑަ ދުވަސްކޮޅެއްގެ ވާހަކައެއް ނޫން މިދައްކަނީ. ކޮންމެ ސަރުކާރެއް ވެސް އަންނަނީ ތަފާތި އެކި ވައުދުތަކާއެކު،" ފަތުރުވެރިކަމަށް އިއުލާން ކުރި ރަށްތައް ކިޔައި ދެމުން ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް އަލީ ހާޝިމް ވިދާޅުވި އެވެ.

އެ އަތޮޅުގެ ރައްޔިތުންނަށް ދެއްކި ހުވަފެންތައް ނިމުނީއެއް ނޫނެވެ. ހދ. ނޮޅިވަރަންފަރުގައި ޓްރެއިނިން ރިސޯޓެއް ތަރައްގީކުރަން ބުނިތާ ވެސް އަހަރުތަކެއް ވެއްޖެ އެވެ. އެ ހަބަރާއެކު އަތޮޅުގެ ރައްޔިތުންނަށް ހިނިތުންވުން ގެނުވި ނަމަވެސް އެ އުފާތައް އޮޔާލާ ދިޔައީ އެވެ. ޓްރެއިނިން ރިސޯޓް ތަރައްގީ ކުރުމަށް 2008 ވަނަ އަހަރު ހަވާލުކުރެވިގެން ދިޔަ އިރު އެތައް އަހަރެއް ފަހަނައަޅައި ގޮސްފައިވީ ނަމަވެސް އެކަމަށް ކުރި މަސައްކަތެއް ފެންނާކަށް ނެތެވެ.


ނޮޅިވަރަންފަރު--

"ނޮޅިވަރަންފަރުގަ ޓްރެއިނިން ރިސޯޓެއް ހަދާ ވާހަކަ ދެއްކި. އެތައް އަހަރުތަކެއް ވެއްޖެ. އޭގެ އެއްވެސް މަސައްކަތެއް ކުރާ ތަނެއް ނުފެނޭ،" ނޮޅިވަރަންފަރު ރައްޔިތަކު ސީއެންއެމް އަށް ބުންޏެވެ.

އަތޮޅުގެ ވަޒީފާގެ ހާލަތު

މީހުން ދިރިއުޅޭ 13 ރަށް ހދ. އަތޮޅުގައި އޮތް އިރު އެ އަތޮޅުގެ ކުޅުދުއްފުއްޓާއި ހަނިމާދޫ ފިޔަވައި އެހެން ރަށްތަކުގައި ވަޒީފާގެ ފުރުސަތުތައް އެކަށީގެންވާ މިންވަރަށް ފަހިވެފައި ނެތެވެ. ގިނަ ރަށްތަކުގައި ސަރުކާރުގެ މުއައްސަސާތަކުގެ ވަޒީފާތައް ފިޔަވައި އެހެން ދާއިރާއަކުން ވަޒީފާގެ އެއްވެސް ފުރުސަތެއް ނޯވެ އެވެ. ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހދ. އަތޮޅުގައި 1285 މީހުން ސިވިލް ސާވިސް ވަޒީފާގައި އުޅެއެވެ.

"ވަޒީފާގެ ހާލަތު ވަރަށް ދަށް އިނގޭތޯ. ކޮން ކަމެއް އޮތީ. ވަޒީފާގެ މާހައުލެއް ނެތް. އެކަމަށް އިންތިޒާރު ކޮށް، ކޮށް އުމުރު ހުސްވަނީ،" ވަޒީފާގެ ހާލަތު ކިޔައިދެމުން މަކުނުދޫ ރައްޔިތަކު ސީއެންއެމް އަށް ބުންޏެވެ.

އާބާދީގައި 1430 މީހުން ދިރިއުޅޭ ނޭކުރެންދޫގައި ވެސް ސަރުކާރުގެ ވަޒީފާތައް ފިޔަވައި އެހެން ވަޒީފާތަކެއް ނެތް ކަމަށާއި އާމްދަނީ ހޯދުމަށް ގިނަ ބަޔަކު ރަށުން ބޭރަށް ދާ ކަމަށް އެ ކައުންސިލްގެ ރައީސް އިބްރާހިމް މައޫޒް ވިދާޅުވި އެވެ.

ގިނަ ކައުންސިލުތަކުން މައުލޫމާތު ދިން ގޮތުގައި ރަށްރަށުގެ އާބާދީގެ ތެރެއިން ވަޒީފާއަށް ދަނީ ތިން ބައި ކުޅަ އެއްބައި މީހުންނެވެ.

އޮގަސްޓް މަހު ކުޅުދުއްފުށީ އެއާޕޯޓުގެ ދަތުރުތައް ފެށިގެން ދިޔަ އިރު އަތޮޅުގެ ރައްޔިތުން ތިބީ ގިނަ ވަޒީފާތަކެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް އަލީ ހާޝިމް ވިދާޅުވީ އެ އެއާޕޯޓުން އަދި އުފެދުނީ 25 އަށް ވަޒީފާ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެ މަގާމުތަކަށް 400 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައި ވާއިރު މިކަމުން ވެސް އެ އަތޮޅުގެ ރައްޔިތުން ވަޒީފާއަށް ބޭނުންވެފައިވާ މިންވަރު ހާމަވެގެން ދެއެވެ.


ކުޅުދުއްފުށީ އެއާޕޯޓް--

ފަތުރުވެރިކަމުގެ ދާއިރާ އަށް ބަލާއިރު ހދ. އަތޮޅުގައި ހުރި ހަމަ އެކަނި ރިސޯޓް ހޮނޑާފުށި އައިލެންޑް ރިސޯޓުގައި 200 މީހުން ވަޒީފާ އަދާ ކުރަމުން ދެއެވެ. ބައެއް މީޑިއާތަކުގައި ވާ ގޮތުން އެ 200 މުވައްޒަފުންގެ ތެރެއިން ދިވެހިންގެ ގޮތުގައި މަސައްކަތް ކުރަނީ އެންމެ 20 އަށް މީހުންނެވެ.

އަތޮޅު ކައުންސިލް މެމްބަރު އަލީ ހާޝިމް ސީއެންއެމް އަށް ވިދާޅުވީ ފުދޭވަރަކަށް މުވައްޒަފުން ރިސޯޓުގައި މަސައްކަތް ކުރާ ކަމަށެވެ. މަސައްކަތް ކުރާ ދިވެހީންގެ އަދަދު ސީދާ ވިދާޅުވާކަށް ނޭނގޭ ކަމަށާއި ދިވެހި މުވައްޒަފުންގެ އަދަދު މަދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.


ހޮނޑާފުށީގެ މުވައްޒަފުންތަކެއް--

"ހޮނޑާފުށި ރިސޯޓުގައި މަސައްކަތް ކުރާނެ ފުދޭ ވަރަަކަށް މީހުން. އެކަމަކު ދިވެހީންގެ އަދަދު މަދުވާނެ. ގިނަ ބިދޭސީން އެ ރިސޯޓުގެ މަސައްކަތް ކުރަނީ. މުވައްޒަފުންގެ މެދުގައި ތަފާތު ކުރުންތައް ވެސް ގެންގުޅޭ،" ހާޝިމް ވިދާޅުވި އެވެ.

އަތޮޅުގައި ގެސްޓް ހައުސް ވިޔަފާރިއެއް ވެސް ފުޅާ ދާއިރާއެއްގައި ނޯވެ އެވެ. ހަނިމާދޫ ކައުންސިލް ރައީސް އަބްދުލް ސަލާމް ވިދާޅުވީ އެ ރަށުގައި ސިޓީ ހޮޓަލެއް ގާއިމްކޮށްފައި ހުންނަ ކަމަށާއި އަދި ފަތުރުވެރިކަމަށް ރަށުން ބިންދޫކުރަން ނިންމާފައިވާ ކަމަށެވެ.


ހަނިމާދޫގައި ހުންނަ ހޮޓަލެއް--

އާމްދަނީ ހޯދުމުގެ ގޮތުން ރައްޔިތުން ހޮޓާތަކާއި ރެސްޓޯރެންޓުތަކާއި ފިހާރަތަކާއި އަދި އެހެނިހެން އަމިއްލަ ވިޔަފާރިތައް ވެސް ހިންގަ އެވެ. ކުޅުދުއްފުށީގައި ކޮންމެ ހޮނިހިރު ދުވަހަކު އޮންނަ ހޮނިހިރު ބާޒާރަކީ ވަރަށް ފޯރިއާއެކު އެ އަތޮޅުގެ ރައްޔިތުން ބާއްވާ ބާޒާރެކެވެ. އަތޮޅުގެ ގިނަ ރައްޔިތުން ވިޔަފާރި ހިންގުމަށް އެދުވަހު އެ ރަށަށް ދެއެވެ.

ހދ އަތޮޅުގައި ދަނޑުވެރިކަންވެެސް ކޮންމެވެސް ސިފައެއްގައި ކޮށް އުޅެއެވެ. ހަނިމާދޫ ކައުންސިލް ރައީސް އަބްދުލް ސަލާމް ވިދާޅުވީ އެ ރަށުގައި ދަނޑުވެރިކަން ކޮންމެވެސް ވަރަކަށް ކޮށް އުޅޭ ކަމަށާއި އެގްރިކެލްޗާ ސެންޓަރެއް ވެސް ހުންނަ ކަމަށެވެ.


ހދ އަތޮޅުގެ ރަށެއްގައި ދަނޑުވެރިކަން ކުރަނީ

ކުމުންދޫގައި ވެސް ގޭބީސީތަކުން ދަނޑުވެރިކަމަށް ބިންތައް ދޫކޮށްފައި ހުންނަ ކަމަށާއި 50 އަކަށް ދަނޑުވެރިން އުޅޭ ކަމަށް ރަށު ކައުންސިލް ރައީސް އަމީން މުހައްމަދު ވިދާޅުވި އެވެ.

"މި ރަށުގަ ދަނޑުވެރިކަން ކޮންމެވެސް ވަރަަކަށް ކޮށް އުޅޭ. ގޭބީސީީތަކުން ދަނޑު ހައްދަން ބިންތައް ދޫކޮށްފަ ހުންނާނެ. ރަށުގަ ގާތްގަނޑަކަށް 50 ވަރަކަށް ދަނޑުވެރިން އުޅޭ،" އަމީން ވިދާޅުވި އެވެ.

ހދ އަތޮޅުގެ ރައްޔިތުން އަދިވެސް ދަނީ އުޖާލާ ދުވަސްތަކަކަށް އިންތިޒާރު ކުރަމުންނެވެ. ފަތުރުވެރިކަން ފަދަ ނަފާ ބޮޑު ސިނާއަތެއް ރަނގަޅު ފެންވަރެއްގައި އެ އަތޮޅުގައި ހިންގިއްޖެ ނަމަ، ވަޒީފާ ލިބުން ރަނގަޅު ވާނެ ކަމަށް އެމީހުން ދެކެ އެވެ. މި އަހަރު ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި މާސްޓާ ޕްލޭނުގައި ހދ. އަތޮޅު ހިމަނާފައި ވުމަކީ އެ އަތޮޅުގެ މީހުން ކުރިމަގާއި މެދު ކުރާ އުއްމީދު ބޮޑުވާ އެއް ސަބަބެވެ.
ހދ އަތޮޅު
4 ކޮމެންޓް
ހިޔާލު

ކުކުޅު

ރިސޯޓުހެދީމަ މެނޭޖުމަންޓުގަ ތިބެނީ އިންޑިއާ މީހުން، ވަޒީފާތަކަށް ނަގަނީ ބޮންދުން، ގެސްޓުން ދައްކާ ޓެކްސް ގެންދަނީ މާލެއަށް، އެއިން އެއްބުރިޖު އަޅާނިމޭއިރު އަނެއް 6 ބުރިޖު ވެއިޓިންގަ. އަތޮޅަށްވާ ފައިދާއެއްނޯވޭ، ބަލާ ބ އަތޮޅު ރ އަތޮޅު. ފައިދާއެއް ހޯދަން ބޭނުމިއްޔާ ގެސްޓްހައުސް ވިޔަފާރި ފުޅާކުރަންވީ ތިއަތޮޅު ރައްޔިތުން.

ހަމްޒާ

ހޮނޑަ ފުށީ ގޮނޑުދޮށުން ވެލޮ ނެގި އަސަރު އަދިވެސް ފެންނަން އެބަހުރި

ކޮލެޖު ބޯއި

ރިސޯޓު ހުޅުވިޔަސް ވަޒީފާ ގަ ތިބޭނީ ބަންގާޅީން. ދެން ކޮން ޝަކުވާއެއް؟

މަންޖެ

ވ ޝުކުރު މި ލިޔުން ލިޔުނު ކުއްޖާއަށް.. މިހާރު ލަސްވެއްޖެ މިކަހަަލަ އެއްޗެއް ލިޔަން..