Noosverikamuge minivan kamuge dhuvas: Thaareehun miadhah
image
ސާޔާ އަހްމަދު
0 ކޮމެންޓް
 

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް: ތާރީހުން މިއަދަށް

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެއް ފާހަގަކުރަން އދ.ގެ ޖެނެރަލް އެސެމްބްލީ އިން ނިންމީ ޑިސެމްބަރު 1993 ގައެވެ. އެއަށްފަހު ކޮންމެ އަހަރެއްގެ ވެސް މޭ މަހުގެ 3 ވަނަ ދުވަސް ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން ދަނީ "ޑެކްލެރޭޝަން އޮފް ވިންޑްހޮކް" ބަލައިގަތް ދުވަހަށް ވާތީ އެވެ.
ޑެކްލެރޭޝަން އޮފް ވިންޑްހޮކް އަކީ ކޮބާ؟

މިއީ 1991 ވަނަ އަހަރުގެ އޭޕްރިލް 29 އިން މޭ 3 އާ ހަމައަށް އެފްރިކާގެ ނެމީބިއާގައި ނޫސްވެރިން ޖަމާވެގެން ބޭއްވި "މިނިވަން އަދި ވާދަވެރި އެފްރިކާގެ ޕްރެސް" އެއް ޕްރޮމޯޓު ކުރުމަށް ބޭއްވި ޔުނެސްކޯގެ ސެމިނާ އެއްގައި މިނިވަން މީޑިއާއެއްގެ އަސާސްތައް ހިމަނައިގެން ފާސްކުރި ގަރާރެކެވެ.

މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ދިމާވަނީ މުހިއްމު ދެ ކަމަކާއެވެ.

  • - ދުނިޔޭގެ ފުރަތަމަ މައުލޫމާތު ލިބިގަތުމުގެ ހައްގުގެ ގާނޫނަށް 250 އަހަރު ފުރުން (މި ގާނޫނު އޭރު ތަންފީޒު ކުރީ ސްވިޑަން އާއި ފިންލޭންޑް ގައި)

  • - ވިންޑްހޮކް ޑެކްލެރޭޝަން ގައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ އަސާސްތައް ބަލައިގަތްތާ 25 އަހަރު ފުރުން


  • މިއަހަރު ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ޝިއާރަކީ "މައުލޫމާތު ލިބިގަތުމާއި އަސާސީ މިނިވަންކަން، ކޮންމެ މީހެއްގެވެސް ހައްގެއް" މިއެވެ. އެ ޝިއާރުގައި ހިމެނޭ ތިން ކަމަކީ:

  • - މައުލޫމާތު ލިބިގަތުމުގެ ހައްގަކީ އަސާސީ އިންސާނީ ހައްގެއްކަން

  • - ސެންސަރު ކުރުމާއި، ފިއްތުންތަކާއި، ނުފޫޒުތަކުން މީޑިއާ ހިމާޔަތް ކުރުން

  • - އޮންލައިން އަދި އޮފްލައިންކޮށް ނޫސްވެރިކަމުގެ ރައްކާތެރިކަން ކަށަވަރު ކުރުން


  • މި ދުވަހާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ޔުނެސްކޯ އިން ނޫސްވެރިކަމުގެ މިނިވަންކަމުގެ އެވޯޑެއް ދެއެވެ. މިއަަރުގެ އެވޯޑް ލިބެނީ އަޒަރްބައިޖާނުގެ ތަހުގީގީ ނޫސްވެރިޔާ ހަދީޖާ އިސްމާޔިލޯވާ އަށެވެ.

    ހަދީޖާ އިސްމާޔިލޯވާ އަކީ ކާކު؟



    27 މޭ 1976 ގައި އަޒަރްބައިޖާނަށް އުފަންވި ހަދީޖާ އިސްމާޔިލޯވާ އަކީ ރޭޑިއޯ ފްރީ ޔޫރަޕް ނުވަތަ ރޭޑިއޯ ލިބަޓީގެ އަޒަރްބައިޖާން ސާވިސް ގައި މަސައްކަތް ކުރާ ރޭޑިއޯ ޕްރެޒެންޓަރެއް އަދި ތަހުގީގީ ނޫސްވެރި އެކެވެ. އޭނާ އަކީ "އޯގަނައިޒްޑް ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިންގް ޕްރޮޖެކްޓް" ގެ މެންބަރެކެވެ.

    "އޯގަނައިޒްޑް ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިންގް ޕްރޮޖެކްޓް" އަކީ އިރުމަތީ ޔޫރަޕްގައި ރާވައިގެން ހިންގާ ބޮޑެތި ޖަރީމާތަކާއި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް، އާއްމުންނަށް އެންގުމަށް މަސައްކަތް ކުރާ ނޫސްވެރިންގެ ޖަމިއްޔާ އެކެވެ.

    އެތަނުގެ މެންބަރެއްގެ ގޮތުގައި ހުރެ ކުރި މަސައްކަތްތަކުގެ ސަބަބުން 1 ޑިސެމްބަރ 2014 ގައި ހަދީޖާ ހައްޔަރު ކުރި އެވެ. އޭނާގެ މައްޗަށް އުފުލީ މީހުން އަމިއްލަ އަށް މަރުވުމަށް ހިތްވަރު ދިނުމުގެ ދައުވާ އެވެ. އޭގެ ފަހުން 1 ސެޕްޓެމްބަރ 2015 ގައި އޭނާ ހަތް އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ހުކުމް ކުރީ ފައިސާ އިން މަކަރު ހެދުމާއި، ޓެކްސް ނުދެއްކުމުގެ ކުށުގަ އެވެ.
    ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
    ހިޔާލު