Karaage Foni kan Nulibi Million Rfge Hithi Raha!
image
ތޮއްޑޫ ކަރާ ދަނޑެއް: މިއަހަރުގެ ރޯދަ އަށް ހެއްދި ކަރާތަކުގެ ބޮޑު ބައެއް ވަނީ ހަލާކުވެފައި--
7 ކޮމެންޓް
 

ކަރާގެ "ފޮނި"ކަން ނުލިބި މިލިއަން ރުފިޔާގެ ހިތިރަހަ!

ފަހުގެ ތާރީހުގައި ކޮންމެ އަހަރެއްގެ ރޯދަ މަހެއް ވެސް ނިމިގެންދާނީ އާންމުކޮށް އއ. ތޮއްޑު ކަރަ އިން ބާޒާރަށް އިތުރު "ފޮނި" ކަމެއް ގެނެސް ދިނުމަށް ފަހުގައެވެ. ނަމަވެސް މިއަހަރުގެ ރޯދަ މަސް އިއްޔެ ނިމިގެންދިޔަ އިރު މިފަހަރުގެ ރޯދަ މަހަކީ ތޮއްޑު ކަރާ ނެތުމުގެ ފަޅުކަން ބާޒާރަށް ލިބިގެން ދިޔަ ފަހަރެކެވެ.
ކަރާ ވިއްކުމަށް ހާއްސަ މާރުކޭޓްތައް ހަދައިގެން ހިންގި ދުވަސްތައް މާޒީގެ ތެރެއަށް ދޫކޮށްލާފައިވީ ނަމަވެސް މިފަހަރު ނޫން ކޮންމެ ފަހަރަކު ވެސް ތޮއްޑޫ އިން ގިނަ އަދަދެއްގެ ކަރާ ބާޒާރަށް ނެރެ އެވެ. ތޮއްޑޫގެ އެ އުފެއްދުމަށް ބޮޑު މާކެޓެއް އޮތް ނަމަވެސް މިފަހަރަކީ ތޮއްޑޫ ދަނޑުވެރިންގެ ތާރީހުގައި ވެސް އެންމެ މަދުން މާލެ އަށް ކާރާ ވިއްކަން ގެނެސްފައިވާ ފަހަރު ކަމަށް ރަށު ކައުންސިލުން ލަފާ ކުރެއެވެ.

ކައުންސިލް ބުނާ ގޮތުގައި މި އަހަރުގެ ރޯދަ މަހާ ކުރިމަތިލީ ކުރީ އަހަރުތަކެކޭ އެއްގޮތަށް ކަރާ ހެއްދުމަށް 114 ދަނޑު ދޫކޮށްފައި ވަނިކޮށެވެ. އެހުރިހާ ދަނޑުތަކެއްގައި ވެސް މިއަހަރުގެ ރޯދަ މަހަށް ކަރާ ހެއްދުމުގެ މަސައްކަތް ފޯރީގައި ކުރި އެވެ. ކުރީ އަހަރުތަކެކޭ އެއް ފަދައިން ތޮއްޑު ކަރާގެ "ފޮނި" ރަހަ މުޅި ބާޒާރުގައި ލައްވާލުމަށެވެ.

ތޮއްޑޫ ދަނޑުވެރިން ކިތަންމެ އުއްމީދެއް ހުރި ނަމަވެސް ކަން ދިމާވީ ވަރަށް ދެރަކޮށެވެ. ދަނޑުތަކުގައި ހެއްދި ކަރާގެ ތިންބައިކުޅަ ދެބައި ޖެހުނީ އުކާލާށެވެ. އެކަމުގެ ސަބަބުން ދަނޑުވެރިން މާޔޫސްކޮށްލި އިރު، މާލޭ ބާޒާރަށް ނެރެން ލިބުނީ ވަރަށް މަދު އަދަދެއްގެ ކަރަ އެވެ. ކައުންސިލުން ލަފާކުރާ ގޮތުގައި ތޮއްޑޫގައި ހެއްދި ކަރާތަކުގެ ތެރެއިން މާލޭ ބާޒާރަށް ގެންނަން ލިބުނީ ތިންބައިކުޅަ އެއްބައި، ގާތްގަނޑކަށް 30 އިންސައްތަ ކަރައެވެ. އަނެއް 70 އިންސައްތަ ޖެހުނީ އުކާލާށެވެ.

"މިއަހަރު ކަންތައްތައް ދިމާވީ ވަރަށް ދެރަކޮށް. ވަރަށް ބޮޑު ގެއްލުމެއް މިފަހަރު ލިބުނީ. ދަނޑުވެރިން ބުނާގޮތުން ނަމަ އެ މީހުން ހެއްދި ކަރާގެ ގާތްގަނޑަކަށް 70 އިންސައްތަ ޖެހުނީ އުކާލަން. ކަރާތައް އުކާލަން ޖެހުނީ ފާޑެއްގެ ބައްޔެއް ޖެހިގެން،" ތޮއްޑޫ ކައުންސިލުގެ ރައީސް ހަދީޖާ ނިއުޝާ ވިދާޅުވި އެވެ.

ރައިސް ނިއުޝާ ވިދާޅުވި ގޮތުގައި ކަރަ އަށް ޖެހުނު ބަލީގެ ސަބަބުން ދަނޑުވެރިން ދަނޑު ހެއްދުމަށް ކުރި ހަރަދު ވެސް މިފަހަރު ނުލިބެ އެވެ.

"އެ ބަލި ޖެހުމުން ކަރާގައި ފާޑެއްގެ ތިކިތަކެއް ޖަހާފައި ހުންނަނީ. އެތިކިތައް ޖަހާފައި ހުންނަ ކަރާގެ ތެރެ ހުންނަނީ ހަލާކުވެފައި. 10 ވަރަކަށް ތިކި ޖަހާފައި ހުންނަ ކަރާ ފަޅާފައި ބަލާއިރު އެތެރެ ހުންނަނީ މުޅިން ހަލާކުވެފައި. އެހެންވެގެން ވަރަށް ބޮޑު ގެއްލުމެއް މިފަހަރު ލިބުނީ،" ނިއުޝާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަނޑުވެރިންގެ މައުލޫމާތަށް ބަލާއިރު ދަނޑުވެރިންނަށް ލިބުނު ގެއްލުން މިލިއަން ރުފިޔާ އިން ގުނާލެވޭނެއެވެ. ދަނޑުވެރިންނަށް ލިބުނު ސާފު ގެއްލުމެއް ބެލިފައި ނެތް ނަމަވެސް ތޮއްޑޫގައި ކަރާ ހައްދަައިގެ މާލެ އަށް ކަރާ ގެނެސް ވިއްކަން ފެށި ފަހުން ލިބުނު އެންމެ ބޮޑު ގެއްލުން ލިބުނު އެއް ފަހަރަށް މި ފަހަރުވާނެކަމަށް ދަނޑުވެރިންނާ ހަވާލާދީ ކައުންސިލުގެ ރައީސާ ލަފާ ކުރައްވައެވެ.

ގާތްގަނޑަކަށް 1200 މީހުންގެ އާބާދީއެއް އޮންނަ ތޮއްޑޫ ދަނޑުވެރިންނަށް ލިބުނު ގެއްލުން މިފަހަރު ބޮޑުވި ނަމަވެސް އެމީހުންގެ އުއްމީދެއް ކަނޑައެއް ނުލައެވެ. މިއަހަރުގެ ރޯދަ މަހަށް ތޮއްޑޫގައި ހެއްދި ކަރާ ކޮންމެ ވެސް ވަރަކަށް ބާޒާރަށް ނެރުނެވެ. ނަމަވެސް އެއީ ވަރަށް މަދު އަދަދެކެވެ. ނަމަވެސް އެހީވާގި ދަނޑުވެރިން ތިބީ އަންނަ އަހަރުގެ ރޯދަ މަހަށް ތޮއްޑޫ ކަރައިން މާލޭ ބާޒާރު "ފޮނި"ކޮށްލައި މިފަހަރު ލިބުނު ގެއްލުން ފޫބައްދައިގެން ބޮޑު ނަފައެއް ލިބޭނެ ކަމުގެ އުއްމީދުގައެވެ.
ހިޔާލު

ޙަސަންބެ އެއް

ބަލަގަ ހަސަންބެ އާ. ތަންދޮރު ދަނެގެން ކަން ހިނގާ މަގު ހޯދައި ބަލާފަ ތިހެން ބުނެބަލަ. ތޮއްޑޫއިން 8ރ އަށް މާލެ ވިއްކީމަ 16 ރުފިޔާއަށް ބާޒާރުރުގެ ދަނޑުވެރިން ވިއްކަނީ އެއީ ވިޔަފާރިވެރިންނޭ

ހަސަން

70% ،މަދުން ނެރުނަސް ކޮންގެއްލުމެއްވާނީ، ވިއްކީ p0 އަގު ބޮޑު ކޮށް ވިއްޔަ.

ހަސަންބެ

ވީގޮތް ވަރަށް ސާފު. ތޮއްޑޫ ދަޑުވެރިން ބަންގާޅީންނަށް ބަރޯސާވެ ބެގީޖަހައިގެން އަޗާތަޅަން އުޅުމުގެ ނަތީޖާ. ބަންގާޅީން ބޭނުންވާ އިރަކު ބޭނުންވިވަރަކަށް ބޭސްއެޅީ ވަކި ލިމިޓެއް ބަލައިގެނެއްނޫނެވެ. ބޭހަކީ ވަކި މިންގަޑަކަށް އަޅަންޖެހޭ އެއްޗެކެވެ.

އިޝާން

ވ ރަނގަޅު ލިޔުމެެއް. ލިޔުމުގައި މައުލޫމާތްގެކުށް އެބަހުރި، ތޮއްޑޫގެ އާބާދީވެސް ލިޔެވިފައިވަނީ ގޯސްކޮށް

އިބޭ

ތިޔައީ ތި މީހުން ފާޑުފާޑުގެ ކެމިކަލްޖެހުމުގެ ނަތީޖާ

އިޒް

ކޮބާ ޝައިނީ ؟؟ ކަރާތަކަށް ބަލިޖެހުނުއިރު ކޮންމެ އާއިލާއަކަށް ޑޮކްޓަރެއްގެ ވައުދުގެ ދަށުން ކަރާ އާއިލާގެ ޑޮކްޓަރު ކޮބާ؟

އައްލޯ

ކޮބާތަ ކޮންމެ ދަނޑުވެރިޔަކަށް ދޭންބުނި 8000ރ