Hamzathuge Kulli Maru: Ihumaaluge Thuhumathuthakaa Eku Ailaa ai Rahumaitherinnah Fun Asaruthakeh
image
ގދ. ތިނަދޫ، ސިލްވަ އަހުމަދު ހަމްޒަތު--
1 ކޮމެންޓް
 

ހަމްޒަތުގެ މަރު: އިހުމާލުގެ ތުހުމަތާއެކު ރަހުމަތްތެރިންނަށް ފުން އަސަރުތަކެއް

މާފުށީ ޖަލުގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަނިކޮށް ސްޓްރޯކެއް ޖެހި ހާލު ބޮޑުވުމާއި ގުޅިގެން މާލެ ގެނެސް އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށް މަރުވި، ގދ. ތިނަދޫ، ސިލްވަ އަހުމަދު ހަމްޒަތުގެ ކުއްލި މަރާއެކު ތިނަދޫއަށާއި ރަހުމަތްތެރިންނަށް އެކަން ގަބޫލު ކުރަން އުނދަގޫވިއެވެ.
ހަމްޒަތަކީ "ފިޓު" މީހެކެވެ. ކުޅިވަރު ކުޅޭ ކަސްރަތު ކުރާ މީހެކެވެ. އުމުރުން 38 އަހަރުގެ ހަމްޒަތުގެ ކުއްލި މަރާ ގުޅިގެން އޭނާގެ އެކުވެރިއަކު ވީއެފްޕީއާ ވާހަކަ ދައްކަމުން ބުނީ، ހަމްޒަތަކީ ކުޅިވަރުގެ ދާއިރާގައި އުޅޭ މީހުންނާ ވަރަށް ގާތް ގުޅުމެއް އޮންނަ މީހެއް ކަމަށާއި އަދި ރަށުގެ ގިނަ ބަޔަކާއި ވެސް އެކުވެރި މީހެއް ކަމަށެވެ.

"ޒުވާނުން ކުޅިވަރަށާއި ކަސްރަތަށް އަހުލުވެރި ކުރުވަން ވަރަށް ބޮޑަށް ހިތްވަރު ދިން މީހެއް ހަމްޒަތަކީ. އޭނާ އަތުގަ ލާރި ހުރިއްޔާ އެހީވެސް ވާނެ،" ތިނަދޫއިން ވާހަކަ ދެއްކި ހަމްޒަތުގެ އެކުވެރިއަކު ބުންޏެވެ.

ތިނަދޫއަށް އުފަން ހަމްޒަތަކީ ރަށު ފެންވަރުގައި އަދި ގައުމީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ މޮޅު މިޑްފީލްޑަރެކެވެ. "ތިނަދޫ ޓީމަށް ޗެމްޕިއަންކަން ލިބުނު ފަހަރު ހަމްޒަތުގެ ދައުރު ވަރަށް ބޮޑު. ރަށު ފެންވަރުގަ އޮންނަ މުބާރާތްތަކުގަ ވެސް އޭނާއަކީ ފާހަގަކޮށްލެވޭ ވަރުގެ ކުޅުންތެރިއެއް. ސިނގިރޭޓް ބޮނިކޮށް އަޅުގަނޑުމެން ނުދެކެން ދުވަހަކު ވެސް. ވަރަށް ޑީސެންޓްކޮށް އުޅޭނީ، ހައްޔަރު ކުރުމާ ހަމައަށް ދިޔަ އިރު ވެސް ގޯސް ސިފައެއް ފާހަގައެއް ނުކުރެވޭ،" އޭނާއާއެކު އެއްޓީމެއްގައި ކުޅުނު މީހަކު ބުންޏެއެވެ.

ވެލެންސިއާ ޓީމަށް ވެސް ކުޅެފައިވާ ހަމްޒަތު ޖަލަށްލާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. ނަމަވެސް ތިނަދޫއިން ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި ހަމްޒަތަކީ ދެވަނަ ފުރުސަތު ހައްގު މީހެކެވެ. ތިނަދުއަށް ރީތި ނަން ހޯދައިދިން މީހެކެވެ. "ދިރިއުޅުމުގައި ކުށްކުރެވިފައި ހުންނާނެ ކޮންމެ މީހަކަށް ވެސް. އޭގެ މާނައަކީ މުޅި އުމުރު އޭނާ އެކަން ކުރާނެއެކޭ ނޫން. ހަމްޒަތަކީ ރަށަށް ބޭނުންތެރި ޒުވާނެއް. ހުނަރުވެރި މުސްތަގުބަލު އޮތް ޒުވާނެއް،"

މަސްތުވާތަކެތި ވިއްކަން އުޅުނު ކަމުގެ ކުށް ސާބިތުވެ ހަމްޒަތު ހައްޔަރުކުރިއިރު އޭނާއަށް ދެވަނަ ފުރަސަތެއްދީ މިނިވަންކުރާނެ ކަމަށް ތިނަދޫގެ ގިނަ ބަޔަކު އުންމީދު ކުރިއެވެ. "ހުކުމެއް ތަންފީޒުކުރިޔަސް އަޅުގަނޑުމެން ވަރަށް ދެކެން ބޭނުންވި އޭނާއަށް ދެވަނަ ފުރުސަތެއް ލިބި އެނބުރި މުޖުތަމައަށް އައިސް ރަނގަޅު ދިރިއުޅުމެއް އުޅޭތަން ބަލަން،" އެރަށު މީހަކު ބުނެއެވެ.

ހަމްޒަތުގެ ހާލު ސީރިއަސްވެ އޭޑީކޭގައި އޭނާއަށް ފަރުވާ ދެމުންދަނިކޮށް މަރުވިއިރު ހަމްޒަތުގެ ހާލު ސީރިއަސްވީ އޭނާއަށް އެކަށީގެންވާ ފަރުވާ ނުދެވި ލަސްވުމުގެ ސަބަބުން ކަމަށް އަޑުފެތުރިފައިވެއެވެ. "ކުށް ކުރީމަ ޖަލަށްދާން ޖެހޭނެ. އަދަބު ލިބޭނެ. އެކަމަކު އޭގެ މާނައެއް ނޫން ދެއްތޯ އެމީހަކާ މެދު އިހުމާލުވުމަކީ. ކާކަށްތޯ އެނގެނީ ހަމްޒަތުގެ ފަރާތުން ދެން މެދުވެރިވާނީ ކޮންފަދަ ރަނގަޅު ކަންތައްތަކެއްކަން. އެންމެ ދެރަވަނީ ހަމްޒަތު ބަލިވުމުން އޭނާއަށް ފަރުވާ ނުދެވިގެން މަރުވި ކަމަށް ބުނާތީ،" ތިނަދޫއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ހަމްޒަތުގެ އާއިލާގެ ބަހެއް ހޯދަން މަސައްކަތް ކުރުމުން އެކަމަށް އާއިލާއިން އެއްބާރުލުން ދީފައެއް ނުވެއެވެ. އާއިލާއިން ބުނީ ކަރެކްޝަނާއި އެހެނިހެން އިދާރާތަކަށް ގުޅައިގެން މައުލޫމާތު ހޯދުމަށެވެ.

ހަމްޒަތުގެ އާއިލާއާއި ގާތް މީހަކު ނަން ހާމަ ނުކުރުމަށް އެދި މައުލޫމާތު ދިން ގޮތުގައި ހަމްޒަތަށް އެކަށީގެންވާ ފަރުވާ ދެވުނު ނަމަ ހަމްޒަތުގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމަށް އާއިލާއިން ގަބޫލު ކުރެއެވެ. ނަމަވެސް އާއިލާއަށް ކުރިމަތިވެފައިވާ ހިތާމައިގެ ސަބަބުން އިތުރަށް އެވާހަކަތައް ދައްކާ އާއިލާއަށް ތަކުލީފު އިތުރުވުމަށް ބޭނުމެއް ނުވެއެވެ.

ހަމްޒަތު މަރުވިއިރު އޭނާގެ އަނތްބަކާއި އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ދުނިޔޭގައި އެބަތިއްބެވެ.
މަރު ގދ. ތިނަދޫ
ހިޔާލު

އަޙުމަދު

ޖަލަށް ގެންދާއިރު ޞިއްޙަތު ސަލާމަތުން ތިބޭ މީހުން، ވަކިން ޚާއްޞަކޮށް ޒުވާނު އުމުރުގެ މީހުން، އެތަނަށް ވެއްދުމަށް ފަހު ބޮޑެތި ޞިއްޙީ މައްސަލަތައް އުފެދި ފަރުވާ ނުލިބި ނުވަތަ ފަރުވާ ލިބުނަސް، ދިގު މުއްދަތަށް ފަރުވާ ހޯދަންޖެހުމާއި މަރުވެގެންދިއުމަކީ ޖަލު ބަލަހައްޓާ މީހުން ޒިއްމާވެ ޖަވާބުދާރީވާންޖެހޭނެ ކަމެކެވެ.