Sridevi Ge Dharifulhu Khushi Aai Shah Ge Dharifulhu Aryan Ekugai Bollywood Ah
image
ހުށީ ކަޕޫރާއި އަރްޔާން ހާން--
0 ކޮމެންޓް
 

ސްރީދޭވީގެ ދަރިފުޅު ހުޝީ އާއި ޝާހުގެ ދަރިފުޅު އަރްޔާން އެކުގައި ބޮލީވުޑަށް؟

ބޮލީވުޑުގެ ލެޖެންޑް ސްރީދޭވީގެ ހަގު އަންހެން ދަރިފުޅު، ހުޝީ ކަޕޫރާއި މަޝްހޫރު ބަތަލު ޝާހްރުކް ހާނުގެ އެންމެ ދޮށީ ފިރިހެން ދަރިފުޅު، އަރްޔާން ހާނު އެކުގައި ބޮލީވުޑަށް ނުކުތުމަށް ތައްޔާރުވަމުން އަންނަކަމަށް ހަބަރުތައް ބުނެފިއެވެ.
ބައެއް ފަރާތްތަކާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުހައި ބުނަމުން އަންނަ ގޮތުގައި، ހުޝީ އާއި އަރްޔާން ބޮލީވުޑަށް ތައާރަފުކުރާނީ ބޮލީވުޑުގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރެވެ. އަދި މިހާރު ކަރަން އަންނަނީ ރަނގަޅު ސްކްރިޕްޓެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ފިލްމުގެ މަސައްކަތް ފެށޭނެ ކިހާ ހިސާބެއްގައިކަން އެނގިފައެއް ނުވެއެވެ.

ބޮލީވުޑުގައި މަސައްކަތްކުރުމުގެ ޝައުގު އުމުރުން އެންމެ 17 އަހަރުގެ ހުށީގައި އެބަހުރިކަމަށް އޭނާގެ ބައްޕަ އަދި ޕްރޮޑިއުސަރު ބޮނީ ބުނެއެވެ. އެގޮތުން ކުރިން މޮޑެލްކުރަން ބޭނުންވި ހުށީ ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް އެހީތެރިވާނެކަމަށް ބޮނީ ބުނެފައިވެއެވެ. ނަމަވެސް އުމުރުން 20 އަހަރުގެ އަރްޔާން ބޮލީވުޑަށް ތައާރަފުވާން ބޭނުންވާކަމަށް އޭނާގެ ބައްޕަގެ އިތުރުން މަންމަ ވެސް މީގެކުރިން ހާމަކޮށްފައެއް ނުވެއެވެ. ކެލިފޯނިއާގައި މަތީ ތައުލީމު ހާސިލުކުރަމުން އަންނަ އަރްޔާނުގެ ކޮއްކޮ ސުހާނާ ބޮލީވުޑަށް ތައާރަފުވާން ބޭނުންވާކަމަށް ޝާހު ބުނެއެވެ. އަދި މިހާރު އޭނާ ބޮލީވުޑަށް ނެރެދޭނެ މީހަކު ހޯދުމުގެ މަސައްކަތް ވެސް ޝާހު ދަނީ ކުރަމުންނެވެ.

ދާދިފަހުން ސްރީދޭވީ އެންމެ ދޮށީ ދަރިފުޅު ޖާންވީ ވެސް ވަނީ ކަރަން ޖޯހަރުގެ ފިލްމަކުން ބޮލީވުޑަށް ތައާރަފުވެފައެވެ. އަދި ފިލްމަށް ރަނގަޅު ތަރުހީބެއް ވެސް ލިބިފައިވެއެވެ. ހުރީ އާއި އަރްޔާން ވެސް ބޮލީވުޑަށް ނެރެދޭނީ ކަރަން ޖޯހަރުކަމަށް ބުނަމުން އަންނައިރު އޭނާ ވަނީ އާލިއާ ބަޓް އާއި ސިދާތު މަލްހޯތްރާ އަދި ވަރުން ދާވަން ވެސް ބޮލީވުޑަށް ނެރެދީފައެވެ. އެތަރިން މިހާރު ބޮލީވުޑުގައި ފިޔަޖަހަމުން އަންނައިރު ކަރަން އަންނަނީ އެކްޓަރު ޗަންކީ ޕާންޑޭގެ އަންހެން ދަރިފުޅު އަނަންޔާ ވެސް ބޮލީވުޑަށް ނެރުމަށް މަސައްކަތް ކުރަމުންނެވެ.
ހިޔާލު