Huvaa kurenvumuge kurin Inthihaabee Raees ge Maalee bayaan Aamu kuravva Namoonaa dhahakavaa
image
އިންތިހާބީ ރައީސް (ކ)ގައި އަދި އިންތިހާބީ ނައިބު ރައީސް ފައިސަލް ކެމްޕެއިނުގައި: މަގާމުގެ ހުވާ މާދަމާ ކުރައްވާނެ--
8 ކޮމެންޓް
 

ސިޓީ: ހުވާކުރުމުގެ ކުރިން އިންތިހާބީ ރައީސާއި ނައިބު ރައީސްގެ މާލީ ބަޔާން އާންމު ކުރައްވާ ނަމޫނާ ދައްކަވާ

އިންތިހާބީ ރައީސް އޮނަރަބަލް އިބްރާހީމް މުހައްމަދު ސޯލިހަށާއި އިންތިހާބީ ނައިބު ރައީސް އޮނަރަބަލް ފައިސަލް ނަސީމަށް
ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.

މާތްﷲގެ މިންވަރުފުޅުން މާދަމާއަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ މަނިކުފާނު ހަވާލުވެވަޑައިގަންނަވާނެ ދުވަހެވެ. އެ ދުވަސްވެގެންދާނީ ރާއްޖޭގެ ތާރީހުގައި އެއްގޮތަކަށްވުރެ ގިނަ ގޮތްގޮތުން ފާހަގަކުރެވޭ ދުވަހަކަށެވެ. އެންމެ ގިނަ ބައެއްގެ އުއްމީދަކަށްވެފައިވާނީ ދައުލަތުން ވައްކަންނުކޮށް ކްރޮޕްޝަނާ ދެކޮޅަށް އިންސާފުވެރިކަމާއެކު ދައުލަތް ހިންގައިދިނުމެވެ.

ރައީސް ޔާމީނާ ދިމާލަށް ތުހުމަތު އެކުރާވަރުގެ ހުތުރު ތުހަމަތުތައް މަނިކުފާނާ ދިމާލަށް ނުކުރާނެކަމަށް ގިނަަަަަަަަަަަަަަަ ބަޔަކު އުއްމީދުކުރާމެވެ. ސަބަބަކީ މަނިކުފާނަކީ ފެށުނީސްސުރެންވެސް އެ ފަދަ ކަންކަން ނުކުރައްވާ ބޭފުޅެއްކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވިފައި އޮތުމެވެ. ނަމަވެސް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަގާމާ ހަވާލުވެ ވަޑައިގެންނެވުމުން ބައެއް ފަހަރު ކަންކަން ހިނގަނީ ރައްޔިތުން އުއްމީދުކުރާ މަގަކުން ނޫން ކަން ހަނދާންކުރަން ޖެހެއެވެ.

މަނިކުފާނު ގައުމާ ހަވާލުވަނީ ގައުމުގެ ވެރިކަން ކުރެއްވި ރައީސް ޔާމީނަށް ވައްކަމުގެ ތުހުމަތު ވަރަށް ބޮޑަށް ކުރެވިފައިވާ އަދި އެކަން ގިނަ ބަޔަކަށް ގަބޫލުވެސް ކުރެވިފައިވާ ފަނޑިވަޅެއްގައެވެ. އެހެންކަމުން މަނިކުފާނުވެސް އެމަގުން ނުދާނެކަމާއި މަނިކުފާނުގެ މުއްސަނދިކަމެއް އޮތް ނަމަ އެމުއްސަނދިކަމަކީ ކޮބައިކަން މަގާމާ ހަވާލުވުމުގެ ކުރިން ހުރިހާ ރައްޔިތުންނަށް އަންގާ ހާމަކުރުމަކީ މަނިކުފާނާ މެދު ކުރެވޭ އިތުބާރު އިންތިހާއަށް ބޮޑުވެގެންދާނެކަމެކެވެ.

ގައުމުގެ ވެރިކަމާ މަނިކުފާނު ހަވާލުވެވަޑައި ތިޔަ ގަންނަވަނީ ގައުމުގެ ކަންކަން ވަރަށް ބޮޑަށް ބޮއްސުންލާފައިވާ ދަނޑިވަޅެއްގައިކަމުން މަނިކުފާނަކީ ހުރިހާ ކަމެއްގައި ނަމޫނާ ދައްކަންކެރޭވަރުގެ ހިތްވަރާއި ފަންވަރު ހުރި ބޭފުޅަކަށްވާންޖެހޭނެއެވެ. އަދި ނަމޫނާ ދައްކަވަން ޖެހޭނީ ކޮންމެހެން ގާނޫނަކުން ނުވަތަ އެހެންވެސް އެ ފަދަ ބަނދެވުމަކުން ލާޒިމްކޮށްގެންނެތްވެސް ނޫނެވެ. ސަބަބަކީ އިހުލާސްތެރިކަަން ހުންނަ މީހުން އެމީހުން ގަބޫލުކުރާ އަދި އަށަގެންނެވުމަށް ބޭނުންވާ ސިފަތައް ތައާރަފްކުރުމުގައި އިސްކަން ދޭންޖެހޭނީ ކޮންމެހެން ގާނޫނުން ލާޒިމްކޮށްގެންނޫން ތާއެވެ.

ފަސް އަހަރުގެ ދައުރެއް ހަމަކުރައްވާ ރައީސްކަމުން މާދަމާ ވަކިވެވަޑައިގަންނަވާ ރައީސް ޔާމީނުގެ މައްޗަށް ގާނޫނުން ލާޒިމްކުރި މާލީ ބާޔާން ވެސް ހުށަހެޅުމުގެ ހިތްވްރާއި ފެންވަރު ނެތްކަން އެނގި ރައްޔިތުންގެ ކުރިމަތީގައި ފަލީހަތްވެގެންދިޔައީ ގާނޫނުން ރައީސް ޔާމިނުގެ މައްޗަށް ލާޒިމްކޮށްފައިވާ މާލީ ބަޔާން ހުށަހަޅާފައިނުވާކަމަށް އޮޑިޓް އޮފީހުން އިއުލާންކުރުމުންނެވެ. އަޅުގަނޑު ދެކޭގޮތުގައި ރައީސް ޔާމީނުގެ އަރިހުގައި އެވަރުގެ ހިތްވަރާއި ކެރުންތެރިކަމާއި ގާނޫނު ނެގެހެއްޓުމުގެ ހިތްވަރު ނެތް ނަމަ ވެސް މަނިކުފާނަކީ އެ ފަދަ ކަންކަން ކުރައްވަން ކެރިވަޑައިގަންނަވާ ބޭފުޅެއްކަމަށް ގަބޫލުކުރެވެއެވެ.

މާދަމާ ހަވީރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގައި މަނިކުފާނު މިގައުމުގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވާނެވެ. އަޅުގަނޑު ދެކޭގޮތުގައި މަނިކުފާނު ގައުމުގެ ރައީސްކަމުގެ ހުވާކުރައްވާއިރު މަނިކުފާނުގެ މާލީ ހާލަތު ހުރިގޮތާއި މުއްސަނދިކަމާއި އެ ނޫންވެސް ފޯރުންތެރިކަން ހުރި މިންވަރު މަނިކުފާނުގެ ރައްޔިތުންނަށް އެނގުމަކީ މި ގައުމުގެ އިސްލާހުގެ މަގަށް ގެންދަން ތިޔަ ކުރައްވާ މަސައްކަތުގައި ނުހަނު ބޭނުންތެރިކަމެކެވެ. އަދި އެއީ ގައުމުގެ ހަލާތުގައި އާ ބާބެއް ހުޅުވިގެންދާނެ ދުވަހަކެވެ.

މަނިކުފާނަކީ އަދިވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްކަމުން، މަޖިލީހުގެ މެމްބަރުންނަން ލާޒިމް ކުރާ މާލީ ބަޔާން މަޖިލީހަށް ހުށަހަޅާފައި އޮންނާނެކަމާ މެދު ޝައްކެއްނެތެވެ. ނަމަވެސް އެ މާލީ ބަޔާނަކީ މަތާރަންފިލާ މަތީގައި އެއްޗެހި ފޮރުވާ ފަދައިން ފޮރުވާފައިވާ އެއްޗެއްކަމަށް ބެލެވިދާނެއެވެ. ނަމަވެސް މިހާރު މަނިކުފާނުގެ މާލީ އަދި އެހެންވެސް އެފަދަ ކަންކަމަކީ އެ ގޮތަށް ފޮރުވައިގެން ވާނެކަމެއްކަމަށް ނުފެންނަނީ މަނިކުފާނާ މެދު ރައްޔިތުން ކުރާ އިތުބާރަށްޓަކައެވެ. އަދި މަގާމުން ވަކިވެވަޑައިގަންނަވާއިރު މަނިކުފާނަށް ލިބިވަޑައިގެންނެވި މަންފާތަކާއި ފައިދާތައް ވަޒަން ކުރަން ރައްޔިތުންނަށް އެނގޭނެ ގޮތެއް ހުޅުވާލަ ދިނުމަކީ ރީތި އަދި ނުހަނު ބޭނުންތެރިކަމެއްކަމަށް ވާތީ އެވެ.

ވީމާ މާދަމާ ގައުމުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން މަނިކުފާނާއި މަނިކުފާނުގެ ނައިބް ރައީސްގެ މާލީ ބަޔާން އާންމުކުރުމުގެ ހިތްވަރު ހުރިކަން މަނިކުފާނުގެ ރައްޔިތުންނަށް ދައްކަމުވައި ނަމޫނާ ދެއްކެވުމަށް ނުހަނު އިހްލާސްތެރިކަމާއެކު ދަންނަވަމެވެ.

އަދި ދަންނަވަމެވެ. ގާނޫނު ބުނާ މިންވަރުން އަހަރަކު އެއް ފަހަރު އޮޑިޓް އޮފީހަށް މާލީ ބަޔާން ހުށަހެޅުމުގެ އިތުރުން ރައްޔިތުންނަށް ވެސް ފެންނާނޭހެން އަހަރަކު އެއް ފަހަރު އޮޑިޓް އޮފީހަށް ހުށަހަޅުއްވާ މާލީ ބަޔާން އާންމުކުރުމަށް ވެސް ދަންނަވަމެވެ. އަޅުގަނޑުގެ ދުއާ އަކީ މަނިކުފާނުގެ ވެރިކަމުގައި މަނިކުފާނަށާއި ގައުމަށް ކުރިއެރުމާއި ހަމަޖެހުން ލިބިގެންދިއުމެވެ.

އިހްތިރާމް ގަބޫލު ކުރެއްވުން އެދެމެވެ.

16 ނޮމެމްބަރު 2018

މުހައްމަދު އިބްރާހީމް ރަޝީދު

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް،
މާލެ/ ދިވެހި ރާއްޖެ
ހިޔާލު

މޫސަ

ނުކުރޭނެ އިބޫ އަކަށް މާލީ ބަޔާން އާންމުކުރާކަން. އެހިނގާ ބަލަން. ކެރޭތޯ. އިބޫއަކީ ތިޔަ ފަދަ ހިތްވަރެއް ހުރި ބޭފުޅެއް ނަމަ މިހާރު އޮންނާނީ މާލީ ބަޔާން އާންމުކޮށްފައި އަދި ވަޒީރުންގެ މަޖިލީހަށް ނަގާ މީހުންގެ ބަޔާންވެސް އާންމުކުރުވާމޭ އިބޫ ވިދާޅުވާނެ. ނުކެރުނެއް ނުން އެކަން ކޮށްލައި. މަގާމު ލިބުމުން ދެން ވާނީ އެއްގޮޔެއް. ރީތި ސިފައެއްގެ ވާހަކަ ދޯ މިލިިއުމުގައި މި ދައްކާފައި މިވަނީ. ވަރަށް ސަލާން

ނިހާން މޫސަ

އަސްލު ލިޔުމުގައި ބަޔާންކޮށްފައި މިވަނީ ވަރަށް ރަނގަޅުވާހަކައެއް. ނަމަވެސް ހިތާމައަކީ ލިޔުންތެރިޔާ ބުނެފައިވާ ކަންކަން ކުރުމަށް އިބޫ ފަސްޖެހެމުންދާހެން ހީވާތީ. މި ލިޔުން ނުލިޔުނަސް އިބޫ ޖެހޭނެ ދޯކުރިންވެސް މާލީ ބަޔާން އާންމުކޮށް ނަމޫނާ ދައްކައިދޭން. އޭރުންދޯ އިބޫއަށްޓަކައި ފަހަރުވެރިވެވޭނީ.

މުއާ

އިބޫ ކީއްވެތަ އެބުނާހެން ތިޔާ އިހުލާސްތެރިނަމަ ތިމާގެ މާލީ ބަޔާން އާންމުކޮށްލަން ޔިޔަ ފަސް ޖެހޭނީ. ރައީސް ޔާމީނު ވިދާޅުވާހެން ގާނޫނުގައި ނެތީމަ ނުކުރަން ތަ ތި ހުންނަވަނީ. ތިހެން ނުހައްދަވާ. ނަމޫނާ ދައްކަވާ. އިބޫ ޖެހޭނެދޯ އެންމެންނަށް ނަމޫނާއަކަށްވާން.

މަސީހް

އިބޫއަށް ދަންނަވާލަން. މި ލިޔުމުގައިވާގޮތަށް އިބޫ އާއި ފައިސަލްގެ ވެސް މާލީ ބަޔާން އަވަހަށް އާންމުކުރައްވާ ރައްޔިތުންނަށް ނަމޫނާ ދައްކަވާ. އެއަށް ފަހު ވަޒީރުކަމަށް އައްޔަނުކުރައްވަން ގަސްދުކުރައްވާ ބޭބޭފުޅުންގެ ވެސް މާލީ ބަޔާން އާންމުކުރައްވަން ބާރު އަޅުއްވާ. ވަޒީރުކަން ހަވާލުކުރަން ޖެހޭނީ އެ މީހެއްގެ މާލީ ބަޔާން ރައްޔިތުންނަށް އާންމުކުރުމުން. އޭރުންދޯ ތިޔަ ބޭބޭފުޅުންގެ ހާލަތު އެނގޭނީ. މާލީ ބަޔާން ހުށަހެޅިޔަސް އެނގޭ ވައްކަންކުރުމަށް އޮތް ދޮރު ބަންދުނުވާނެކަން. ނަމަވެސް ބަޔާން އާންމުކުރުމުން ވަރަށް ބޮޑު އެއްޗެއް ރައްޔިތުންނަށް އެނގޭނެދޯ. ފަހުންވެސް ކިޔާނެ ވާހަކަ އާއި ހަގީގަތް ފެންނާނެދޯ.

ޔާމީން

ނިމިދިޔަ ސަރުކާރުގައި ކަންކަން ހިނގާފައިވާ ގޮތާ ހިލާފަށް އިބޫގެ އެޑްމިނިސްޓްރޭޝަނުގައި ކަންކަން ހިނގާނެކަމަށް އުއްމީދުކުރަން. އެހެންކަމުން ފުރަތަމަ ކަމެއްގެ ގޮތުން އިބޫގެ މާލީ ބަޔާން އާންމުކޮށްލުމަކީ ވަރަށް މުހިންމު އަދި ބޭނުންތެރިކަމެއް.

ފާތުން

ކްރޮޕްޝަނާއި ވައްކަމާ ދެކޮޅަށް ވަރަށް ބާރަށް އަޑު އުފުއްލެވި އުފުއްލެވުމުގެ ނަތީޖާއެއްގެ ގޮތުން މި ލިޔުމުގައިވާ ކަންކަން ކުރައްވާ. އިބޫއަށް ގޮވާލަން އަދިވެސް ހުވާކުރުމުގެ ކުރިން މާލީ ބަޔާން އާންމުކުރައްވަން. ކީއްވެތޯ ނުކެރެންވީ މާލީ ބަޔާން އާންމުކުރަން. ކޮންމެހެން ގާނޫނުގައި ނެތް ނަމަވެސް ރައްޔިތުންގެ އިތުބާޜު ބޮޑުވާ އަދި ރަނގަޅު ކޮންމެ ކަމެއް ކުރުމުގެ ހިތްވަރު އިބޫ އާއި އިބޫގެ ސަރުކާރުގައި ހުންނަންވާނެ. ހަތަރު ލީޑަރުންވެސް އެބަޖެހޭ އެކަމަށް ބާރު އަޅުއްވައިދެއްވަން. އޭރުންދޯ އިހްލާސްތެރިކަމެއްކުރިކަން އެނގޭނީ

ކެޔޮޅު

އަސްލު މީއީ ވަރަށް ރަނގަޅު ލިޔުމެއް. އިބޫއަށް ކެރޭ ނަމަ ހުވާ ކުރުމުގެ ކުރިން އިބޫގެ މާލީ ހަލާތު ރައްޔިތުންނަށް ބުނެދިނުމަކީ ވަރަށް މުހިންމުކަމެއް. މިގައުމުގައި ވައްކަމާއި ކްރޮޕްޝަން އަށަގަނެވފައިވާ ވަރުން މިއީކުރަންޖެހޭކަމެއް. އަދި ނައިބު ރައީސްވެސް މިކަންކުރަންޖެހޭ. ގާނޫނެއް ނެތަސް އޮތަސް އިބޫގެ މާލީ ބަޔާން އަވަހަށް އާންމުކޮށްލައްވާ. އެކަން ކުރުމަކީ ގައުމަށްޓަކައި ކުރައްވާ ވަރަށ މުހިންމު މަސައްކަތެއް. ޕްލީޒް

ގައުމު

މިއީ ވަރަށް ރަނގަޅު ވާހަކައެއް. އިބޫ އަަށް މިކަން ކުރަން ކެރެންވާނެ.