Paparazzin Photo Nagaafaanethee Kaiveneege Haflaa Ah Priyanka Dhanee Helicopter Gai
image
ޕްރިޔަންކާ އާއި ނިކް ޖޯނަސް--
0 ކޮމެންޓް
 

ޕަޕަރާޒީން ފޮޓޯ ނަގާފާނެތީ ކައިވެނީގެ ހަފުލާއަށް ޕްރިޔަންކާ ދަނީ ހެލިކޮޕްޓަރުގައި

ބޮލީވުޑުން އެންމެ ގިނަ ބަޔަކު މިވަގުތު އެންމެ ބޮޑަށް އިންތިޒާރު ކުރަމުން އަންނަނީ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ހޮލީވުޑުގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ކައިވެންޏާއި ކަމާމެދު ޝައްކެއް ނެތެވެ.
އަންނަ މަހުގެ ކުރީ ކޮޅުގައި އިންޑިއާގެ ޖޯދްޕޫރުގެ އުމައިދު ބާވަން ޕެލަސްގައި ކައިވެނި ކުރަން ނިންމާފައިވާ ޕްރިޔަންކާ އޭނާގެ ކައިވެނީގެ ހަފުލާއަށް ދާނީ ހެލިކޮޕްޓަރުގައި ކަމަށް ހަބަރުތައް ބުނެއެވެ. އަދި އެގޮތަށް ޕްރިޔަންކާ ނިންމީ އޭނާ ކައިވެނިކުރުމުގެ ކުރިން ޕަޕަރާޒީން އޭނާގެ ފޮޓޯތައް ނަގާއި އާއްމު ކުރަން ބޭނުން ނުވާތީ ކަމަށް ވެއެވެ.

ކައިވެނި ކުރުމަށް އުދައިޕޫރުން ޖޯދްޕޫރަށް ގޮސް ޕްރިޔަންކާ އެތަނަށްދާ ހެލިކޮޕްޓަރު ތިރިކުރާނީ ސީދާ ކައިވެނީގެ ހަފުލާ އޮންނަ ޕެލަހަށް ކަމަށް ވެއެވެ. އެގޮތުން ހަބަރުތައް ބުނާ ގޮތުން، އެ ހެލިކޮޕްޓަރު ބުކް ކޮށްފައިވަނީ މިމަހުގެ 29 އަދި އަންނަ މަހުގެ ތިން ވަނަ ދުވަހަށެވެ. ނަމަވެސް ޕްރިޔަންކާއާއެކު ހެލިކޮޕްޓަރުގައި އެތަނަށް ދަނީ ކޮން ބައެއްކަން ސާފުވެފައި ނުވާއިރު ކައިވެނީގައި ބައިވެރިވާ މެހެމާނުން ވެސް އެޕެލަހަށް ގެންދާނީ އެ ހެލިކޮޕްޓަރުގައެވެ.

އުމުރުން 36 އަހަރުގެ ޕްރިޔަންކާ އާއި 26 އަހަރުގެ ނިކްގެ ކައިވެނީގެ ކުރިން އޮންނަ ހަފުލާތައް ފެށޭނީ މިމަހުގެ 29 ގައެވެ. އެގޮތުން މެހެންދީ ހަފުލާ އާއި ސަންގީތު ހަފުލާ ވެސް ބޭއްވުމަށް ނިންމާފައިވަނީ ކައިވެނިކުރަން ނިންމާފައިވާ އުމައިދު ބާވަން ޕެލަސް ގައެވެ.

ނިއު ޔޯކަށް އުފަން ނިކް ވެސް މިހާރު ހުރީ އިންޑިއާގައެވެ. އޭނާގެ ކައިވެނީގައި ބައިވެރިވުމަށް ނިއުޔޯކުގައި ދިރިއުޅެމުން އަންނަ އޭނާގެ އާއިލާގެ މެމްބަރުން ވެސް އިންޑިއާއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

ޕްރިޔަންކާ އޭނާގެ ކައިވެންޏާއި ގުޅޭ ގޮތުން މިހާތަނަށް މާގިނަ މައުލޫމާތުތަކެއް މީޑިއާއަށް ހިއްސާއެއް ނުކުރެއެވެ. އެހެންކަމުން، އޭނާގެ ކައިވެނީގައި ފެނިގެންދާނީ އިންޑިއަން ނުވަތަ ވެސްޓާން ސްޓައިލަކަށް ކަން އެނގިފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ މެޓް ގާލާއިން ޕްރިޔަންކާ އާއި ނިކް ފުރަތަމަ ފަހަރަށް ބައްދަލުވިއިރު އެމީހުން ރަސްމީކޮށް އެންގޭޖުވެފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އިންޑިއާގައެވެ.
ހިޔާލު